18 ސެޕްޓެމްބަރ 2018 - 08:09

ބައެއް ފަހަރު ކަންގަނާ ރަނާވަތުގެ ވާހަކަތަކާއި އަމަލުތައް ހުންނަ ގޮތުން ގިނަ ބައެއްގެ ފާޑުކިޔުން އޭނާ އަށް އަމާޒު ވިޔަސް، ކަންގަނާގެ މަސައްކަތްތަކަށް ތައުރީފުކުރާ މީހުން ވެސް މަދެއް ނޫނެވެ.
އަމީތާބް ބައްޗަން އާއި ރޭކާ އާއި އާމިރު ހާން އަދި ކަރަން ޖޯހަރު ފަދަ ފަންނާނުންނަކީ ކަންގަނާގެ މޮޅު އެކްޓިން ހުނަރަށް އަބަދު ވެސް ތައުރީފުކުރާ ބައެކެވެ. މި ލިސްޓަށް މި ފަހަރު އަރާފައި ވަނީ ކަންގަނާ މިހާރު ކުޅެމުން އަންނަ ތާރީހީ ފިލްމް "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" ގެ އެއް ރައިޓަރު އަދި މަޝްހޫރު ޅެންވެރިޔާ ޕްރަސޫން ޖޯޝީ އެވެ.
ސެންޓްރަލް ބޯޑް އޮފް ފިލްމު ސެޓިފިކޭޝަން (ސީބީއެފްސީ) ގެ ޗެއާމަންގެ މަގާމު ވެސް އަދާކުރަމުން އަންނަ ޕްރަސޫން ބުނި ގޮތުގައި ކަންގަނާއަކީ މިހާތަނަށް އޭނާ ބޮލީވުޑުން ދުށް އެންމެ ހުނަރުވެރި އެއް ބަތަލާ އެވެ. ޕްރަސޫން ބުނި ގޮތުގައި ކަންގަނާ މިހާތަނަށް ކޮށްފައި ހުރި މަސައްކަތްތަކާ ވަރަށް ގަޔާވެ އެވެ.
"އަހަރެން ބުނާނީ އެއީ އަބަދަށް ފެހި ބަތަލާއަކަށް ވާނޭ،" އޭނާ ބުންޏެވެ.
ފަރްހާން އަހްތަރަށް އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑް ލިބުނު 2013ގެ ފިލްމު "ބާގް މިލްކާ ބާގް" ގެ ސްކްރީން ރައިޓަރު ބުނި ގޮތުގައި "މަނިކަރްނިކާ" ގެ މަންޒަރުތަކެއް އަލުން ސީދާ ކަންގަނާ ޑައިރެކްޓް ކުރާ ގޮތަށް ނަގަން ޖެހުމުން، ފިލްމުގެ ބައެއް ތަރިން ފިލްމުން ވަކިވެ، ކަންގަނާ އަށް ފާޑު ކިޔަން ފެށުމަކީ ވަރަށް ދެރަކޮށް ދިމާވި ކަމެކެވެ.
"އެކަމަކު އަހަރެން ބުނާނީ އެ ހުރިހާ ކަމެއް އެއްފަރާތްކޮށްފައި ވެސް ކަންގަނާ އެ މަސައްކަތްކުރަނީ ވަރަށް ރަނގަޅަށޭ. އޭނައަކީ ވަރަށް ހިތްވަރު ގަދަ ވަރަށް މަސައްކަތްތެރި ބަތަލާއެއް،" ތިން ފަހަރަށް ނެޝަނަލް އެވޯޑް ހޯދި ބަތަލާއާ ބެހޭ ގޮތުން ޕްރަސޫން ބުންޏެވެ. "އަހަރެން ގަބޫލުކުރަން ކަންގަނާ މަނިކަރްނިކާ އަށް ކުރާ މަސައްކަތް ބަލައި ގަންނާނެ ކަމަށް."
އޭނާ ބުނި ގޮތުގައި "މަނިކަރްނިކާ" ގެ މަސައްކަތް މިހާރު ކުރިއަށް ދަނީ ވަރަށް އޮމާންކޮށެވެ. އަދި ތާވަލުކޮށްފައި އޮތް ތާރީހަށް ފިލްމު ރިލީޒް ކުރެވޭނެ ކަމުގެ ޔަގީންކަން ވެސް އޮތް ކަމަށް ބުންޏެވެ.
އިންޑިއާގެ ތާރީހުގައި ފާހަގަކޮށްލެވުނު އަންހެން ހަނގުރާމަވެރިޔާ ރާނީ ލަކްޝްމީ ބާއީގެ ވާހަކަ ކިޔައިދޭ ފިލްމް "މަނިކަރްނިކާ" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ ޖެނުއަރީ، 25، 2019 ގަ އެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ ކްރިޝް އެވެ.
ކަންގަނާގެ ކުރިއަށް ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި "މެންޓަލް ހޭ ކިޔާ" އަދި "ޕަންގާ" ހިމެނެ އެވެ.