18 ސެޕްޓެމްބަރ 2018 - 12:41

އިސްލާމްއާބާދު (ސެޕްޓެމްބަރު 18) - ޕާކިސްތާނުގެ ބޮޑު ވަޒީރު ކަމަށް އިމްރާން ޚާން ވަޑައިގަތުމަށް ފަހު ވަނީ ޚަރަދު ކުޑަކުރުމުގެ ގޮތުން ވަރަށް ގިނަ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އޭގެ ތެރޭގައި ބޮޑު ވަޒީރުގެ ވެހިކަލް ފްލީޓް މަދުކުރެއްވުން ހިމެނެ އެވެ.

ބޮޑު ވަޒީރު ބޭނުންކުރެއްވި ވަޒަން ނާރާ ކާރުތަކާއި ޖިޕްތަކާ އަދި ހެލިކޮޕްޓަރުތަކަށް ބިޑް ހުށަހެޅުމަށް ގިނަ ބަޔަކު އިއްޔެ ޝައުގުވެރިވި އެވެ. އެކަމަކު ބޮޑު ވަޒީރުގެ ގެކޮޅުގެ ބަގީޗާ ސަރަހައްދުގައި ބޭއްވި ނީލަމުން އުއްމީދުކުރި ވަރުގެ ނަތީޖާއެއް ނުލިބުނެވެ. އޭގެ ބަދަލުގައި ވެހިކަލްތަކުގެ އަގު އެނގުމުން ނީލަމުގައި ބައިވެރިވާން ދިޔަ މީހުންގެ ގާތަށް ވެސް ވަނީ ހިނި އައިސްފަ އެވެ.
ސަރުކާރުން އުއްމީދުކުރީ ވެހިކަލްތައް ވިއްކައިގެން އިއްޔެ 16 މިލިއަން ޑޮލަރު ލިބޭނެ ކަމަށެވެ. އެކަމަކު އިއްޔެގެ ނީލަމުން ލިބުނީ 600،000 ޑޮލަރެވެ. ނީލަމަށްލި ހަތަރު ހެލިކޮޕްޓަރަށް ގިނަ ބަޔަކު ޝައުގުވެރިކަން ފާޅުކުރި އެވެ. އެކަމަކު ހެލިކޮޕްޓަރުތަކުގެ ނީލަން ވަނީ މިމަހު ފަހުކޮޅަށް ފަސްކޮށްފަ އެވެ.
ބޮޑު ވަޒީރުގެ ވެހިކަލް ފްލީޓުގެ ތެރޭން 100 އަށް ވުރެ ގިނަ ކާރު އިއްޔެ ވަނީ ނީލަމަށް ލައިފަ އެވެ. މީގެ ތެރޭން ދެބައިކުޅަ އެއްބަޔަކީ ލަގްޒަރީ ވެހިކަލްތަކެވެ. އިއްޔެގެ ނީލަމުގައި ވިކިފައި ވަނީ 62 ވެހިކަލެވެ. ނީލަމަށްލި ވެހިކަލްތަކުގެ ތެރޭގައި ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފުގެ ވެރިކަމުގައި 2015 އަހަރު ގަނެފައިވާ މާސިޑީޒް އެސް-600އެސްގެ ދެ ކާރު ހިމެނެ އެވެ. އެކަމަކު މިއިން ކޮންމެ ވެހިކަލެއްގެ އަގަކީ 1.3 މިލިއަން ޑޮލަރު ކަމަށް ބުނުމުން ބިޑް ހުށަހަޅަން ދިޔަ 500 ވަރަކަށް މީހުން ވަނީ ޖޯކް ޖަހައިފަ އެވެ. މިއިން އެއްވެސް ކާރެއް ވިކިފައެއް ނުވެ އެވެ. މީގެ އިތުރުން ހަތް ބީއެމްޑަބްލިއު އާއި 14 މާސިޑީޒް އެސް-300އެސް ކާރު ވެސް ވިކިފައެއް ނުވެ އެވެ.
އެންމެ އަގުބޮޑުކޮށް ވިކިފައި ވަނީ ވަޒަން ނާރާ 2015 ޓޮޔޯޓާ ލޭންޑް ކްރޫޒާއެކެވެ. އެ ކާރު ވިކިފައި ވަނީ 200،000 ޑޮލަރަށެވެ. މީގެ އިތުރުން ވަޒަން ނާރާ 2005 މާސިޑީޒް ހަތަރު ޖިޕް ވެސް ވަނީ ވިކިފަ އެވެ. ނީލަމަށްލި ގިނަ ވެހިކަލްތަކަކީ ކުރީގެ މޮޑެލްތަކެވެ. އޭގެ ތެރޭގައި 1980ގެ އަހަރުތަކުގެ ވެހިކަލްތައް ވެސް ހުއްޓެވެ.
ކޮރަޕްޝަން ނައްތާލުމުގެ ވައުދާއެކު ވެރިކަމަށް ވަޑައިގެންނެވި ޕާކިސްތާން ތަހްރީކީ އިންސާފް (ޕީޓީއައި) ގެ ލީޑަރު އިމްރާން ޚާން ވަނީ ޚަރަދު ކުޑަކުރުމުގެ ގޮތުން ބޮޑު ވަޒީރުގެ ރަސްމީ ގެކޮޅުގައި ވެސް ނޫޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު ޓްރެފިކްގައި ނުޖެހެން ވެގެން ހެލިކޮޕްޓަރުގައި މިދިޔަ މަހު އޮފީހަށް ވަޑައިގެންނެވުމުން އިމްރާނަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.