ސައުދީ އެއާލައިނަކުން އަންހެން ޕައިލެޓުން ހޯދަނީ
ސައުދީ އެއާލައިނަކުން އަންހެން ޕައިލެޓުން ހޯދަނީ

ރިޔާޒް (ސެޕްޓެމްބަރު 16) - ސައުދީ އަރަބިއާގެ ވެރިރަށް ރިޔާޒުގައި ހިންގާ ފްލައިނާސް އެއާލައިނަށް ކޯ-ޕައިލެޓުންގެ ގޮތުގައި އަންހެން ޕައިލެޓުންނާއި އަންހެން ފްލައިޓް އެޓެންޑެންޓުން ހޯދަން އިއުލާންކޮށްފި އެވެ.

މަސައްކަތުގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން ބޮޑުކުރުމުގެ ގޮތުން ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ގެންދަވަނީ ސިޔާސަތުތަކަށް ބަދަލު ގެންނަވަމުންނެވެ. މިގޮތުން ޖޫން މަހު ވަނީ އަންހެނުންނަށް ކާރު ދުއްވުން ހުއްދަކޮށްފަ އެވެ.

އޭވިއޭޝަން ދާއިރާގައި އަންހެނުން މަސައްކަތް ކުރުމަކީ ސައުދީގައި މަނާކަމެއް ނޫނެވެ. ނަމަވެސް ސައުދީގެ އެއާލައިންތަކުގައި ފްލައިޓް އެޓެންޑެންޓުންގެ ގޮތުގައި އާއްމުކޮށް ތިބެނީ ފިލިޕީންސް ފަދަ ގައުމުތަކުގެ އަންހެން ކުދިންނެވެ.

އެއާލައިނުގެ އޮފިޝަލަކު ބުނީ އަންހެން ކޯ-ޕައިލެޓުންނާއި އެޓެންޑެންޓުން ހޯދަން އިއުލާންކުރިތާ 24 ގަޑިއިރު ތެރޭ 1،000 އަށް ވުރެ ގިނަ އެޕްލިކޭޝަން ލިބިފައިވާ ކަމަށެވެ.

"ސައުދީ އަށް ގެންނަ ބަދަލުތަކުގައި އަންހެނުންގެ ބައިވެރިވުން ބޮޑު ކުރުމުގައި ފްލައިނާސް އިން މުހިންމު ރޯލެއް އަދާކުރަން ބޭނުންވޭ،" ބަޖެޓް އެއާލައިނުން ބުނެފައިވެ އެވެ.