17 ސެޕްޓެމްބަރ 2018 - 08:09

ޖޭމްސް ބޮންޑް ސީރީޒްގެ 25 ވަނަ ފިލްމު ލިޔެ، ޑައިރެކްޓް ކުރަން، މަޝްހޫރު ޑައިރެކްޓަރު ޑެނީ ބޮއެލް ހަވާލުވުމަށް ފަހު، ފިލްމުގެ ޕްރޮޑިއުސަރުންނާ ހިޔާލު ތަފާތުވެގެން ފިލްމް ދޫކޮށްލުމާ އެކު، މީގެ މަސައްކަތުގައި އޮތީ ވާނުވާ ނޭނގުމެއްގެ ތެރޭގަ އެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން ކުރިން އިއުލާންކޮށްފައި އޮތް ތާރީހަށް ފިލްމު ސިނަމާތަކަށް ގެނެވޭނެ ކަމަކަށް ވެސް މިހާރު ނުބެލެވެ އެވެ. އަދި ނަން ވެސް އިއުލާނުކޮށްފައިނުވާ ޖޭމްސް ބޮންޑްގެ 25 ވަނަ ފިލްމު ރިލީޒް ކުރަން ތާވަލުކޮށްފައި ވަނީ ނޮވެމްބަރު، 8، 2019 ގަ އެވެ.
ފިލްމުގެ މަސައްކަތް ކުރިން ރޭވި ގޮތަށް ކުރިއަށް ނުދާ އިރު، މިކަމާ ބެހޭ ގޮތުން ޕްރޮޑިއުސަރުން ކަމަށްވާ ބާބަރާ ބްރޮކޮލީ އާއި މައިކަލް ޖީ ވިލްސަން މިހާތަނަށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
ޖޭމްސްގެ ބޮންޑްގެ ޓްވިޓާ އިން ފިލްމާ ބެހޭ ގޮތުން އެންމެ ފަހުން ހާމަކުރި ވާހަކައަކީ މިދިޔަ މަހުގެ 21 ގައި ޑެނީ ފިލްމް ދޫކޮށްލި ވާހަކަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޖޭމްސް ބޮންޑް 25 ގެ ޑައިރެކްޝަނާ ހަވާލުވެދާނެ ކަމަށް ބެލެވޭ ޑައިރެކްޓަރުންގެ ތެރޭގައި މި ސީރީޒްގެ އެންމެ ފަހުގެ ދެ ފިލްމް ކަމަށްވާ ސްޕެކްޓްރާ (2015) އާއި ސްކައި ފޯލް (2012) ޑައިރެކްޓް ކުރި ސޭމް މެންޑޭޒާއި "އެމެރިކަން އެނިމަލްސް" ގެ ޑައިރެކްޓަރު ބާޓް ލޭޓަން އާއި "ޓޯސްޓް" ގެނެސް ދިން އިނގިރޭސި އަންހެން ޑައިރެކްޓަރު އެސްޖޭ ކްލާކްސަން އަދި ފްރާންސްގެ ޑައިރެކްޓަރު ޔެން ޑެމެން ހިމެނެ އެވެ.
ވެރައިޓީން ރިޕޯޓްކޮށްފައިވާ ގޮތުގައި "ސްލަމްޑޯގް މިލިއަނާ" ހަދައިގެން އޮސްކާ ހާސިލު ކުރި ޑެނީ ފިލްމް ދޫކޮށްލުމުން ޖޭމްސް ބޮންޑް 25 ގެ ސްކްރީންޕްލޭ މިހާރު ވަނީ ޑެނިއަލް ކްރެއިގް ޓައިޓްލް ރޯލް ކުޅުނު ހަތަރު ފިލްމްގެ ސްކްރީންޕްލޭގައި ވެސް ހިއްސާވި ނީލް ޕުރްވިސް އާއި ރޮބަޓް ވޭޑްއާ ފިލްމު ލިޔަން މިހާރު ހަވާލުކޮށްފަ އެވެ.