17 ސެޕްޓެމްބަރ 2018 - 08:07

ތަރައްގީވެފައިވާ ތަހުޒީބު ގައުމުތަކުގައި މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ ތިމާވެއްޓާ ރަހުމަތްތެރި ވަސީލަތްތަކަށެވެ. ކާނާ ރައްކާކުރުމުން ފެށިގެން ދަތުރުފަތުރުކުރުމުގައި ވެސް ތިމާވެއްޓަށް ބަލައެވެ. ބައިސްކަލު ދުއްވުމުގެ އާދަ އެ ގައުމުތަކުގައި މިހާރު ވައިގައި ހިފާފައިވަނީ މިހެންވެއެވެ.

އެންމެ ގިނަ ބަޔަކަށް ކަމުދަނީ ކަރަންޓުން ޗާޖުކުރާ ބެޓެރީގެ ބާރުގައި ދުއްވާ ބައިސްކަލެވެ. މި ބާވަތުގެ ގިނަ ބައިސްކަލުތައް އުފައްދާފައިވަނީ އަތަށް ލުއިކޮށް ގެންގުޅެވޭނެހެންނެވެ. މީގެ ފަރުމާތަކަކީ ވެސް ހިތްގައިމުކަމުގައި ނަމޫނާ ފަރުމާތަކެކެވެ. ބައިސްކަލުގެ އަސްލު ނުގެއްލޭނެހެން އެހެނަސް، ކުދިބޮޑެތި ބަދަލުތައް އަމިއްލައަށް ގެނެވޭނެ ބައިސްކަލެއް ބޭނުން ހެއްޔެވެ؟ މިކަމަށް އެންމެ ކަމުދަނީ ސްޓާކާ އެމް1 އެވެ.
ސްޓާކާ އެމް1 ފަރުމާކޮށްފައިވަނީ ބޭނުން ބަދަލުތައް ގެނައުމަށް ބައިސްކަލު އަމިއްލައަށް ރޫޅާ، ރާވާ ހެދޭ ގޮތަށެވެ. ބެޓެރީ ބަދަލުކޮށްލަންވިޔަސް، ދުވެލި ބާރުކޮށްލާނެ މޯޓަރެއް ހަރުކުރަންވިޔަސް، މި ބައިސްކަލުގައި އެކަން ކަމަށް މަގުފަހިކޮށްދީފައިވެއެވެ. ބޭނުންވަނީ ކޮންމެވެސް ވަރެއްގެ ޓޫލްސެޓެކެވެ. އެލަންކީއަކާއި ހައެއްކަ މޮހޮރުންވެސް ފަހަރުގައި ފުއްދާލެވިދާނެއެވެ. ބައިސްކަލު ވިއްކަނީ ބައިސްކަލު ރާވާނެ ގޮތުގެ ކުރެހުމާއި އިރުޝާދާ އެކުގައެވެ.
ސްޓާކާ އެމް1 އަކީ ބަލައިލަން ރީތި ލުއި ބައިސްކަލެކެވެ. ފައިން އަނބުރަމުން އިތުރު ބާރު ބައިސްކަލަށް ދެނީ މީގައިވާ މޯޓަރުގެ އެހީގައެވެ. މީގެ މޯޓަރުގައި 350ވޯޓުގެ ބާރު ހުރެއެވެ. ބައިސްކަލުގެ ބަރުދަނުގައި ހުންނަނީ އެންމެ 27ކިލޯއެވެ. 5 ގިޔަރަށް ބަދަލުކުރެވެން ހުރެއެވެ. ދުއްވާއިރު ތިމާގެ ސިއްހަތު ވަޒަންކުރުމަށާއި މަގު ހޯދުމަށް ސްމާޓްފޯން ބޭނުންކުރާނަމަ ފޯނު ބާއްވާނެ ޖާގަ، ހުންގާނުމަތީގައި ހުރެއެވެ.
ބައިސްކަލުގެ މައިގަނޑުގައި ހުރި ކަންކަން ބަދަލުކުރަން ބޭނުން ނަމަ ރޫޅާލުމަށްފަހު ބަދަލުކުރަންވީއެވެ. ޓަޔަރާއި މޯޓަރާއި ބެޓެރީ އާއި މި ނޫނަސް އެކި ބައިބައި ބަދަލުކުރެވޭނެއެވެ. އަނބުރާ ރާވަން އެހީތެރިވެދޭނެ އިރުޝާދާއި ކުރެހުމުގެ ފޮތެއް މިއާ އެކު ހިމެނޭނެތީ ހާސްވާކަށް ނުޖެހެއެވެ. މިއީ އަމިއްލައަށް ރޫޅައި ރާވައި ހިތްވާ މީހުންނަށް ވަރަށް ކަމުދާނެ ބައިސްކަލަކަށްވާނެ ކަމަށް މި ބައިސްކަލު އުފެއްދި ކުންފުނިން ދެކެއެވެ.