ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ކަރަންގެ ޖޯހަރުގެ ޗެޓް ޝޯ "ކޮފީ ވިތު ކަރަން" ގެ ހަ ވަނަ ސީޒަނަށް އިންތިޒާރުކުރާ މީހުންނަށް ދެން ބާކީ އޮތީ މަހެއްހާ ދުވަހެވެ.

ވަރަށް މަގުބޫލު ހަ ސީޒަނަށް ފަހު، ހަ ވަނަ ސީޒަނާ އެކު މި ޝޯ ބެލުންތެރިން ގެނެސްދިނުމުގެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ އިރު، މި ޝޯ ވެގެން ދާނީ ކުރީގެ ސީޒަންތަކާ ވެސް އެއްގޮތަށް މަޝްހޫރު ގިނަ ތަރިންތަކެއް އިންޓަވިއުތައް ފެނިގެން ދާނެ ޝޯއަކަށެވެ. އޭގެ ތެރޭގައި ތަކުރާރުކޮށް ޝޯ އަށް އަންނަ ތަރިން ވެސް ހިމެނޭނެ ކަމަށް ގަބޫލުކުރެވެ އެވެ.

މިހާރު ބެލުންތެރިންނަށް ދޫކޮށްލާފައިވާ ޕްރޮމޯގައި ކަރަން ސިފަކޮށްފައި ވަނީ "އަންއެފްރެއިޑް ބޯއި" ގެ ގޮތުގަ އެވެ. އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. އޭނާއަކީ ޝޯގެ ތެރޭގައި މަޝްހޫރު ތަރިންގެ އެންމެ ބޮޑެތި ސިއްރުތައް ކޮނެގެން ފަަޅާއަރުވައިލުމަށް ކުޅަދާނަ މީހެކެވެ.

"ކޮފީ ވިތު ކަރަން" ގެ ހަ ވަނަ ސީޒަން ސްޓާ ވޯލްޑް އިން ދައްކަން ފަށާނީ އަންނަ މަހުގެ 21 ގަ އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން މި ފަހަރުގެ ސީޒަންގެ ފުރަތަމަ މެހުމާނުންނަކަށް ވެގެން ދާނީ ދާދި ފަހުން އެންގޭޖްވެ، މިހާރު ކައިވެންޏަށް ތައްޔާރުވަމުން އަންނަ ޕްރިޔަންކާ ޗޯޕްޅާ އާއި އޭނާގެ އެމެރިކާގެ ޒުވާން ލޯބިވެރިޔާ ނިކް ޖޯނަސް އެވެ.

މީގެ އިތުރުން މި ފަހަރުގެ ސީޒަންގެ ހައިލައިޓަކަށް ކަރަން ޕްރޮޑިއުސްކޮށް ޖުލައިގައި ރިލީޒް ކުރި "ދަޅަކް" އިން ބޮލީވުޑަށް ތައާރަފުވި ޖާންވީ ކަޕޫރާއި އިޝާން ހައްތަރުވެގެން ދިއުން ހިމެނެ އެވެ.

އަންނަ ނޮވެމްބަރު މަހުގެ 8 ގައި ރިލީޒް ކުރާ ޔާޝްރާޖް ފިލްމްސްގެ "ތަގްސް އޮފް ހިންދުސްތާން" ގެ ލޯގޯ ދައްކައިލުމަށް ފަހު، ފިލްމްގައި ހިމެނޭ ކާސްޓުންގެ ތެރެއިން އަމީތާބް ބައްޗަންގެ ލުކްސް މިހާރު ވަނީ ދައްކާލައިފަ އެވެ. އޭނާ ވަރަށް ތަފާތު ގޮތަކަށް ފެނިގެންދާ މި ފިލްމުގައި ކުޅެފައިވާ ކެރެކްޓާ އަށް ދީފައިވާ ނަމަކީ "ހުދާބަކްޝް" އެވެ.

ލުކްސް ދައްކައިލީ މޯޝަކް ޕޯސްޓަރަކާ ވެސް އެކުގަ އެވެ. އެގޮތުން އަމީތާބް ބޮޑު ނަވެއްގެ ތެރޭގައި ކޮއްޅަށް ހުންނަ އިރު، އުދުހިފައި އަންނަ ބާޒެއް ކައިރި އަށް ޖައްސައިލަ އެވެ. ވައިއާރްއެފްގެ ޓްވިޓާ އިން ބުނި ގޮތުގައި އަމީތާބަކީ ތަގުންގެ ކޮމާންޑަރެވެ.

ކަނޑުފޭރޭ ބައެއް ވާހަކަ ކިޔައިދޭ "ތަގްސް އޮފް ހިންދުސްތާން" އަކީ ވިޖޭ (ވިކްޓާ) ކްރިޝްނާ އަޗަރިއާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

މީގެ އިތުރު ކާސްޓުންގެ ތެރޭގައި އާމިރް ހާން، ކެޓްރީނާ ކެއިފް އަދި ފާތިމާ ސަނާ ޝެއިހް ހިމެނެ އެވެ.

"ކަސޫރް" އާއި "ބޮލީވުޑް/ލީވުޑް" ފަދަ ފިލްމުތައް ކުޅެފައިވާ ބަތަލާ ލީޒާ އަށް ރޭ އެއްމާބަނޑު ދެ ކުދިން ލިބިއްޖެ އެވެ. ސަރޮގޭޓް ހަދައިގެން ލިބުނު ދެ އަންހެން ކުދިންގެ ފޮޓޯ ވެސް އޭނާ ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. ދެ ކުދިންގެ ނަމަކީ ސޫފީ އާއި ސޮލެއިލް އެވެ.

ލީޒާއަކީ ކެންސަރު ޖެހިގެން، އެ ބައްޔަށް ފަރުވާ ހޯދުމަށް ފަހު މިހާރު އެއްކޮށް ފަސޭހަވެފައިވާ ބަތަލާއެކެވެ. ކެނެޑާ އަށް އުފަން 46 އަހަރުގެ ބަތަލާ އުޅެނީ ޖޭޒަން ޑެނީ ކިޔާ މީހަކާ 2012 އިން ފެށިގެން ކައިވެނިކޮށްގެންނެވެ. ލީޒާ އެންމެ ފަހުން ފެނިގެން ދިޔަ ފިލްމަކީ މިދިޔަ އަހަރު ރިލީޒް ކުރި ބިރުވެރި ފިލްމު "ދޮބާރާ" އެވެ.

މިހާރު ޝޫޓިން ނިމުމަކަށް އައިސްފައިވާ ޖޯން އަބްރަހަމްގެ ރޯމިއާ އަކްބަރު ވޯލްޓާ (ރޯ) ރިލީޒް ކުރާ ތާރީހަކަށް މާޗް، 15، 2019 ހަމަޖައްސައިފި އެވެ. މި ފިލްމަކީ ޖޯން ޖާސޫސީ އެޖެންޓެއްގެ ރޯލުން ފެނިގެން ސާނެ ފިލްމެކެވެ.

ރޮބީ ގެރެވާލް ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ކާސްޓުންގެ ތެރޭގައި މިހާރު ބޮލީވުޑަށް ނުކުމެފައިވާ ޓީވީ ބަތަލާ މޯނީ ރޯއި އާއި ސިކަންދަރް ކޭރް، ޖެކީ ޝްރޮފް އަދި ސުޗިތުރާ ކްރިޝްނަމުރްތީ ހިމެނެ އެވެ.

މިދިޔަ މަހު ރިލީޒްކޮށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި "ސަތިޔަމޭވް ޖަޔަތޭ" އަށް ފަހު، ޖޯން ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި ނިކިލް އަދްވާނީ "ބަތުލާ ހައުސް" ވެސް ހިމެނެ އެވެ.