އިބްރަހިމޮވިޗް 500 ވަނަ ގޯލް ޖަހައިފި
އިބްރަހިމޮވިޗް 500 ވަނަ ގޯލް ޖަހައިފި

ޓޮރޮންޓޯ (ސެޕްޓެމްބަރު 16) – އެމެރިކާގެ މޭޖާ ލީގުގައި ރޭ ޓޮރޮންޓޯ އެފްސީ އަތުން 5-3 އިން އެލްއޭ ގެލެކްސީ ބަލިވި މެޗުގައި އެ ޓީމުގެ ސްވިޑަން ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗް އޭނާގެ ކެރިއަރުގެ 500 ވަނަ ގޯލް ޖަހައިފި އެވެ.

އުމުރުން 36 އަހަރުގެ އިބްރަހިމޮވިޗަކީ މިވަގުތު ކުޅެމުން އަންނަ ކުޅުންތެރިންގެ ތެރެއިން ކެރިއަރުގައި އެ އަދަދު ހަމަކުރި ތިން ވަނަ ކުޅުންތެރިޔާ އެވެ. އަނެއް ދެ ކުޅުންތެރިންނަކީ ބާސެލޯނާގެ ލިއޮނަލް މެސީ އާއި ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

މީގެ ތެރެއިން 62 ލަނޑަކީ އޭނާ ގައުމީ ޓީމަށް ޖަހައިދިން ގޯލްތަކެވެ. އެހެން ގޯލްތައް ޖެހީ ސްވިޑަންގެ މަލްމޯ އާއި ނެދަލެންޑްސްގެ އަޔަކްސް އާއި އިޓަލީގެ ޔުވެންޓަސް އާއި އިންޓަ އާއި އޭސީ މިލާނާއި ސްޕެއިނުގެ ބާސެލޯނާ އާއި ފްރާންސްގެ ޕީއެސްޖީ އާއި އިންގްލެންޑުގެ މެންޗެސްޓާ ޔުނައިޓެޑް ހޭދަކުރި އަދި މިހާރު ގެލެކްސީގައި ހޭދަކުރަމުން އަންނަ ކާމިޔާބު ކްލަބް ކެރިއަރުގަ އެވެ.

ޓޮރޮންޓޯގެ ދަނޑުގައި މިއަދު ކުޅުނު މެޗުގައި އިބްރަހިމޮވިޗް ގޯލް ޖެހީ ޓޮރޮންޓޯ އިން ތިން ލަނޑުގެ ލީޑެއް ނަގާފައި އޮއްވަ އެވެ. އިބްރަހިމޮވިޗުގެ ގޯލަށް ފަހު އެ ޓީމުން އިތުރު ދެ ގޯލް ޖަހައި ނަތީޖާ ހަމަހަމަކުރި އެވެ. އެކަމަކު ޓޮރޮންޓޯ އިން އިތުރު ދެ ގޯލް ޖަހައި 5-3 އިން މޮޅުވި އެވެ. އިބްރަހިމޮވިޗް ވަނީ މި ސީޒަނުގައި 16 ގޯލް ޖަހައިފަ އެވެ.