ކައިވެނީގެ ހުށަހެޅުން ލޯބި ގޮތަކަށް ލިބުމަށް އެދޭ މީހުން ވަރަށް ގިނަވާނެ އެވެ. އަދި އެހާ ލޯބިކޮށް އަންނަ ހުށަހެޅުމަކަށް އާނ ބަސް ނުބުނެ ދޫކޮށްލުމަކީ ވެސް ފަސޭހަ ކަމަކަށް ނުވާނެ އެވެ. ޗައިނާގެ މި ފްލައިޓް އެޓެންޑެންޓަށް ވެސް ވީ މިހެންނެވެ.

ޗައިނާ އީސްޓަން އެއާލައިންސްގެ އަންހެން އެޓެންޑެންޓަކަށް އޭނާގެ ލޯބިވެރިޔާ ކައިވެނި ހުށަހެޅީ ފްލައިޓް ދަތުރު ފެށިތާ ބައިގަޑިއެއްހާއިރު ފަހުންނެވެ. ކުޑަކަކޫ މައްޗަށް ތިރިވެ ކައިވެންޏަށް އެހުމުން ކައިވެންޏަށް އެއްބަސްވި އެވެ.

މި ޕްރޮޕޯޒަލްގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެ އެތައް ބައެއްގެ ސަމާލުކަން ލިބުނެވެ.

ޗެނަލް އިން 8 އިން ބުނި ގޮތުގައި ވައިގެ ތެރޭގައި ހުށަހަޅައި އަދި އެއްބަސްވި ކައިވެނީ އުފާ ވެސް ދިޔައީ ވަޔަށެވެ. ބޯޓު ތެރޭގައި ޕްރޮޕޯޒް ކުރުމަށް ފުރުސަތު ދީ އަދި އެކަމުގައި ބައިވެރިވުމުގެ އަދަބެއްގެ ގޮތުން އެޓެންޑެންޓް ވަޒީފާއިން ވަކިކުރީ އެވެ.

މެއި މަހު ހުށަހެޅި ކައިވެންޏާ ގުޅިގެން ވަޒީފާ އިން ވަކިކޮށް ސިޓީ ފޮނުވާފައި ވަނީ މި މަހު 10 ގަ އެވެ. އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައި އޮތީ ފަސިންޖަރުންގެ ރައްކާތެރިކަމަށް އިހުމާލުވުމެވެ.

އޭޝިއާ ވަން އިން ބުނި ގޮތުގައި ޗައިނާ އީސްޓަން އިން އެ އެއާލައިންގެ މުވައްޒަފަކާ މެދު އެޅި މި ފިޔަވަޅަށް ޗައިނާގެ ސޯޝަލް މީޑިއާގައި ވަނީ ފާޑު ކިޔުން އަމާޒުވެފަ އެވެ.