16 ސެޕްޓެމްބަރ 2018 - 12:45

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސް އެކްސްޕޯޓް ކުރާ އެންސިސް ފިޝަރީޒްގެ 2.7 މިލިއަން ރުފިޔާ ފޭރިގަތް މައްސަލައިގައި އިތުރު މީހަކު، މ. މުލަކުން މިދިޔަ ހުކުރު ދުވަހު ހައްޔަރުކޮށްފި އެވެ.
ފުލުސް އޮފީހުން ބުނީ ކޯޓު އަމުރެއްގެ ދަށުން، 20 އަހަރުގެ މި ޒުވާނާ ހައްޔަރުކުރީ މުލަކުގައި ފިލައިގެން އުޅެނިކޮށް ކަމަށެވެ. އޭނާއަކީ ފޭރުމުގައި އަމަލީ ގޮތުން ބައިވެރިވި މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ކޯޓުން މިހާރު ވަނީ ތަހުގީގަށް އޭނާ ބަންދުގައި ބަހައްޓަން 14 ދުވަހުގެ މުއްދަތެއް ދީފަ އެވެ.
މިދިޔަ ޖުލައި މަހުގެ ތެރޭގައި އެންސިސްގެ ފައިސާތައް މަގުމަތިން ފޭރިގަތީ، ހުޅުމާލޭ ސެންޓްރޯ މޯލްގައި ހުންނަ މޮރިޝަސް ބޭންކްގެ ބްރާންޗުން ފައިސާ ނަގައިގެން، އެންސިސްގެ މުވައްޒަފުން ވެހިކަލަކަށް އަަރަން އުޅެނިކޮށް ސައިކަލެއްގައި ދިޔަ ބައެކެވެ. އެ މީހުން ތިބީ މޫނު ވެސް ނިވާނުކޮށެވެ.
އެންސިސްގެ ފައިސާތައް ފޭރިގެން މައްސަލައިގައި މިދިޔަ ހަފުތާގައި ވެސް ވަނީ ތިން މީހަކު ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި އަންހެނަކު ވެސް ހިމެނެ އެވެ.
ހައްޔަރު ކުރި މީހުންގެ ތެރެއިން އެކެއްގެ އަތުން، ހަ ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި މިހާތަނަށް ގިނަ ބަޔަކު ހައްޔަރުކުރި ނަމަވެސް މިހާރު ބަންދުގައި ތިބީ ފަސް މީހެކެވެ.
ހުޅުމާލޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ފޭރުމުގެ މި މައްސަލައިގައި އެންސިސްގެ ދެ މުވައްޒަފަކު ވެސް ހައްޔަރު ކުރިކަމަށް ކުރިން އަޑު ފެތުރުނެވެ. އެކަމަކު އެކަމުގައި ކުންފުނީގެ އެއްވެސް މުވައްޒަފެއްގެ ބައިވެރިވުން ނެތް ކަމަށް އެތަނުން ވަނީ ބުނެފަ އެވެ.