"ސްޓްރީ" ބޮކްސް އޮފީސް ބިރު ގަންނުވާލައި، 100 ކްރޯޑްގެ އާމްދަނީއެއް ހޯދައިފި
"ސްޓްރީ" ބޮކްސް އޮފީސް ބިރު ގަންނުވާލައި، 100 ކްރޯޑްގެ އާމްދަނީއެއް ހޯދައިފި

މިދިޔަ މަހު ރިލީޒް ކުރި ޝްރަދާ ކަޕޫރާއި ރާޖްކުމާރް ރާއޯގެ ހޮރޯ ކޮމެޑީ "ސްޓްރީ" ބެލުންތެރިންގެ ހިތްތައް ފަތަހަކޮށް، ބޮކްސް އޮފީހުގައި ވަރުގަދަކަން ދައްކާލައި މި އަހަރު 100 ކްރޯޑް އާމްދަނީއެއް ހޯދި ނުވަ ވަނަ ފިލްމުގެ މަގާމު ހޯދައިފި އެވެ.

ކުޑަ ބަޖެޓަކުން ހަދާފައިވާ "ސްޓްރީ" އަށް އިންޑިއާ އިން އެކަނި ލިބުނު އާމްދަނީ ފިލްމު ރިލްޒް ކުރިތާ 17 ދުވަހުގެ ތެރޭގައި 100 ކްރޯޑަށް އެރި އިރު، އިންޑިއާ އާއި އިންޑިއާ އިން ބޭރުގެ މާކެޓްތަކުގައި ފިލްމު ދައްކައިގެން ލިބުނު އާމްދަނީ މިހާރު ވަނީ 130.31 ކްރޯޑް ރުޕީސް ފަހަނައަޅައިފަ އެވެ.

ރާޖް އެންޑް ޑީކޭގެ ސްކްރީންޕްލޭއަކަށް، އަމަރް ކޯޝިކް ޑައިރެކްޓް ކުރި "ސްޓްރީ" ހަދަން ހަރަދުކޮށްފައި ވަނީ އެންމެ 24 ކްރޯޑް ރުޕީސް އެވެ. މި ފިލްމު ރިލީޒް ކުރީ މިދިޔަ މަހުގެ 31 ގަ އެވެ.

"ސްޓްރީ" ވެގެން ގޮސްފައި ވަނީ 100 ކްރޯޑްގެ އާމްދަނީއެއް ހޯދި، ބަތަލާ ޝްރަދާ ކަޕޫރްގެ 3 ވަނަ ފިލްމަށެވެ. އެ ކުލަބުން ކުރިން ޖާގަ ހޯދި އޭނާގެ ފިލްމުތަކުގެ ތެރޭގައި "އޭކް ވިލަން" އާއި "އޭބީސީޑީ 2" ހިމެނެ އެވެ.

"ސްޓްރީ" އަކީ ނެޝަނަލް އެވޯޑް ހާސިލުކޮށްފައިވާ ބަތަލު ރާޖްކުމާރް ރާއޯގެ ފުރަތަމަ 100 ކްރޯޑް ފިލްމެވެ.

ކްރިޓިކުންނާއި ބެލުންތެރިންގެ ވެސް ވަރަށް ބޮޑު ތަރުއީފެއް އޮހުނު "ސްޓްރީ" އަކީ ވަރުގަދަ ކޮންޓެންޓަކާ އެކު، ކުޑަ ބަޖެޓަކުން ވެސް ޝައުގުވެރި ފިލްމެއް ގެނެސް ދެވިދާނެކަން ވަރަށް ރަނގަޅަށް ސާބިތުކޮށް ދިން ފިލްމެއްގެ ގޮތުގައި ތަރަން އަދާޝް އާއި ކޮމަލް ނަހަޓާ ފަދަ ނަން ހިނގާ ކްރިޓިކުން ސިފަކޮށްފައިވެ އެވެ.

އަދި "ސްޓްރީ" އާއި "ރާޒީ" ފަދަ ބަތަލާއިންނަށް ބަރޯސާވާ ފަދަ ފިލްމްތަކަށް ބޮކްސް އޮފީހުގައި ބޮޑު ތަރުހީބެއް ލިބުމަކީ، ބަތަލާއިންގެ ވަރުގަދަކަން ވެސް މިހާރު ދައްކުވައިދޭ ހެއްކެއް ކަމަށް ބޮލީވުޑްގެ ވިޔަފާރިތައް ދިރާސާ ކުރާ މީހުން ބުނެ އެވެ.

"ސްޓްރީ" ގެ ބޮޑު ކާމިޔާބީއާ އެކު މި ފިލްމްގެ އިތުރު ދެ ބައި ގެނެސް ދީ، މިއީ ޓްރިލޮޖީއަކަށް ހަދަން ޕްރޮޑިއުސަރުން ވަނީ ނިންމައިފަ އެވެ. އަދި ފިލްމްގެ ދެވަނަ ބައިގެ މަސައްކަތް އަންނަ އަހަރު ފަށާ ގޮތަށް ވަނީ ނިންމައިފަ އެވެ.

މި އަހަރު ދެން 100 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދި ފިލްމްތަކަކީ ދީޕިކާ ޕަދްކޯންގެ "ޕަދްމާވަތު"، ކާތިކް އަރިޔަންގެ "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ"، އަޖޭ ދޭވްގަންގެ "ރެއިޑް"، ޓައިގާ ޝްރޮފްގެ "ބާގީ 2"، އާލިއާ ބަޓްގެ "ރާޒީ"، ސަލްމާން ހާންގެ "ރޭސް 3"، ރަންބީރް ކަޕޫރްގެ "ސަންޖޫ" އަދި އަކްޝޭ ކުމާރްގެ "ގޯލްޑް" އެވެ.