މިއީ ހުރިހާ އެއްޗެއް "ސޭވް" ވާ ވައިޓްބޯޑެއް
މިއީ ހުރިހާ އެއްޗެއް "ސޭވް" ވާ ވައިޓްބޯޑެއް

ވައިޓްބޯޑުގައި ކުރަހާ ކުރެހުންތަކަކީ ދާއިމަށް ހުންނާނެ ކުރެހުމެއް ނޫނެވެ. އިސާހިތަކު ފުހެލެވި ލޯމަތިން ގެއްލޭ ކުރެހުންތަކެކެވެ. އެކަމަކު މިގޮތަށް ކުރަހާ ގިނަ ކުރެހުންތަކަކީ ހަގީގަތުގައި މޮޅު ޚިޔާލެއް ހޯދުމަށް އެކުވެރިންކޮޅެއް ނުވަތަ އޮފީސް މާހައުލުގައި މުއައްޒަފުންގެ މެދުގައި ވަރަށް މުހިއްމު ކުރެހުންތަކަކަށްވެއެވެ. ފުހެލެވޭއިރަށް އެކުރެވުނު ފޮނި ޚިޔާލުތައް ވަޔަށް ބުރައިގެންދަނީއެވެ.

މިހެން ވިޔަ ނުދިނުމަށް ޔުނިވަސިޓީ ދައުރުގައި ދެ ދަރިވަރަކު ކުރި މަސައްކަތް ކާމިޔާބުވެ، ވައިޓްބޯޑުގެ އާ އީޖާދެއް ދުނިޔެއަށް ނޭވާލައިފިއެވެ. ތިންކް ބޯޑް އެކްސްގެ ނަމުން ނަންދީފައިވާ މި ވައިޓްބޯޑަކީ، ފަހަށް ރައްކާކުރެވޭ ގޮތަށް ކުރެހުންތަކެއް ކުރަހާލަދޭ ވައިޓްބޯޑެކެވެ. ބޭނުން ނަމެއްގައި، ބޭނުން ތާކަށް ސޭވްކޮށްލެވޭނެއެވެ. ފަހުން ބަލައިލަން، ނުވަތަ ދިރާސާކޮށްލަން ބާއްވާލެވޭނެއެވެ.

ތިންކްބޯޑް އެކްސް ފަރުމާކޮށްފައިވަނީ ތުނި ކަރުދާސްގަނޑެއްހެނެވެ. އޮމާންކޮންމެ ތަނެއްގައިވެސް މި ބޯޑު ތަތްކޮށްލެވޭނެއެވެ. ފުރަތަމަ ޖެހޭނީ ތަތްކުރަން ބޭނުންވާ ތަނެއް ރީތިކޮށް ފޮހެ، ސާފުކޮށްލާށެވެ. އެއަށްފަހު އުރައިން ނައްޓާލަން ނިއުޅުވާލުމަށްފަހު ތަތްކުރަން ތައްޔާރުކުރި ތަނުގައި ބާއްވާފައި، މަތިން މައިކްރޯފައިބަ ފޮތިކޮޅަކުން ހާކާލާ، ތަތްކޮށްލާނީއެވެ. މި ފޮތިކޮޅަކީ ބޯޑާއެކު ފޮށީގައި ވިއްކަން ހުންނަ އެއްޗެކެވެ. މީގެ ބޯޑު ދެ ސައިޒަކުން ލިބެން ހުރެއެވެ. އެއީ 8 އިންޗި 11އިންޗިއާއި، 2 ފޫޓު 3 ފޫޓު ބޯޑެވެ. ކްލާސްރޫމް ފާރުގަ އާއި ލެޕްޓޮޕްމަތީގަ އާއި ފައިލްގެ ބޭރުގަ އާއި ކުޑަދޮރުގަ އާއި އައިސްއަލަމާރީގައި ވެސް މި ބޯޑު ތަތްކޮށްލެވޭނެއެވެ.

ތިންކްބޯޑް އެކްސް މަސައްކަތްކުރަނީ ރޮކެޓްބުކް މޯބައިލް އެޕްގެ އެހީގައެވެ. ކުރަހާ ކުރެހުންތައް ފުހެލުމުގެ ކުރިން މި އެޕް މެދުވެރިކޮށް ބޯޑުގެ ފޮޓޮއެއް ނަގާށެވެ. އޭރުން ސީދާ ރައްކާކުރެވޭނީ ކްލައުޑްގެ ތެރޭން އެމީހަކު އިޚްތިޔާރުކުރާ ތަނެއްގައެވެ. އޭގެ ތެރޭގައި ގޫގްލް ޑްރައިވްއާއި ޑްރޮޕްބޮކްސްއާއި، ވަން ނޯޓްއާއި، ވަން ޑްރައިވް ވެސް ހިމެނެއެވެ. މިގޮތަށް ފޮޓޯ ސޭވްކުރުމުގެ ކުރިން ބޯޑުގައި ކުރެހި ކުރެހުމުގައި ސުރުޚީއެއް އަޅާއިރު ދެ ފަރާތަށް ދެ ހޭޝްޓެގް ޖަހައިފިނަމަ، ރޮކެޓްބުކްގައި ބޯޑުގެ ފޮޓޯ ރައްކާކުރެވޭނީ ޖަހާފައިވާ ސުރުޚީގެ ނަމުގައެވެ.

ބައްދަލުވުންތަކުގައި ކުރަހާ ކުރެހުންތަކާއި ލިޔާ ލިޔުންތައް ރައްކާކުރުމަށްޓަކައި ފޯނުން ފޮޓޯ ނެގުމަކީ އާންމުކަމެކެވެ. އެކަމަކު ތިންކްބޯޑު އެކްސްގައި ކުރަހައިގެން ނަގާ ފޮޓޯތައް ޚާއްސަވަނީ ފޮޓޯ ނަގައި، ސްކޭންކޮށް، ރައްކާކޮށް ނިމޭއިރު ފެންނަން ހުންނާނީ އިތުރު އެއްވެސް ބޯޑަރެއް، އަރިމަތީ ބޭކާރު މަންޒަރެއް ނެތި، އެ ރައްކާކުރަން ބޭނުންވާ ކުރެހުމުގެ ފޮޓޯ އެކަންޏެވެ. ވަށައިގެން ހުންނަ ބޭކާރު ބައިތައް ކޮށައި، މަށައި، ސާފުކޮށްފައެވެ. އަދި އިތުރު ތަކުލީފުތަކެއް އުފުލަން ނުޖެހި، ވަގުތު ބޭކާރުނުވެ، ރައްކާކުރެވޭ ފޮޓޯ އޮންނާނީ އެކަމަށް އެންމެ އެކަށީގެންވާ ތަނުގައި ފޮރުވިފައެވެ.

ރޮކްޓްބުކްގައި މި ފޮޓޯތައް ރައްކާކުރާ ތަނުގައި 7 ފާހަގައަކުން ވަކިކޮށް، ފައިލްތައް ރައްކާކުރެވޭނެ 7 ޖާގަ ހުރެއެވެ. ފޮޓޯ ރައްކާކުރާއިރު މިއިން ފާހަގައެއް އިޚްތިޔާރުކުރުމުން އެ ފޮޓޯ ރައްކާކުރެވޭނީ އެ ފާހަގައާ ދިމާގައިވާ ޖާގައިގައެވެ. މި 7 ފާހަގައިގެ ތެރޭގައި އެ އިރަކު ރައްކާކުރާ ފޮޓޯއަކާ އެންމެ ގުޅޭ ފާހަގައެއް ހުންނާނެކަމަށް މި އުފެއްދި ޒުވާނުން ބުނެއެވެ. މިއީ ކިޔަވާކުދިންނާއި އޮފީސްއޮފީހާއި އަމިއްލަ ވިޔަފާރިވެރިންނަށްވެސް މަންފާކުރާނެ ފަދަ ބޯޑެކެވެ.