ކަރީނާ ކަޕޫރްގެ ދަރިފުޅު ތައިމޫރް ރާއްޖޭން ގެންދިޔައީ ޓީޝާޓެއް
ކަރީނާ ކަޕޫރްގެ ދަރިފުޅު ތައިމޫރް ރާއްޖޭން ގެންދިޔައީ ޓީޝާޓެއް

ކަރީނާ ކަޕޫރާއި އޭނާގެ ފިރިމީހާ ސައިފް އަލީ ހާން އަދި ދަރިފުޅު ތައިމޫރް ރާއްޖޭގައި ޗުއްޓީ ހޭދަކޮށް ފުރައިގެން ދިޔައީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ.

ކަރީނާ ކަޕޫރްގެ ދަރިފުޅު ތައިމޫރް ރާއްޖޭން ގެންދިޔައީ ޓީޝާޓެއް
ކަރީނާ ކަޕޫރްގެ ދަރިފުޅު ތައިމޫރް ރާއްޖޭން ގެންދިޔައީ ޓީޝާޓެއް

ސޮނެވާފުށީގެ ޗުއްޓީގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެއް އެ ދަތުރުގައި އެ މީހުންނާ އެކު ބައިވެރިވި، ސައިފްގެ ކޮއްކޮ ސޯހާ އަލީ ހާނާއި އޭނާގެ ފިރިމީހާ ކުނާލް ކޭމޫގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވެ އެވެ. ދަތުރުގައި ސޯހާ އާއި ކުނާލްގެ ދަރިފުޅު އިނާޔާ ނައުމީ ކޭމޫ ވެސް ބައިވެރިވި އެވެ.

ރާއްޖެ ދަތުރު ނިންމާލައިފައި އެނބުރި މުމްބާއީ އަށް ދިޔަ ނަމަވެސް ތައިމޫރް އަދިވެސް އުޅެނީ "މޯލްޑިވްސް މޫޑް" ގަ އެވެ.

ރާއްޖޭން ސްވެނިއަކާއަކަށް ގެންދިޔަ ކަމަށް ބެލެވޭ ރީނދޫ ކުލައިގެ ޓީޝާޓެއް ތައިމޫރް ލައިގެން ހުރި އިރު، އޭގެ މޭމަތީގައި ޖަހާފައި އިނީ "މޯލްޑިވްސް" އެވެ. ޓީޝާޓްގައި ކުރަހާފައި އިނީ މުރަކަތަކާ އެކު މިޔަރެކެވެ.

ތައިމޫރް މި ޓީޝާޓް ލައިގެން، މަންމަ ކަރީނާ އެކު ކާރަކުން ފައިބަމުން ނަގައިފައިވާ ފޮޓޯތަކެއް އާންމުވެ، އެ ވާހަކަ ވަނީ ބައެއް ނޫސްތަކުގެ ހެޑް ލައިނަށް ވެސް އަރައިފަ އެވެ.

މިހާރު ދެ އަހަރު ވާން ގާތްވެފައިވާ ތައިމޫރަކީ އޭނާ އުފަންވީންސުރެ މީޑިއާގެ ސަމާލުކަން ވަރަށް ބޮޑަށް ލިބިފައިވާ ކުއްޖެކެވެ. ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުގައި އޭނާގެ ކޮންމެވެސް ވާހަކައެއް ނުވަތަ ފޮޓޯއެއް ނުފެންނަ ދުވަހެއް މަދު ވާނެ އެވެ.

މި ހަފަތުތާގައި ބައްޕަ ސައިފާ އެކު ތައިމޫރް ފުޓްބޯޅަ ކުޅެނިކޮށް ނަގާފައިވާ ފޮޓޯތަކެއް ވެސް ނޫސްތަކުގައި ޖަހާފައިވެ އެވެ. އޭނާއަކީ ސައިފްގެ ތިން ވަނަ ދަރިފުޅެވެ. ކުރީގެ މަޝްހޫރު ބަތަލާ އަމްރިތާ ސިންގްއާ ކައިވެނިކޮށް، ސައިފަށް ކުރިން ލިބިފައިވާ ދެ ކުދިން މިހާރު ތިބީ ފުރާވަރަށް އަރައިފަ އެވެ.

އެއީ ޑިސެމްބަރު 28 ގައި "ސިމްބާ" އިން ބޮލީވުޑަށް ނުކުންނަ ސާރާ އަލީ ހާން، 24، އާއި އިބްރާހީމް އަލީ ހާން، 18، އެވެ.

ތައިމޫރަކީ ކަރީނާގެ އަލަތު ދަރިފުޅެވެ. އޭނާ އިހަކަށް ދުވަހު ބުނި ގޮތުގައި ތައިމޫރަށް ދެ އަހަރުވުމުން، އިތުރު ކުއްޖަކު ހޯދަން ވަނީ ޕްލޭންކޮށްފަ އެވެ.