17 ސެޕްޓެމްބަރ 2018 - 08:09

މި އަހަރު ރިލީޒް ކުރި "ޕަދްމާވަތު" އަށް ފަހު، ސަންޖޭ ލީލާ ބަންސާލީ ދެން ޑައިރެކްޓް ކުރާނީ ސީދާ ކޮން ފިލްމެއް ކަމެއް އަދި ކަށަވަރެއް ނުވެ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން އެއީ ސަލްމާން ހާން ބަތަލުގެ ރޯލުން ފެނިގެން ދާނެ "އިންޝާﷲ" ކިޔާ ފިލްމެކެވެ.

ސަލްމާން ދާދި ފަހުން ވަނީ ބަންސާލީގެ ފިލްމަކަށް ސޮއި ކުރިކަން ވެސް ކަށަވަރުކޮށް ދީފަ އެވެ. ޑައިރެކްޓް ކުރާނެ ފިލްމަކާ ބެހޭ އެއްވެސް ތަފުސީލެއް ބަންސާލީ އަދި ހާމަ ނުކުރިޔަސް، އޭނާ އަންނަނީ އާ އެކްޓަރުންތަކެއް އަނެއްކާ ވެސް ނެރެން ވެސް ތައްޔާރުވަމުންނެވެ.
އޭގެ ތެރެއިން އެކަކީ ކުރީގެ މަޝްހޫރު ބަތަލާ ޕޫނަމް ދިލަންގެ ފިރިހެން ދަރިފުޅު އަންމޯލް ތަކެރިއާ އެވެ. ވާކިން ޓައިޓްލްއަކަށް "ޓިއުޒްޑޭ އެންޑް ފްރައިޑޭ" ގެ ނަން ދީފައިވާ ފިލްމުގެ ޝޫޓިން މިހާރު ކުރިއަށްދާ އިރު، އޭގެ ބަތަލާއަކީ 2014 ގެ މިސް އިންޑިއާ ޖަތަލޭކާ މަލްއުތުރާ އެވެ.
މިހާރު ފުރަތަމަ ޝޫޓިން ޝެޑިއުލް ނިންމާފައިވާ "މަލާލް" އަކީ ބަންސާލީ ޕްރޮޑިއުސްކޮށް، މަރާޓީ ޑައިރެކްޓަރު މަންގޭޝް ޑައިރެކްތް ކުރާ ފިލްމެކެވެ. މި ފިލްމު ހާއްސަވާ އެއް ސަބަބަކީ އެކްޓަރު އަދި ނެށުންތެރިޔާ ޖާވިދް ޖެފްރީގެ ފިރިހެން ދަރިފުޅު މިޒާން ޖެފްރީ އާއި ބަންސާލީ އަށް ބޮޑުބޭބެ ކިޔާ ޝަރްމިން ސޭގަލް ބޮލީވުޑަށް ތައާރަފުކޮށް ދޭތީ އެވެ.
ޝަރްމަންއަކީ ބަންސާލީގެ ކޮއްކޮ އަދި އޭނާ ޑައިރެކްޓް ކުރި ގިނަ ފިލްމްތަކެއް އެޑިޓް ކުރި ބޭލާ ސޭގަލްގެ އަންހެން ދަރިފުޅެވެ.
ލޯބީގެ ވާހަކައަކަށް ހަދާ "މަލާލް" ގެ ބޮޑު ބައެއް ޝޫޓް ކުރަނީ އިންޑިއާ އިން ބޭރުގަ އެވެ. މި ފިލްމް ބެލުންތެރިންނާ ހަމައަށް އަންނާނެ އިރެއް އަދި ނޭނގެ އެވެ.
ބޮކްސް އޮފީހުގައި މިހާރު ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ އަދި 100 ކްރޯޑް ރުޕީސްގެ އާމްދަނީއެއް މިހާރު ހޯދާފައިވާ ފިލްމް "ސްޓްރީ" ގެ ޑައިރެކްޓަރު އަމަރް ކޯޝިކް ޕްރޮޑިއުސަރު ދިނޭޝް ވިޖަންއާ އެކު، އިތުރު ތިން ފިލްމެއްގެ ޑީލެއް، އާ ފިލްމެއްގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ.
"ސްޓްރީ" ގެ ބޮޑު ކާމިޔާބީ އަށް ފަހު، އެ ފިލްމްގެ އިތުރު ދެބައި ވެސް ގެނެސް ދޭން ނިންމާފައި ވަނިކޮށް އަމަރް ދެން ދިނޭޝް އަށް ޑައިރެކްޓްކޮށް ދޭނީ 2011 ގައި ރިލީޒްކޮށް އެންމެ މޮޅު މަރާޓީ ފިލްމްގެ ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ މަލާ އާޔީ ވާޗޭ (އައި ވޯންޓް ބީ އަ މަދާ) ގެ ހިންދީ ރިމެކިންއެކެވެ.
މި ފިލްމަކީ ސަރޮގެސީ ހަދައިގެން ދަރިއަކު ހޯދަން މަސައްކަތް ކުރާ އަންހެނެއްގެ ވާހަކަ ކިޔައި ދިން ފިލްމެކެވެ. "މަލާ އާޔީ ވާޗޭ" ގެ ހިންދީ ރިމެކިންއެއް ހަދަން ނިންމި ނަމަވެސް، ފިލްމްގެ ނަމާއި ކާސްޓުން އަދި އިއުލާނެއް ނުކުރެ އެވެ.
ގިނަ ޓީވީ ޝޯތަކެއްގެ އިތުރުން "ވީރޭ ދީ ވެޑިން" ފަދަ ފިލްމްތަކުގައި ވެސް މަސައްކަތްކޮށްފައިވާ ބަތަލު ސުމީތު ވިޔާސް އާއި ބަތަލާ އެކްތާ ކޯލް ކައިވެނިކޮށްފި އެވެ. އެކްތާއަކީ ސްޓާ ޕްލަަސް އިން މި ފަހުން ގެނެސް ދިން ސިލްސިލާއެއް ކަމަށްވާ "މޭރޭ އަގްނޭ މޭ" ބަތަލާ އެވެ.
ސުމީތު އާއި އެކްތާ ކައިވެނިކޮށްފައި ވަނީ ދާދި ފަހުން އެންގޭޖް ވެސް ވެފައި ވަނިކޮށެވެ. ދެ ތަރިންގެ ކައިވެނީގެ ހަފުލާ ބޭއްވީ އާދީއްތަ ދުވަހު އެވެ.
ޝާހްރުކް ހާން އެސްޓްރޮނޯޓެއްގެ ރޯލް ކުޅޭ ފިލްމް "ސެލިއުޓް" ގެ ބަތަލާއަކާ ބެހޭ ގޮތުން ލައްކަ ވާހަކަ މިހާތަނަށް ދެކެވިއްޖެ އެވެ. ކުރިން އަޑުތައް އަރާފައިވާ ގޮތުން އެ ފިލްމްގެ ބަތަލާގެ ރޯލް އައިޝްވާރިޔާ ރާއީ އާއި ދީޕިކާ ޕަދްކޯނާއި ކަރީނާ ކަޕޫރަށް ވެސް ހުށަހެޅި އެވެ.
އެކަމަކު ބޮލީވުޑްގެ އެންމެ ފަހުގެ ހަބަރުތައް މިހާރު ބުނާ ގޮތުން "ސެލިއުޓް" ގެ ބަތަލާގެ ރޯލް ވަނީ ބޫމީ ޕެޑްނޭކަރް އަށް ހުށަހަޅައިފަ އެވެ. ނަމަވެސް ފިލްމާ ގުޅުން ހުރި އެއްވެސް ފަރާތަކުން މިކަން އަދި ރަސްމީކޮށް އަދި ކަށަވަރުކޮށް ދީފައެއް ނުވެ އެވެ.
"ސެލިއުޓް" އަށް ބޫމީ ނަގައިފި ނަމަ އެ ފިލްމްވެގެން ދާނީ ޝާހްރުކްއާ އެކު އޭނާ ކުޅޭ ފުރަތަމަ ފިލްމަށެވެ. ކަރަން ޖޯހަރް ތާރީހީ ފިލްމް "ތަހުތު" ގެ ކާސްޓްގައި ވެސް ހިމެނޭ ބޫމީގެ ކުރިއަށް އޮތް ފިލްމަކީ އަންނަ އަހަރުގެ ކުރީކޮޅު ރިލީޒް ކުރާ "ސޯންޗިޅައްޔާ" އެވެ.
"ސެލިއުޓް" އަކީ އިންޑިއާގެ ކުރީގެ އެސްޓްރޮނޯޓް ރާކޭޝް ޝަރްމާގެ ވާހަކަ ކިޔައިދޭން މަހޭޝް މަތާއީ ޑައިރެކްޓް ކުރާ ފިލްމެކެވެ.