16 ސެޕްޓެމްބަރ 2018 - 07:32

ލަންޑަން (ސެޕްޓެމްބަރު 16) – ޓޮޓެންހަމް ހޮޓްސްޕާސް 2-1 އިން ބަލިކޮށް ޕްރިމިއާ ލީގު ފަށައިގެން ކުޅުނު ޖެހިޖެހިގެން ފަސް ވަނަ މެޗު ކާމިޔާބުކޮށް ލިވަޕޫލުން 1990 ވަނަ އަހަރުގެ ފަހުން ލީގުގައި އެންމެ ރަނގަޅު ފެށުން ހޯދައިފި އެވެ.
އެކަމަކު ތާވަލުގެ އެއް ވަނައިގައި އޮތީ އެ ޓީމާ އެއްވަރަށް މޮޅުވުމުގެ ރެކޯޑް ދަމަހައްޓަމުން އަންނަ ޗެލްސީ އެވެ. ރޭ އަމިއްލަ ދަނޑުގައި ކާޑިފް ސިޓީ އަތުން 4-1 އިން މޮޅުވި ޗެލްސީ އާއި ލިވަޕޫލަށް ވެސް ލިބިފައިވަނީ 15 ޕޮއިންޓެވެ. ޗެލްސީ އެއް ވަނައިގައި އޮތީ ލަނޑުގެ ތަފާތުންނެވެ. ތިން ވަނައިގައި 13 ޕޮއިންޓާ އެކު އޮތީ ރޭ ފުލަމް އަތުން 3-0 އިން މޮޅުވި މެންޗެސްޓާ ސިޓީ އެވެ.
ލިވަޕޫލާއި ޓޮޓެންހަމުން ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުގެ 39 ވަނަ މިނެޓުގައި ލިވަޕޫލަށް ކުރި ހޯދައިދިނީ ޖޯޖީނިއޯ ވައިނަލްޑަމް އެވެ. އަދި 54 ވަނަ މިނެޓުގައި ދެ ވަނަ ލަނޑު ޖެހީ ބްރެޒިލް ފޯވާޑް ރޮބާޓޯ ފިރްމީނިއޯ އެވެ. ޓޮޓެންހަމްގެ އެރިކް ލަމޭލާ އިތުރު ވަގުތުގައި ލަނޑެއް ޖެހި ނަމަވެސް ނަތީޖާއަށް ބަދަލެއް ގެނެވޭ ގޮތެއް ނުވި އެވެ.
"އަހަރެމެންގެ ކުޅުންތެރިންގެ ފަރާތުން ކޮން ފަދަ ކުޅުމެއް މި ފެނުނީ. ވަރަށް ވަރަށް ރަނގަޅު. ޓޮޓެންހަމްގެ ދަނޑުގައި އެ ޓީމު އަތުން މޮޅުވެއްޖެ ނަމަ ބޮޑު ކާމިޔާބެއް،" ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕް ބުންޏެވެ. "ޓޮޓެންހަމަކީ ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ ވަރުގަދަ އެއް ކްލަބް. އަދި މިތަނަށް އައިސް، އިންޓަނޭޝަނަލް ބްރޭކަކަށް ފަހު މިގޮތަށް ޕާފޯމްކުރުން، މިއީ އަހަރެން ޔަގީންކުރި ކަމެއް ނޫން."
ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ އޭނާ މާޔޫސްނުވާ ކަމަށާއި މި މެޗުން ދައްކުވައިދިނީ ޕްރިމިއާ ލީގުގެ ވާދަވެރިކަން ކަމަށެވެ. އަދި ލިވަޕޫލުން މެޗު ފެށީ ވަރަށް ރަނގަޅަށްކަން އޭނާ ފާހަގަކުރި އެވެ.
"ދެ ވަނަ ހާފުގައި އަހަރެމެން ގޯސްތަކެއް ހެދިން. އެކަމަކު ވެސް އަހަރެމެން ދިޔައީ ގޯލަކަށް އަރަމުން. އަހަރެމެން ކޮޅަށް ވަން ގޯލްތަކަކީ އަހަރެމެންގެ ފަރާތުން ހެދުނު ގޯސްތަކެއް. އެކަމަކު އަހަރެން މިހިރީ ހަމަޖެހިލައިގެން،" ޕޮޗެޓީނޯ ބުންޏެވެ.
ޗެލްސީ އާއި ކާޑިފް ސިޓީ ކުޅުނު މެޗުގެ 16 ވަނަ މިނެޓުގައި ކާޑިފުން ކުރި ހޯދި އެވެ. ޗެލްސީ ފަހަތުން އަރައި މޮޅުވީ އެޑެން ހަޒާޑް ހެދި ހެޓްރިކާއި ވިލިއަން ޖެހި ގޯލުންނެވެ. ފުލަމް އަތުން އަމިއްލަ ދަނޑުގައި ސިޓީ މޮޅުވިއިރު ގޯލްތައް ޖަހައިދިނީ ލެރޯއީ ސާނޭ އާއި ޑޭވިޑް ސިލްވާ އަދި ރަހީމް ސްޓާލިން އެވެ.
މައްސަލަތަކެއްގެ ތެރޭގައި އޮތް މެންޗެސްޓާ ޔުނައިޓެޑް ވަނީ ލީގުގައި ރަނގަޅު ފޯމެއްގައި އޮތް ވަޓްފޯޑް އަތުން ރަށުން ބޭރުގައި 2-1 އިން މޮޅުވެފަ އެވެ. ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ރޮމެލޫ ލުކާކޫ އާއި ކްރިސް ސްމޯލިންގެ ލަނޑުތަކުން ކުރި ހޯދައިފަ އެވެ. ވަޓްފޯޑަށް ތަފާތު ކުޑަކޮށްދިނީ 65 ވަނަ މިނެޓުގައި އަންދްރޭ ގްރޭއީ އެވެ. މެޗުގެ އިތުރު ވަގުތު ޔުނައިޓެޑުގެ ނިމަންޔާ މަޓިޗަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތްކާޑެއް ދައްކައިފަ އެވެ. އާސެނަލް ވެސް ވަނީ ރޭ ރަށުން ބޭރުގައި ނިއުކާސަލް ޔުނައިޓެޑް އަތުން 2-1 އިން މޮޅުވެފަ އެވެ. ގްރަނިޓް ޗަކާ އާއި މެސުތު އޮޒިލް އެ ޓީމަށް ލަނޑު ޖަހައިދިން އިރު ނިއުކާސަލްގެ ހަމައެކަނި ގޯލް އިތުރު ވަގުތުގެ ތެރޭ ޖެހީ ކިއަރަން ކްލާކެވެ.
ތާވަލުގެ ހަތަރު ވަނައިގައި 12 ޕޮއިންޓާ އެކު ވަޓްފޯޑް އޮތްއިރު އާސެނަލް އޮތީ ނުވަ ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ. އަދި ޔުނައިޓެޑް އޮތީ އެ އަދަދަށް ޕޮއިންޓް އެއްކޮށްގެން ލަނޑުގެ ތަފާތުން އަށް ވަނައިގަ އެވެ.