އިންޓަގެ ފެށުން ފަނުފުލުން
އިންޓަގެ ފެށުން ފަނުފުލުން

މިލާން (ސެޕްޓެމްބަރު 16) – ޕާމާ އަތުން 1-0 އިން ބަލިވެ، މި ފަހަރު އިޓާލިއަން ލީގުގެ ތަށްޓަށް ވާދަކުރެވޭ ފެންވަރުގެ ސްކޮޑެއް ތައްޔާރުކޮށް ސީޒަނާ ކުރިމަތިލީ އިންޓަ މިލާނުގެ ދަށް ފެށުމަށް ބޮޅެއް އިތުރުވެއްޖެ އެވެ.

ފުރަތަމަ ހަތަރު މެޗުގެ ތެރެއިން އެ ޓީމަށް މޮޅުވެވުނީ އެންމެ މެޗަކުންނެވެ. ދެ މެޗުން ބަލިވެ އެއް މެޗު އެއްވަރުވެ އެ ޓީމަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ޓީމު އޮތީ ތާވަލުގެ 13 ވަނައިގަ އެވެ. އެ ޓީމަށް ދެން އޮތީ ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހު އިންގްލެންޑުގެ ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށް ކުޅޭ މެޗެވެ.

ބެކްރަޕްޓްވެ 2015 ވަނަ އަހަރު ހަތަރު ވަނަ ޑިވިޝަނަށް ވެއްޓުނު ޕާމާ ތިން ޕްރޮމޯޝަނަށް ފަހު ތިން އަހަރުގެ ތެރޭ އެނބުރި އައިސް ހޯދި ފުރަތަމަ މޮޅާ އެކު މިހާތަނަށް ވަނީ ހަތަރު ޕޮއިންޓް ހޯދައިފަ އެވެ.

އިންޓަގެ ދަނޑުގައި ރޭ ޕާމާ އަށް މޮޅެއް ހޯދައިދިނީ އިންޓަގެ ލޯނެއްގެ ދަށުން ކުޅެމުން އަންނަ ފެޑެރިކޯ ޑިމާކޯ އެވެ. އޭރިއާ ބޭރުން ފޮނުވާލި ޝޮޓެއް 79 ވަނަ މިނެޓުގައި ގޯލަށް ވައްދާލިއިރު އޭގެ ކުރިން އިންޓަގެ އިވާން ޕެރިސިޗް ފޮނުވާލި ބޯޅައެއް އޭނާ ވަނީ ގޯލް ރޮނގު މަތިން ވެސް ސާފުކޮށްލައިފަ އެވެ.

ރޭ ނަޕޯލީ ވަނީ އަމިއްލަ ދަނޑުގައި ފިއޮރެންޓީނާ އަތުން 1-0 އިން މޮޅުވެ ނުވަ ޕޮއިންޓާ އެކު ތާވަލުގެ ދެ ވަނަ އަށް އަރައިފަ އެވެ. އެއް ވަނައިގައި ނުވަ ޕޮއިންޓާއި ފައިދާ ލަނޑުން ކުރި ހޯދައިގެން އޮތީ އެއް މެޗު މަދުން ކުޅެފައިވާ ޔުވެންޓަސް އެވެ. އިޓަލީގެ އެންމެ ކާމިޔާބު އެއް ކޯޗު ކާލޯ އަންޗެލޮޓީ ކޯޗުކޮށްދޭ ނަޕޯލީ އަށް ރޭ ހަމައެކަނި ގޯލް ޖަހައިދިނީ 79 ވަނަ މިނެޓުގައި ލޮރެންޒޯ އިންސީނިޔޭ އެވެ.