08 އޯގަސްޓް 2016 - 11:21

ބްރެޒިލްގެ ރިއޯ ޑި ޖެނީރޯގައި މިހާރު ކުރިއަށްދާ އޮލިމްޕިކް ގޭމްސްގެ ބެޑްމިންޓަން އިވެންޓުގެ އޮފިޝަލްކަން ކުރުމުގެ ފުރުސަތު ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ބެޑްމިންޓަން ރެފްރީ އަލީ އަބްދުލް ކަރީމް (ޒޯލާ) އަށް ލިބިއްޖެ އެވެ.
އަލީ ވަނީ މީގެ ކުރިން ރާއްޖޭގައި ގިނަ މުބާރާތްތަކާއި ސަރަހައްދީ ފެންވަރުގެ ގިނަ މުބާރާތްތަކުގައި އޮފިޝަލުކަން ކޮށްފަ އެވެ. އޭނާ އަކީ ބެޑްމިންޓަން އޭޝިއާ ކޮންފެޑެރޭޝަން ލައިސަންސް ލިބިފައިވާ ރެފްރީ އެކެވެ.
އަލީ އަކީ މި ފަހަރުގެ އޮލިމްޕިކްސްގައި ޓެކްނިކަލް އޮފިޝަލެއްގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ލިބުނު ހަމައެކަނި ދިވެހި ރެފްރީ އެވެ. އޭނާ އަށް ވަނީ މީގެ ކުރިން ކުޅިވަރަށް ހިދުމަތް ކުރުމުގެ ރޮނގުން ޔޫތު އެވޯޑްސް ވެސް ލިބިފަ އެވެ.
ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތުގައި ދިވެހި ރެފްރީ އަކަށް ފުރުސަތު ލިބުމަކީ ރާއްޖެ އަށް ލިބުނު ރީތި ނަމެއްގެ ގޮތުގައި ދެކޭ ކަމަށް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ވަނީ ބުނެފަ އެވެ.
މީގެ ކުރިން ދުނިޔޭގެ ގިނަ އެކި ކުޅިވަރު މުބާރާތްތަކުގައި ދިވެހި ރެފްރީންނަށް ވަނީ ރެފްރީކަން ކުރުމުގެ ފުރުސަތު ލިބިފަ އެވެ. އެގޮތުން 2002 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގައި ރާއްޖޭގެ މުހައްމަދު ސައީދު ވަނީ ލައިންސްމަންކަން ކޮށްފަ އެވެ.