18 ސެޕްޓެމްބަރ 2018 - 11:15

އިސްލާމްއާބާދު (ސެޕްޓެމްބަރު 18) - ޕާކިސްތާނުގެ ފަސްގަނޑުގައި އުފަންވެފައިވާ އަފްޣާނިސްތާނާއި ބަންގްލަދޭޝްގެ ރެފިއުޖީންނަށް ރަށްވެހިކަން ދޭނެ ކަމަށް ބޮޑު ވަޒީރު އިމްރާން ޚާން ވިދާޅުވެއްޖެ އެވެ.
އދ.ގެ ރެފިއުޖީންނާ ބެހޭ އެޖެންސީން ބުނެފައިވާ ގޮތުގައި އަފްޣާނިސްތާނުގެ 1.39 މިލިއަން މީހުން ޕާކިސްތާނުގައި ދިރިއުޅެ އެވެ. މީގެ ތެރޭން ބައެއް މީހުން ޕާކިސްތާނުގައި ދިރިއުޅޭތާ 30 އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. އަދި ބަންގްލަދޭޝް އަށް ނިސްބަތްވާ 200،000 އަށް ވުރެ ގިނަ މީހުން ޕާކިސްތާނުގައި ދިރިއުޅެ އެވެ. މީގެ ތެރޭން ގިނަ މީހުން އުޅެނީ ދެކުނުގެ ކަރާޗީގަ އެވެ.
"ބަންގްލަދޭޝް އިން ހިޖުރަކޮށް ކަރާޗީގައި ބައެއް ރެފިއުޖީން ދިރިއުޅޭތާ 40 އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ. އެ މީހުންގެ ދަރިން ބޮޑެތި ވެއްޖެ. އެ ކުދިންނަށް ޕާކިސްތާނުގެ އައިޑީ ކާޑާއި ޕާސްޕޯޓް ދޭނަން. ޕާކިސްތާނުގައި އުޅޭ އަފްޣާން ރެފިއުޖީންގެ ދަރިންނަށް ވެސް ރަށްވެހިކަން ދޭނަން،" ކަރާޗީ އަށް ކުރެއްވި ދަތުރުގައި އިމްރާން ވިދާޅުވި އެވެ.
އިމްރާން ޚާންގެ މި ނިންމެވުމަކީ ޕާކިސްތާނުގެ ކުރީގެ ސަރުކާރުތަކުގެ ނިންމުމާ ތަފާތު ސިޔާސަތެކެވެ. އަދި އެ ގައުމުގެ ބާރުގަދަ އަސްކަރިއްޔާގެ ނުރުހުން ވެސް މިކަމަށް އަމާޒުވާނެ ކަމަށް ބެލެވެ އެވެ. ޕާކިސްތާނުގައި ހަމަނުޖެހުން ހިންގާ ކަމަށް ސިފައިން ތުހުމަތު ކުރަނީ އަފްޣާން ރެފިއުޖީންނަށެވެ.
ޕާކިސްތާނުގެ ގާނޫނުތައް ބުނާ ގޮތުން އެ ގައުމުގައި އުފަންވާ ކޮންމެ މީހަކަށް ރަށްވެހިކަން ދެވޭނެ އެވެ. ނަމަވެސް އޭގެ ތެރޭގައި ބޭރުގެ ޑިޕްލޮމެޓުންނަށް ޕާކިސްތާނުގައި ލިބޭ ދަރިން ނުހިމެނެ އެވެ.