ޔުވެންޓަސްގެ ގޯލް އެކައުންޓް ރޮނާލްޑޯ ހުޅުވައިފި
ޔުވެންޓަސްގެ ގޯލް އެކައުންޓް ރޮނާލްޑޯ ހުޅުވައިފި

ޓިއުރިން (ސެޕްޓެމްބަރު 17) – ކްރިސްޓިއާނޯ ރޮނާލްޑޯ ޔުވެންޓަސްގެ ޖާޒީގައި ފުރަތަމަ ޖެހި ލަނޑުތަކާ އެކު އެ ޓީމުން ރޭ އިޓާލިއަން ލީގުގައި ސަސުއޮލޯ އަތުން 2-1 އިން މޮޅުވެއްޖެ އެވެ.

ފުރަތަމަ ތިން މެޗުން ގޯލެއް ނުޖެހުނު ފޯވާޑް ރޭގެ މެޗުގައި ދެ ގޯލް ޖެހީ 15 މިނެޓުގެ ތެރޭގަ އެވެ. ފުރަތަމަ ގޯލް އޭނާ 50 ވަނަ މިނެޓުއި ޖެހީ، ކޯނަރަކުން ހުރަސްވި ބޯޅައެއް ލިއޮނާޑޯ ބޮނޫޗީ ގޯލަށް ޖެހުމުން، ސަސުއޮލޯ ކުޅުންތެރިޔަކު ދިފާއުކުރަން ބޮލުން ޖެހުމުން ދަނޑީގައި ޖެހިފައި ނުކުތް ވަގުތު އެވެ. އޭނާ ދެ ވަނަ ގޯލް 65 ވަނަ މިނެޓުގައި ޖެހީ އެމްރޭ ޗޭން ދިން ބޯޅަ އޭރިއާ ބޭރުން ކޮންޓްރޯލް ކޮށްލުމަށް ފަހު ކުރިއަށް ޖެހި ގޯލުގެ ތިރީ ކަނަށް ވައްދާލައިގެންނެވެ.

މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ސަސުއޮލޯގެ ކޫމާ ބަބަކާރް ވަނީ އެ ޓީމަށް ތަފާތު ކުޑަކޮށްދީފަ އެވެ. އަދި އިތުރު ވަގުތުގެ ފަހު މިނެޓުގައި ޔުވެންޓަސްގެ ޑަގްލަސް ކޮސްޓާ އަށް ވަނީ ސައުސޮލޯގެ ކުޅުންތެރިޔެއްގެ މޫނަށް ކުޅު ޖެހުމުން ސީދާ ރަތްކާޑެއް ދައްކައިފަ އެވެ. އޭރު އޭނާ އަށް އޮތީ އެ ކުޅުންތެރިޔާ އަށް ބޯޅަ ނެތީސް ހަމަލާދިނުމުން ރީނދޫ ކާޑެއް ވެސް ދައްކައިފަ އެވެ.

ރޭގެ މޮޅާ އެކު ޔުވެންޓަސް ތާވަލުގެ އެއް ވަނައިގައި އޮތީ 12 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ ނުވަ ޕޮއިންޓާ އެކު ނަޕޯލީ އެވެ. ތިން ވަނައިގައި ހަތް ޕޮއިންޓާ އެކު އޮތީ ސަސުއޮލޯ އެވެ.

ރޭ އޭސީ މިލާން ވަނީ ރަށުން ބޭރުގައި ކަލިއާރީއާ 1-1 އިން އެއްވަރުވެފަ އެވެ. މެޗުގެ ހަތަރު ވަނަ މިނެޓުގައި ޔޮއާއޯ ޕެޑްރޯގެ ގޯލުން ކަލިއާރީ ކުރި ހޯދާފައިވަނިކޮށް މިލާނަށް 55 ވަނަ މިނެޓުގައި އެއްވަރުކޮށްދިނީ ގޮންޒާލޯ ހިގައިން އެވެ. މިއީ އޭނާ މިލާނުގެ ޖާޒީގައި ފުރަތަމަ ގޯލެވެ. ރޯމާ ވަނީ ކިއޭވޯއާ 2-2 އިން އެއްވަރުވެފަ އެވެ. ސްޓެފަން އައް ޝާރަވީ އާއި ބްރަޔަން ކްރިސްޓޭންޓުގެ ލަނޑުން ރޯމާ ކުރި ހޯދާފައި އޮއްވާ ކިއޭވޯ އިން އެއްވަރުކުރީ ވަލްޓާ ބިރްސާ އާއި މަރިއުޒް ޕިސްކީގެ ގޯލްތަކުންނެވެ.