16 ސެޕްޓެމްބަރ 2018 - 15:24

ކޮލަމްބޯ (ސެޕްޓެމްބަރު 16) - އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި ހުންނަ ސްރީ ލަންކާގެ އެމްބަސީ އަށް ރައީސް މައިތުރިޕާލާ ސިރިސޭނާ މިދިޔަ ހަފުތާގައި ކުރި ފޯން ކޯލަކަށް ޖަވާބު ދީފައި ނުވާތީ ސަފީރު އަނބުރާ ގެންނަން ނިންމައިފި އެވެ.
ސަފީރު ޕްރިޔާނީ ވިޖެސެކަރައާ އެކު އެމްބަސީގައި މަސައްކަތް ކުރާ ފަސް މުވައްޒަފުން ވެސް އަނބުރާ ކޮލަމްބޯ އަށް ގެނައުމަށް ވަނީ ނިންމައިފަ އެވެ.
ވިއެނާގައި ހުންނަ އެމްބަސީ އަށް ސިރިސޭނާ ގުޅުއްވީ ކީއްވެ ކަމެއް އޮފިޝަލުން ނުބުނެ އެވެ. އަދި ފޮރިން މިނިސްޓްރީ މެދުވެރިކޮށް އެމްބަސީ އަށް ގުޅުއްވަން ސިރިސޭނާ ނޫޅުއްވީ ކީއްވެ ކަމެއް ވެސް އޮފިޝަލް ނުބުނެ އެވެ.
ސަފީރު އަނބުރާ ގެންނަކަން ފޮރިން މިނިސްޓްރީން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ. ނަމަވެސް ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ.
ނޭޕާލަށް ކުރެއްވި ދަތުރުފުޅަކަށް ފަހު އެނބުރި ގައުމަށް ވަޑައިގެންނެވި މަގުމަތީގައި ސްރީ ލަންކަން އެއާލައިންސް އިން އެމަނިކުފާނަށް އެރުވި ކެޝޫ ނަޓާ މެދު ވެސް ވަނީ މިދިޔަ ހަފުތާގައި ހިތްހަމަނުޖެހުން ފާޅު ކުރައްވައިފަ އެވެ. ސިރިސޭނާ ވިދާޅުވެފައި ވަނީ އެއީ އިންސާނުން ކާން އެކަށީގެންވާ އެއްޗެއް ނޫން ކަމަށެވެ. ސިރިސޭނާ ކުރެއްވި ޝަކުވާއާ ގުޅިގެން ލަންކާގެ ގައުމީ އެއާލައިނުން މިހާރު ވަނީ ޕަސިންޖަރުންނަށް ކެޝޫ ނަޓް ދިނުން ހުއްޓާލައިފަ އެވެ.