17 ސެޕްޓެމްބަރ 2018 - 14:36

މެލްބަން (ސެޕްޓެމްބަރު 16) - އޮސްޓްރޭލިއާގައި އުފައްދާ ސްޓްރޯބެރީން ތިނޯސް ފެންނާތީ އެކަމުގެ ތަހުގީގެއް ފެށުމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން އަންގައިފި އެވެ.

ތިނޯސް ހުރި ސްޓްރޯބެރީ ވަނީ އޮސްޓްރޭލިއާގެ ހަ ސްޓޭޓަކުން ފެނިފަ އެވެ. އެ ގައުމުގެ މިނިސްޓަރަކު ވަނީ އެއީ ބަޔަކު ހިންގާފައިވާ ޖަރީމާއެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ. ތިނޯހެއް އޮތް ސްޓްރޯބެރީއެއް ކެވުނު މީހަކު ވަނީ ހޮސްޕިޓަލަށް ވެސް ގެންގޮސްފަ އެވެ.
ސްޓޯބެރީން ތިނޯސް ފެނުމާ ގުޅިގެން ވަރަށް ގިނަ ބާވަތްތަކުގެ ސްޓްރޯބެރީ ވަނީ ފިހާރަތަކުން ނަގަން ފަށައިފަ އެވެ. ނިއު ޒީލެންޑުގެ އެންމެ ބޮޑެތި ތަރުކާރީ ފިހާރަތަކުން ވަނީ އޮސްޓްރޭލިއާގެ ސްޓްރޯބެރީ އެތެރެކުރުން މަނާކޮށްފަ އެވެ.
އޮސްޓްރޭލިއާގެ ހެލްތު މިނިސްޓަރު ގްރެގް ހަންޓް ވަނީ މައްސަލަ ބަލަން އޮސްޓްރޭލިއާ އާއި ނިއު ޒީލެންޑުގެ ފުޑް ސޭފްޓީ އޮތޯރިޓީ އަށް އަންގަވައިފަ އެވެ.
"މިއީ އާއްމު ރައްޔިތުންނަށް ދިން ހަމަލާއެއް،" އޭނާ ވިދާޅުވި އެވެ.
ސްޓްރޯބެރީން ތިނޯސް ފެންނަ މައްސަލައިގައި އެކަން ކުރާ ބަޔަކު އަދި ފާހަގަކުރެވިފައެއް ނުވެ އެވެ. ސްޓްރޯބެރީން ތިނޯސް ފެންނަ މައްސަލަ މިދިޔަ ހަފުތާގައި ފުރަތަމަ ފާހަގަވެފައި ވަނީ ގްއީންސްލޭންޑުންނެވެ. އޭގެ ފަހުން ނިއު ސައުތު ވޭލްސް، ވިކްޓޯރިއާ، ދި އޮސްޓްރޭލިއަން ކެޕިޓަލް ޓެރިޓަރީ އަދި ސައުތު އޮސްޓްރޭލިއާ އާއި ޓެސްމޭނިއާ އިން ވެސް ފެނިފައިވެ އެވެ.
ކްއީންސްލޭންޑް ސްޓޭޓް ސަރުކާރުން ވަނީ އެކަން ކުރާ ބަޔަކު ހޯދުމަށް މަގުފަހިވާފަދަ މައުލޫމާތެއް ދިން ފަރާތަކަށް 100،000 އޮސްޓްރޭލިއާ ޑޮލަރު (72،000 އެމެރިކާ ޑޮލަރު) ދޭނެ ކަމަށް ބުނެފަ އެވެ.