17 ސެޕްޓެމްބަރ 2018 - 08:08

ސްމާޓްގަޑިތައް މިހާރު ބާޒާރަށް ނެރުމުގައި އޭޝިއާގެ ކުންފުނިތަކުން ވެސް އަންނަނީ ކުރިއެރުންތައް ހޯދަމުންނެވެ. ޗައިނާގެ ވާމީ ކުންފުންޏަކީ މިހާރު ގާމިންފަދަ ކުންފުނިތަކާ ރަނގަޅަށް ވާދަކުރާ ފެންވަރުގެ ބައެކެވެ. އެކުންފުނިން މިހާރު ތައްޔާރުވަނީ "އެމޭޒްފިޓް އެކްސް"ގެ ނަމުގައި އާ ސްމާޓްގަޑިއެއް ނެރުމަށެވެ.
އެމޭޒްފިޓް ސްޓްރާޓޯސް ޖީޕީއެސް ސްޕޯޓްސްގަޑިއަށް ގެންނަ ބަދަލުތަކާއެކު އާ ނަމެއްގައި ނެރެން އުޅޭ މިގަޑީގައި ހުރި ކުރިއެރުންތަކަކީ އެހެން މަރުކާތަކަށްވުރެ ވާމީގެ ނަން ވިދާލާނެ ކުރިއެރުންތަކެއް ކަމަށް އެކުންފުނން އުއްމީދުކުރެއެވެ. މީގެ ގަޑީގެ ފީޗާތަކުގައިވާ ގިނަ ކަންކަމަކީ ވާދަވެރި ކުންފުނިތަކުން އަގުބޮޑުކޮށް ވިއްކާ ގަޑިތަކުގައި ހުންނަ ސިފަތަކެކެވެ.
ވާމީގެ މި އާ އުފެއްދުމުގައި ހުރި ޚާއްސަ ސިފަތަކުގެ ތެރޭން އެންމެ ފާހަގަކޮށްލެވޭ ކަމަކީ ވިޔަފާރިކުރުމަށް އެންއެފްސީ ޗިޕެއް ހިމެނޭ ކަމެވެ. މި ގަޑީގެ ސާފު ފޮޓޯތަކެއް އަދި ފެންނަން ނެތަސް މިހާތަނަށް ފެންނަން ހުރި ނަމޫނާ ކުރެހުންތަކުން ދައްކަނީ މީގެ ކުރިން ވާމީ އިން ނެރުނު އެމޭޒްފިޓް ގަޑިތަކާ މާބޮޑު ތަފާތެއް ނެތް ކަމަށެވެ. ވައް މޫނުމައްޗަކާ ފާޅުކަން ބޮޑު އެއްވެސް ފިތެއް ވަށައިގެން ފެންނާކަށް ނުހުރެއެވެ. ހީވާ ގޮތުން ޝޯމީގެ ސްޕީޗް އެސިސްޓަންޓް މީގައި ހިމެނޭނެއެވެ. މީގެ އިތުރުން ހިތުގެ ހިނގުން ވަޒަންކޮށްދޭ ސެންސަރެއްވެސް އެކުލެވެއެވެ. މިއީ ހިތުގެ މައްސަލައެއް ހުރިކަން ނޭނގޭ މީހަކަށްވެސް އެފަދަ ކަމެއް ދިމާވެއްޖެ ހާލަތެއްގައި ސަމާލުކަމަށް ގެނުވާނެ ކަމެކެވެ.
އެމޭޒްފިޓް އެކްސް ބާޒާރަށް ނެރޭނީ ވާމީ ކުންފުނީގެ ތިން ވަނަ އަހަރީ ހަފުލާއާ ދިމާކޮށް ކަމަށްވެ އެވެ. އެ ހަފުލާ އޮންނާނީ ސެޕްޓެމްބަރ 17 ވަނަ ދުވަހު ބެއިޖިންގައެވެ.