16 ސެޕްޓެމްބަރ 2018 - 13:27

ދިމިޝްގު (ސެޕްޓެމްބަރު 16) - ސީރިއާގެ ވެރިރަށް ދިމިޝްގު އިންޓަނޭޝަނަލް އެއާޕޯޓަށް އިޒްރޭލުން މިސައިލް ހަމަލާދީފައިވާ ކަމަށް ރަސްމީ މީޑިއާ އިން ބުނެފި އެވެ.
ސިފައިންގެ ޖެނެރަލަކު ރަސްމީ މީޑިއާ އަށް ބުނެފައި ވަނީ އިޒްރޭލުގެ ހުރިހާ މިސައިލް ހަމަލާއަކަށް ވެސް ސީރިއާ ސިފައިން ކުރިމަތިލާފައިވާ ކަމަށެވެ. އަދި އިޒްރޭލުގެ ވަރަށް ގިނަ މިސައިލްތައް ސީރިއާގެ އެއާ ޑިފެންސް އިން ވައްޓާލާފައިވާ ކަމަށް ވެސް ރަސްމީ ނޫސް އެޖެންސީން ބުންޏެވެ.
ސަނާ ނިއުސް އެޖެންސީން ވަނީ ވައިގެ ތެރޭގައި މިސައިލްތައް ގޮއްވާލައި ވީޑިއޯއެއް ވެސް ޕޯސްޓް ކޮށްފަ އެވެ. ދިމިޝްގުގައި ހުރި އޭއެފްޕީގެ ރިޕޯޓަރު ބުނީ ހޮނިހިރު ދުވަހުގެ ރޭ ބާރު އަޑުފައްގަނޑެއް އިވުނު ކަމަށެވެ.
އިޒްރޭލުން މިދިޔަ މަހު ވެސް ވަނީ ސީރިއާގެ 200 އަށް ވުރެ ގިނަ އަމާޒަށް ހަމަލާދީފަ އެވެ. ސީރިއާ އިން ބުނެފައި ވަނީ ހަމަލާ ދެނީ ސީރިއާގައިވާ އީރާނުގެ ތަންތަނަށް ކަމަށެވެ.
އީރާނުން ދަނީ ސީރިއާގެ ރައީސް ބައްޝާރުލް އަސަދަށް މާލީ އަދި އަސްކަރީ ގޮތުން ވެސް އެހީތެރިވަމުން ކަމަށް ތުހުމަތުކޮށްފައިވެ އެވެ.