16 ސެޕްޓެމްބަރ 2018 - 13:55

ރިޔާސީ އިންތިޚާބާ ދިމާކޮށް ހަަމަނުޖެހުން ހިންގަން އުޅޭކަމަށް ފުލުހުން ބުނެފައިވާތީ އެކަމުގެ ތަފްސީލު ހިއްސާކޮށްދޭން އެމްޑީޕީން އެދިއްޖެ އެވެ.
އެކަމަކު އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވީ އެ މައުލޫމާތު ފުލުހުން އަދިވެސް ހިއްސާކޮށްފަައި ނުވާ ކަމަށެވެ.
މާރިޔާ ވިދާޅުވި ގޮތުގައި ވޯޓުލާ ދުވަހު ކަމެއް ހިނގުމުން ނުވަތަ ކަމެއް ވުމުން އެކަމަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި މިހާރު ލިބިފައި ހުރި މައުލޫމާތުތަކަށް ބަލައި އެކަމާ ދެކޮޅަށް ފިޔަވަޅު އަޅަން ޖެހޭނެ އެވެ.
ފުލުހުންނަށް މިހާރު ލިބިފައި ހުރި މައުލޫމާތާއި އިންޓެލިޖެންސް ރިޕޯޓުގެ މައްޗަށް ބިނާކޮށް ހުރިހާ ތަނެއްގެ ސެކިއުރިޓީ ވަރުގަދަކޮށް ހަމަނުޖެހުން ހިންގަން ފުރުސަތު ނުދިނުމަށް، މާރިޔާ ވަނީ ގޮވާލައްވައިފަ އެވެ.
މިދިޔަ ހޯމަ ދުވަހު ފުލުހުންގެ ފަރާތުން އިއްވި ބަޔާނެއްގައި ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ އިންތިހާބަށް ހުރަސް އަޅާށާއި ނުރައްކާތެރި ހަމަނުޖެހުންތަކެއް ހިންގަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ހަމަނުޖެހުން ހިންގަން އުޅޭ ފަރާތްތަކުން ރާވަމުން ދަނީ ފެބްރުއަރީ 8، 2012 ގައި ހިންގި ފަދަ ބޮޑެތި ހަމަނުޖެހުންތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެެވެ.
މާރިޔާ ވިދާޅުވީ އިދިކޮޅު ޕާޓީތަކުން އިންތިޚާބަށް ކުރިމަތިލީ މޮޅުވުމަށެވެ. އެއްވެސް ފަރާތަކުން ހަމަނުޖެހުމެއް ހިންގާނެ ކަމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ. އެހެންވެ އެފަދަ ކަމަކާ އެއްވެސް މީހަކު ކަންބޮޑުނުވާން އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.
ގާނޫނު އަސާސީ އަކީ ތިން ބާރު ވަކިކޮށްގެން ތައްޔާރުކޮށްފައިވާ އެއްޗެއް ކަމަށާއި ނަމަވެސް މިހާރު ކަންތައްތައް ވެގެންދަނީ އެގޮތަކަށް ނޫން ކަމަށް މާރިިޔާ ތަކުރާރުކޮށް ވިދާޅުވި އެވެ.
"ގާނޫނު އަސާސީއާ ހިލާފަށް ސަރުކާރު ހިންގެވުމާ ހަވާލުވެ ހުންނެވި ރައީސް ޔާމީން އަމިއްލަ އަށް އެ ވިދާޅުވަނީ އެމަނިކުފާނުކަން މި ފުރުސަތުތައް ގެއްލުވާލައްވައި މިފަދަ ހުކުމްތަކުގެ ތެރޭގައި އެމަނިކުފާނުގެ އަތްޕުޅެއް އޮންނަ ކަމަށް،" މާރިޔާ ވިދާޅުވި އެެވެ.