16 ސެޕްޓެމްބަރ 2018 - 11:26

ތެހެރާން (ސެޕްޓެމްބަރު 16) - ތެޔޮ އުފައްދާ ގައުމުތަކުގެ ޖަމިއްޔާ، އޯޕެކަކީ އެމެރިކާގެ ހަތިޔާރަކަށް ސައުދީ އަރަބިއާ އާއި ޔޫއޭއީ އިން ހަދަމުންދާ ކަމަށް އީރާނުގެ އޮފިޝަލުން ބުނެފި އެވެ.
"އޯޕެކް ދަނީ އޮގަނައިޒޭޝަނެއްގެ ސިފަ ގެއްލި ފޯރަމަކަށް ބަދަލުވަމުން،" އޯޕެކަށް ކަނޑައަޅާފައި ހުންނަ އީރާނުގެ ގަވަރްނަރު ހުސައިން ކަޒަމްޕޫރު އާޑެބިލީ ވިދާޅުވި އެވެ.
އީރާނުން ދެކޮޅު ހަދަމުން ދަނިކޮށް އޯޕެކުން ޖޫން މަހު ވަނީ ތެޔޮ އުފައްދާ މިންވަރު ދުވާލަކު އެއް މިލިއަން ފީފާ އިތުރު ކުރަން ނިންމައިފަ އެވެ.
އާޑެބިލީ ތުހުމަތު ކުރެއްވި ގޮތުގައި ސައުދީ އާއި ރަޝިޔާ އިން ވަނީ ތެޔޮ އުފައްދާ މިންވަރު އިތުރު ކުރުމަށް ފަހު އޯޕެކް ރަހީނުކޮށްފައި ކަމަށެވެ. އެކަމަކު އޯޕެކުގެ ޒިންމާ އަކީ ތެލުގެ މާކެޓް ބެލެންސް ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ތެޔޮ އުފައްދާ މިންވަރު އިތުރު ކުރުމަށް ތަކުރާރުކޮށް ގޮވާލައްވައިފަ އެވެ. އަދި އީރާނުން އެހެން ގައުމުތަކުން ތެޔޮ ގަތުން ހުއްޓާލުމަށް ވެސް ވަނީ ގޮވާލައްވައިފަ އެވެ.
އީރާނާ އެކު ދުނިޔޭގެ ބާރުގަދަ ގައުމުތަކުން 2015 ވަނަ އަހަރު ގާއިމްކުރި ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ މެއި މަހު ވަކިވުމަށް ފަހު ވަނީ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ. އީރާނާ އެކު ނޮވެމްބަރު 5 ވަނަ ދުވަހުގެ ފަހުން ތެލުގެ ވިޔަފާރި ކުރާ ގައުމުތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެމެރިކާ އިން ވަނީ ދީފަ އެވެ. އިންޑިއާ އާއި ޗައިނާ ފަދަ ގައުމުތަކުން އީރާނުގެ ތެޔޮ ގަތުން ހުއްޓާލައިފި ނަމަ އެ ގައުމުގެ ތެލުގެ ވިޔަފާރި ވަރަށް ބޮޑަށް ހީނަރުވާނެ އެވެ.