ޝޯމީ ތުރުކީ އަށް
ޝޯމީ ތުރުކީ އަށް

ޝޯމީ ސްމާޓްފޯނުތަކަށް އިންޑިޔާގައި ދީފައި ވަނީ ގައުމީ ފޯނުގެ ލަގަބެވެ. އެހާ ވެސް މަޝްހޫރެވެ. އެހާ ވެސް ބޭނުންތެރި އެވެ. ޗައިނާ އަށް އުފަން ޝޯމީ މިހާރު އުޅެނީ ތުރުކީގަ އެވެ. ޝޯމީ "މީ ސްޓޯ" އެއް ދާދި މިދާކަށް ދުވަހު ތުރުކީގައި ހުޅުވައިފި އެވެ.

ތުރުކީގައި ޝޯމީ ސްޓޯރެއް ހުޅުވިއިރު ފިލިޕީންސް، ހަންގޭރީ އަދި އޮސްޓްރިއާގައި ވެސް ހުރެ އެވެ. ޔޫރަޕްގެ ގައުމުތަކުގައި އިތުރު ފިހާރައްތައް ހުޅުވަން ޝޯމީ ދަނީ މަސައްކަތްކުރަމުންނެވެ.

އިންޑިޔާގައި ޝޯމީ އަށް ޖާގަ ތަނަވަސްވެފައި ވި ނަމަވެސް، ޗައިނާގެ ޓެކްނޮލޮޖީ ކުންފުނިތަށް އިންޑިޔާ އަކީ ރައްޓެހި ގައުމަކަށް ނުވެދާނެ ނިޝާންތަކެއް މިހާރު އެބަ ފެނެ އެވެ. އެމެރިކާ ބުނާހައި ގޮތެއް ހަދަން އިންޑިޔާ އަށް މަޖުބޫރުވެފައި ވާތީ، އިންޑިޔާގެ މުވާސަލާތީ ނެޓްވޯކުން ވާވޭ އަދި ޒީޓީއީ ބާކީކޮށްފާނެ ކަމަށް ބެލެވޭ ކަމަށް ސިނާއަތު ދިރާސާކުރާ މީހުން ދެކެ އެވެ. އެފަދަ އުގޫބާތެއް ޝޯމީ އަށް އައުމުގެ ކުރިން، އެހެން ކޮންމެވެސް ދިމާއެއްގައި މުޑުވައްކުރުމުގެ ބުއްދި ޝޯމީ އެ ވަނީ އިސްކޮށްފަ އެވެ.

ޝޯމީ އަށް ތުރުކީގައި އިންވެސްޓްކުރަން މިއީ ރަނުގެ ފުރުސަތެއް ކަމަށް ބެލެވެ އެވެ. ތުރުކީ ދެކެ އެމެރިކާ އަރައިގެންފައިވާ ރުޅިއެއްގެ ސަބަބުން ވަނީ ވިޔަފާރިން ދަތިކުރަން ޖެހިދާނެ ކަމަށް ބުނެ އިންޒާރުދީފަ އެވެ. ތުރުކީ ވެސް އެ ގޮތުގައި ދެމި އޮންނާނެ ކަމަށް ބުނެ ވަނީ އެމެރިކާގައި އުފައްދާ އައިފޯން ފަދަ މުވާސަލާތީ މުދާ ގަތުން ހުއްޓާލާނެ ކަމަށް ބުނެފަ އެވެ. އެހެންކަމުން ޝޯމީ ފޯނުތަކަށް ބޮޑު ތަރުހީބެއް ތުރުކީން ލިބޭނެ ކަމަށް މިހާރު ވެސް ވަނީ ބެލެވިފަ އެވެ.

ގޭބިސީތަކުގައި ބޭނުންކުރާ ވެކިޔުމް ކްލީނާ، ކޫކާ، ޓީވީ އަދި ސެކިޔުރިޓީ އާލާތްތައް އުފެއްދުމުގައި ޝޯމީ އަކީ ބާރުގަދަ ކުންފުންޏެކެވެ. ތުރުކީގައި ހުޅުވި "މީ ސްޓޯ"ރުން މި ތަކެތި ގަންނަން ލިބޭނެ ކަމަށް ވެސް ބުނެވެ އެވެ.