17 ސެޕްޓެމްބަރ 2018 - 08:10

މީގެ ކުރިން ވެސް އެކުގައި ކާމިޔާބު ދެ ފިލްމެއްގައި މަސައްކަތްކޮށްފައިވާ އަކްޝޭ ކުމާރާއި ވިދިޔާ ބާލަން އަނެއްކާ ވެސް އާ ފިލްމަކަށް ސޮއިކޮށްފި އެވެ.

ކުރިން "ހޭ ބޭބީ" އާއި "ބޫލް ބުލައްޔާ" ގައި މަސައްކަތްކުރި ދެ ތަރިން މި ފަހަރު ސޮއިކުރި ފިލްމަކީ މި އަހަރު ރިލީޒް ކުރި އަކްޝޭގެ "ޕެޑްމޭން" ގެ ޑައިރެކްޓަރު އާރް ބަލްކީ އާއި ވަޔަކޮމް 18 ގުޅިގެން ޕްރޮޑިއުސް ކުރާ ފިލްމެކެވެ. ވިދިޔާ ކުރިން ވަނީ ބަލްކީއާ އެކު "ޕާ" ގައި ވެސް މަސައްކަތްކޮށްފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމުގެ އެއް ބަތަލާގެ ތެރޭގައި އަކްޝޭގެ "އެއާލިފްޓް" ގެ ބަތަލާ ނިމްރަތު ކޯރްގެ އިތުރުން ވެސް އަދި ދެ ބަތަލާ އެކު ހިމެނެ އެވެ.
އަދި ނަން އިއުލާންކޮށްފައި ނުވާ މި ފިލްމަކީ ޖައްވީ ވާހަކައަކަށް ބިނާކޮށް ހަދާ ފިލްމެކެވެ. މާސް އަށް އިންޑިއާ އިން ފަށާ މިޝަނަކަށް ބިނާކޮށް ހަދާ ފިލްމްގެ ޑައިރެކްޓަރަކީ ބަލްކީއާ އެކު "ޕެޑްމޭން" އަދި "ހޮލިޑޭ" އަދި "އަކީރާ" ފަދަ ފިލްމްތަކުގައި އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރި ޖަގަން ޝަކްތީ އެވެ.
އަކްޝޭގެ ފިލްމު ކުންފުނި ކޭޕް އޮފް ފުޑް ހޯޕްސް އިން ވެސް ހިއްސާވާ ފިލްމުގެ ޝޫޓިން ފަށާނެ އިރަކާއި ފިލްމު ސިނަމާތަކަށް ގެންނާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. މިދިޔަ މަހު "ގޯލްޑް" އިން ފެނިގެން ދިޔަ އެކްޓަރުގެ ކުރިއަށް އޮތް ފިލްމަކީ ނޮވެމްބަރު 29 ގައި ރިލީޒް ކުރާ ސައިންސް ފިކްޝަން ފިލްމް "2.0" އެވެ.
މިދިޔަ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ ވިދިޔާ މިހާރު އަންނަނީ ސައުތުގެ ކުރީގެ ސްޕަސްޓާ އެންޓީއާރްގެ ބައޮގްރިފަކަލް ޑްރާމާގެ މަސައްކަތް ކުރަމުންނެވެ. ފިލްމުގެ ޑައިރެކްޓަރަކީ އަންނަ އަހަރު ރިލީޒް ކުރާ ކަންގަނާ ރަނާވަތުގެ "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" ގެ ޑައިރެކްޓަރު ކްރިޝް އެވެ.