ފުރަތަމަ ބުރުން ކަޓައި ޖޮކޮވިޗަށް ހިތްދަތި ނިމުމެެއް
ފުރަތަމަ ބުރުން ކަޓައި ޖޮކޮވިޗަށް ހިތްދަތި ނިމުމެެއް

ރިއޯ ޑި ޖެނީރޯ (އޮގަސްޓް 8) - އާޖެންޓީނާގެ ހުއާން މާޓިން ޑެލް ޕޮޓްރޯ އަތުން ބަލިވެ ދުނިޔޭގެ އެއް ވަނަ ޓެނިސް ކުޅުންތެރިޔާ ސާބިއާގެ ނޮވަކް ޖޮކޮވިޗް އޮލިމްޕިކްސްގެ ޓެނިސް އިވެންޓު ފުރަތަމަ ބުރުން ކަޓައިފި އެވެ.

ފުރަތަމަ ބުރުން ކަޓައި ޖޮކޮވިޗަށް ހިތްދަތި ނިމުމެެއް
ފުރަތަމަ ބުރުން ކަޓައި ޖޮކޮވިޗަށް ހިތްދަތި ނިމުމެެއް

ލަންޑަންގައި 2012 ވަނަ އަހަރު އޮލިމްޕިކްސްގައި ވެސް ޖޮކޮވިޗް ބަލިވީ ލޯ މެޑަލް މެޗުން ޑެލް ޕޮޓްރޯ އަތުންނެވެ. ދުނިޔޭގެ ރޭންކިންގެ 145 ވަނައިގައި އޮތް ޑެލް ޕޮޓްރޯ ރޭގެ މެޗުގެ ސެޓުތައް ގެންދިޔައީ 7-6 ،7-6 އިންނެވެ.

އުމުރުން 27 އަހަރުގެ ޑެލް ޕޮޓްރޯ ބުނީ މިއީ އޭނާގެ ޓެނިސް ކެރިއަރުގައި އެންމެ ހާއްސަ މެޗު ކަމަށެވެ.

"ލަންޑަން އޮލިމްޕިކްސް ލޯ މެޑަލް މެޗުގައި ޖޮކޮވިޗް ބަލިކުރެވުނަސް މިއީ އެ މެޗަށް ވުރެން މުޅިން ހާއްސަ މެޗެއް. މިއީ އަހަރެންގެ ކެރިއަރުގައި އެންމެ އުފާވި ދުވަސް. އެއީ މި ހިސާބަށް އަންނަ އަހަރެންވި ގުރުބާނީ ހަނދާނުގައި ހުރުމުން،" 2009 ވަނަ އަހަރުގެ ޔޫއެސް އޯޕަން ކާމިޔާބުކުރި ޑެލް ޕޮޓްރޯ ބުންޏެވެ.

ފާއިތުވި ދެ އަހަރު އަނިޔާގެ ސަބަބުން ޑެލް ޕޮޓްރޯ ފެނިފައިވަނީ އެންމެ ހަ މުބާރާތުންނެވެ. އަތުގެ ކުޑަހުޅަށް ލިބިފައިވާ އަނިޔާގެ ސަބަބުން ޑެލް ޕޮޓްރޯ ވަނީ މިިދިޔަ ފެބްރުއަރީ މަހު ރިޓަޔަކުރަން ވެސް ނިންމި އެވެ. ނަމަވެސް އޭނާ އެ ނިންމުން ބަދަލުކުރީ މި ފަހަރު އޮލިމްޕިކްސްގައި ވާދަކުރުމަށެވެ.

ޖޮކޮވިޗް ބުނީ މޮޅަށް ކުޅުނީ ޑެލް ޕޮޓްރޯ ކަމަށެވެ.

"ގަބޫލުކުރަން ޖެހޭ ކަމަކީ މި މެޗުގައި މޮޅަށް ކުޅުނީ ޑެލް ޕޮޓްރޯ. އޭނާ އަށް ލިބުނީ ހައްގު މޮޅެއް. ކުޅިވަރުގައި އަބަދަކު އެކަކު މޮޅެއް ނުވާނެ،" 2008 ވަނަ އަހަރުގެ ބެއިޖިން އޮލިމްޕިކްސްގައި ލޯ މެޑަލް ހޯދި ޖޮކޮވިޗް ބުންޏެވެ.

ފުރަތަމަ ބުރުގައި އެންމެ ފަހުން ރަން މެޑަލް ހޯދި އެންޑީ މަރޭ އާއި ސްޕެއިނުގެ ރަފައެލް ނަޑާލް ކުޅުނު މެޗުތަކުން ރޭ ވަނީ މޮޅުވެފަ އެވެ.