16 ސެޕްޓެމްބަރ 2018 - 07:03

ބުދަ ދުވަހާ ގުޅޭ
"އަސްލު އަހަރެން މިގެއަށް އައީމަ ޝާޒްލީމެންނަށް އުނދަގޫވޭތަ؟ ވަންޏާ ބުނައްޗޭ! އަހަންނާ އަހަރެންގެ ދަރިފުޅާ.."
"އަސްލު މައްސަލައަކީ އަހަރެންގެ މައްސަލައެއް،" ޝާޒްލީ ބުންޏެވެ. "ޑައިރެކްޓްލީ އަހަރެންގެ ވެސް މައްސަލައެއް ނޫން. އައްޔަގެ މައްސަލައެއް މައްސަލައަކީ. އެއްކަލަ ދުވަހު ދިމާވިއެއްނު! އޭނަ ފާޑަކަށް އުޅޭތާ މިހާރު ކިތަންމެ ދުވަހެއް ވެއްޖެ! އަދިކިރިޔާ ރީޒަން މި އެނގުނީ. އެއީ މައްސަލަ ފެށޭ ހިސާބު. އިހުސާނަކީ ކާކު؟"
ޒޫނާ ދިޔައީ ސިއްސައިގެންނެވެ.
"ސާޖިޒުތަ؟ ނޫނީ ސާޖިދުކަންނޭނގެ. އެއީ ކާކު؟" ޝާޒްލީ އެހިއެވެ.
ޕިއްޒާ ފޮއްޗެއް ތަށްޓަށް ލައިފައި އެއިން އެތިކޮޅެއް ކާލަމުން ސުހެއިލު ގޮނޑީގައި ހަމަޖެހިލިއެވެ. ކޯކުތަށިން އެތިފޮދެއް ބޯލިއެވެ. އެ ރެސްޓޯރަންޓު އޮތީ ފުރިފައެވެ. ގަޔާވެގެން އެންމެން ޕިއްޒާ ކެއިއިރު ވެސް ޝާޒްލީ އިނީ ގަޔާނުވެފައެވެ. ވުމާއެކު، ޝާޒްލީގެ މޫނާ ދިމާގައި ފަޒޭލު ފުއްޓަތްކެއްޖަހައިލިއެވެ. ޝާޒްލީ ބަލައިލިއެވެ.
"ކޮން ދުނިޔެއެއްގަ؟" ފަޒޭލު އެހިއެވެ.
"އަޅެ ޑެޑް ވެސް އައި ނަމަ ކިހާ މަޖާވީސް." ޝާޒްލީ ބުންޏެވެ.
ޒޫނާއާއި ޝާޒްލީއާ ދެމެދު ދެކެވުނު އެއްވެސް ވާހަކައެއް ޝާޒްލީ ނުދައްކައެވެ.
"ހުހް!" ސުހެއިލު ބުނެލިއެވެ. "އަހަރުމެންނަށް ފުރަތަމަ ސެލަރީ ލިބޭ ދުވަހު ÷ސެލަބްރޭޓުކުރަން ބުނިކަން ވެސް ޑެޑް މިހާރު ހަނދާނެއް ނެތް. އެ ވަރު މީހެއްގެ ވާހަކަ ތި ދައްކަނީ."
"އަހަރެން މާ ކުރިން ވެސް ބުނިންތާ މިހެން ވެދާނޭ." ފަޒޭލު ހަނދާންކޮށްދިނެވެ.
ބައްޕައަށް އައި ބަދަލު ޝާޒްލީއަކަށް ގަބޫލެއް ނުކުރެވެއެވެ. ކުރާކަށް ބޭނުމެއް ވެސް ނޫނެވެ.
"މޭބީ އަހަރުމެން މާ ބޮޑަށް ޝައްކުކުރާތީ ހީވަނީކަންނޭނގެ ޑެޑް ޗޭންޖުވެއްޖޭ! އަސްލު.." ޝާޒްލީގެ ވާހަކަ ޖެހުނީ އެ ހިސާބަށް ހުއްޓައިލާށެވެ.
"އަސްލު ވީ ގޮތް މަ ބުނަންތަ؟ ހީ އިޒް ކްރޭޒީ!" ސުހެއިލަކަށް އެއަށް ވުރެ މޮޅު ސަބަބެއް ނުވިސްނުނެވެ.
"މަށަށް ވަރިހަމަ!" ފަޒޭލު ފޫހިވެފައި ބުންޏެވެ. "މި ތަނަށް އަހަރުމެން އައީ ޕިއްޒާ ކާން. އެހެން ވާހަކައެއް ދައްކަބަލަ! ޕްލީޒް!"
ޝާޒްލީ ޕިއްޒާ ފޮތި ބާއްވައިފައި އޮތް ތަށި ދުރަށްޖައްސައިލިއެވެ.
"ވިސްނާވިސްނާ ހޮޑުލަވަން ފަށައިފި!" ޝާޒްލީ ބުންޏެވެ. "ހިނގާ ގެއަށް ދަމާ!"
"ގެއަށޭ؟" ސުހެއިލު އެހިއެވެ. "އަހަރުމެންގެ ގެއެއް އެބަހުރިތަ މިހާރު؟"
"އަހަރުމެންނޭ ކިޔައިގެން ކާކުބާ ބައްޕަ ގާތުގަ އެ ވަރަށް ކުޓުވަނީ؟" ޝާޒްލީ ހިތާހިތުން ބުނެލިއެވެ.
"އެނގޭތަ؟" ސުހެއިލު ބުންޏެވެ. "ކުރީ ރޭ އަހަރެން ފެންބޯން ނުކުތްއިރު ވެސް ޑެޑް އުޅޭ ހޭލާ. ބޭނުމެއް ނޫން މި ވާހަކަދައްކާކަށް. އެކަމަކު، އަހަރެން ދުށިން ޖެނީގެ ރޫމުން ޑެޑް ނުކުންނަނިކޮށް."
"ޔަކް!" ފަޒޭލަށް ބުނެވުނެވެ.
ކޮންމެ މީހަކަށް ވެސް ބަލައިލެވުނީ އަނެކެއްގެ މޫނަށެވެ. އޮތް އެއްޗެއް އޮތީ އެންމެންގެ ހިތުގައެވެ. ދޫމައްޗަށް އެ ވާހަކަ ގެންނާކަށް އެކަކަށް ވެސް ނުކެރުނެވެ.
"ދެން ނޫން!" ޝާޒްލީ ބުންޏެވެ. "އަހަރެން ވެސް އޮންނަ ރޫމް ވިއްޔަ އެއީ. މަ މި ރޭ އޮންނާނީ ހޭލާ! އެކަމަކު ރެޑްހޭންޑުކޮށް ހިފިއްޖެއްޔާ މަ ރޯނަން. ބޭނުމެއް ނޫން ހޭލާއޮންނާކަށް. ސީރިޔަސްކޮށް މި ބުނީ."
"އަހަރެން ފާރަލަންތަ ބައްޕައަށް؟" ސުހެއިލު އެހިއެވެ.
އެކަކު ވެސް ނޫނެކޭ ނުބުންޏެވެ. އާނއެކޭ ވެސް ނުމެ ބުނިމެއެވެ. ކަމަކީ ބިރުވެރިކަމެކެވެ. އެހާމެ ލަދުވެތިކަމެއް ވެސް މެއެވެ. ބައްޕަ ދެކެ ކިތަންމެ ރުޅިއަޔަސް ހުރިހާ ދަރިންގެ ހިތުގައި ވެސް ބައްޕައަށް އިހުތިރާމު އެބައޮތެވެ. އެހެންނަމަވެސް، ބައްޕައަށް އައިސްފައިވާ ބަދަލަކީ އޭގެ ސަބަބު ހޯދަން އެންމެން ވެސް ބޭނުންވެފައިވާ ކަމެކެވެ.
"ޑެޑް ދެކެ އަހަރެން މިހިރީ ވަރަށް ފޫހިވެފަ،" ސުހެއިލު ބުންޏެވެ. "އެކަމަކު މީ ތެދަކަށް ނުވާން އަހަރެން ވެސް ބޭނުން."
ގަޑިން ދަންވަރު ބާރަޖެހީ ސުހެއިލު ގަޑިއަށް ބަލަން އޮއްވައެވެ. ގޭތެރެއަށް ހަމަހިމޭންކަން ވެރިވެއްޖެއެވެ. އެކަކު ވެސް ހޭލާއުޅޭ އަޑެއް ނީވެއެވެ. ސުހެއިލު އިރުއިރުކޮޅާ ގޮސް ދޮރުގައި ކަންފަތްޖަހައިލައެވެ. ބޭރުން އަޑެއް އިވޭތޯ ބެލުމަށް ޓަކައެވެ. އެކެއްޖެހިއެވެ. އެއްގަޑި ބައިވިއެވެ. ވެރިވެފައިވާ ފަޅުކަން އިތުރަށް ފުންވަމުންދިޔައެވެ. ދޭއްޖެހިއިރު ސުހެއިލު ގާތަށް ނިދިއަންނަން ފަށައިފިއެވެ. ނުނިދަން ޢަޒުމުކަނޑައިއަޅައިގެން އެނދުގައި ކުރުއަތްމައްޗަށް އޮށޯވެލިއެވެ. ކުއްލިއަކަށް ދޮރެއް ލައްޕައިލި އަޑު އިވުނެވެ. ސުހެއިލު ފުންމައިގެން ތެދުވިއެވެ. ކޮޓަރީގައި ހުރި ފަނޑު ބޮކި ވެސް ނިއްވައިލިއެވެ. އަދި މަޑުމަޑުން ހިނގައިފައި ގޮސް ކޮޓަރީގެ ދޮރު ކައިރިއަށް ހުއްޓިފައި، އެއަށް ވުރެ ވެސް މަޑުމަޑުން ދޮރު ހުޅުވައިލިއެވެ. ސުހެއިލަށް ފެނުނީ ޖިނާ ނުކުމެގެން ދާތަނެވެ. ޖެނީގެ ކޮޓަރިއަކަށް ނޫނެވެ. ދޮރުން ބޭރަށެވެ. ސުހެއިލު ފަހަތުން ނުކުތެވެ. ދަންވަރު ބައްޕަ ދާން އޮންނާނީ ކޮންތަނެއް ހެއްޔެވެ؟ ޖިނާ ނުކުތީ ގޯތިތެރެއަށެވެ. ދޮރާށްޓާއި ގެއާ ދެމެދު މާ ބޮޑު ޖާގައެއް ނެތަސް އެ ތަނުގައި އޮންނަނީ ގަސްއިންދައިފައެވެ. އަލިކަން ވަރަށް ކުޑައެވެ. ޖިނާ ނުކުމެގެން ގޮސް އަނދިރިގަނޑުގައި ހުރި ގާފޮޅެއް މަތީގައި އިށީނދެލިއެވެ. ސުހެއިލުގެ ޝައުޤުވެރިކަން އިތުރުވަމުންދިޔައެވެ. ޖިނާގެ ބޮލާ ދިމާއިން ގަސްތަކުގެ ތެރެއަށް އެއްޗެއް ވެއްޓުނުހެން ހީވިއެވެ. ސިއްސައިގެންދިޔައީ ސުހެއިލެވެ. ޖިނާ މަޑުމަޑުން ތެދުވިއެވެ. ކުރިމަތީގައި ހުރި ހަމްރާއުއެވެ. ތަފާތަކީ ޖިނާއަށް އޭނަ ފެނުނަސް ސުހެއިލަށް ނުފެންނަކަމެވެ.
"ކިހިނެކޭވީ؟" ޖިނާ އެހިއެވެ.
ސުހެއިލަކަށް އަޑެއް ނީވެއެވެ. އަނގަތަޅުވާ ތަނެއް ވެސް ނުފެނެއެވެ. އެކަމަކު ޖިނާ ކުރާ ހަރަކާތްތަކުން މީހަކާ ވާހަކަދައްކާހެން ސުހެއިލަށް ހީވެއެވެ.
"މަޒްލާން ބުނެގެން މިއައީ،" ހަމްރާއު ބުންޏެވެ. "ދެން އޭނަ މިނިވަންކޮށްދޭށޯ! ބައްޕަގެ އެއްވެސް ކަމަކާ ނުބެހޭނަމޯ ބުނާށޯ!"
ޖިނާއަކަށް ގަބޫލެއް ނުކުރެވެއެވެ. މަޒްލާން މިނިވަންކޮށްފިއްޔާ އޭނަގެ ފަރާތުން ލިބޭ ދުއްތުރާތަކަށް ޖިނާއަކަށް ކެތެއްނުކުރެވޭނެއެވެ. ހަމަޖެހިލައިގެން ޖިނާއަށް އުޅެވެނީ މަޒްލާން އޮބަހައްޓައިގެން ގެންގުޅޭތީއެވެ.
"އޭނަ ދެން އެއްވެސް ކަމަކާ ނުބެހޭނެ،" ހަމްރާއު ވަރަށް ޔަގީންކަމާ އެކުގައި ބުންޏެވެ. "އޭނަ ދޫކޮށްލާ!"
"އޭނަގެ ގޮތް އެންމެ ރަނގަޅަށް އެނގޭނީ މަށަށް،" މޭގައި އިނގިލިޖައްސައިލައިފައި ޖިނާ ބުންޏެވެ. "އޭނައަށް ފުރުސަތުދީދީ އަހަރެން ވަރުބަލިވެއްޖެ! ގޮސް ބުނޭ އިރުއިރުކޮޅާ މީހުން ނުފޮނުވާށޭ. މިހާރު ވެސް އެހެރީ މީހަކު އަހަންނަށް ފާރަލައިގެން. އަނެއްކާ އެ ކަމާ އުޅެންވީ."
ޖިނާއާއި ހަމްރާއުއަށް ވެސް ސުހެއިލު ފެނެއެވެ. ސުހެއިލު ހީކުރީ އެކަކަށް ވެސް ސުހެއިލު ނުފެންނަކަމަށެވެ.
"އޭނަގެ ކަންތައް އަހަރެން ނިންމާލަ.." ހަމްރާއުގެ ޖުމުލަ އެ ހިސާބުން ހުއްޓާލަންޖެހުނެވެ.
"ކަލޭ މި ތަނުން ދޭ!" އަމުރުވެރި ރާގަކަށް ޖިނާ ބުންޏެވެ. "މަ ބޭނުމެއް ނޫނޭ ކަލޭގެ އެހީއެއް. މަގޭ ދަރިޔަކަށް ވެސް ކަލޭގެ އެހީއެއް ބޭނުމެއް ނުވާނެ. ދެން މިއަށް ވުރެ ބާރަށް ބުނަން މަށަށް ނުޖައްސާ!"
ކޮންމެވެސް އެއްޗެއް ޖިނާ ކިޔާކަން ސުހެއިލަށް އެނގުނެވެ. އެހެންނަމަވެސް އެ ތާކު އެހެން މީހެއް ނެތެވެ. އޭގެ މާނައަކީ ކޮބައި ހެއްޔެވެ؟ ބައްޕައަށް އައި ބަދަލުގެ ސިއްރަކީ ކޮބައި ހެއްޔެވެ؟ ހުރިހާ ސުވާލެއްގެ ޖަވާބު ސުހެއިލަށް ލިބިއްޖެއެވެ. ސުހެއިލު އެތެރެއަށް ވަނުމުން އޭނަގެ ފަހަތުން ޖިނާ ހިނގައިގަތެވެ. ޖިނާ ކުރި ހުރިހައި މަސައްކަތެއް އެންމެ އިންސާނަކާ ހެދި ބޭޒާރުވާކަށް ޖިނާ ފުރުޞަތެއް ނުދޭނެއެވެ. ބަދަލުގައި ކިތަންމެ ބޮޑު އަގެއް އަދާކުރަން ޖެހުނަސް ވެހެވެ. ސުހެއިލު ވަނީ ކޮޓަރިއަށެވެ. އެ ވަގުތު ޒޫނާ ކޮޓަރިން ނުކުތެވެ. ޖިނާއަށް މަޖުބޫރުވީ ފިލާށެވެ. ޒޫނާ ދިޔައީ އައިސްއަލަމާރި ކައިރިއަށެވެ. އައިސްއަލަމާރި ހުޅުވައިގެން އޭތެ ތެރެއަށް ބޯދީގެން ޒޫނާ އޮއްވައި ޖިނާ މަޑުމަޑުން ގޮސް ކޮޓަރިއަށް ވަނެވެ. އައިސްއަލަމާރި ތެރެއިން ޒޫނާ ޗޮކުލެޓެއް ނެގިއެވެ. އެތިކޮޅެއް ކައިލައިފައި ޗޮކުލެޓު ހިފައިގެން ގޮސް ސޯފާގައި އިށީނެވެ. ޖިނާ ބޭނުން ނަމަ ޒޫނާއަށް ނުފެނި ވެސް ސުހެއިލުގެ ކޮޓަރިއަށް ވަދެވުނީހެވެ. އެހެން ހަދަން ނުކެރުނީ ޒޫނާ އެނބުރި އަންނައިރު ޖިނާ ކޮޓަރީގައި ނެތްކަން ފާހަގަވެދާނެތީއެވެ. އިރުކޮޅަކުން އަޒީޒާ ނުކުތެވެ. މަޑުމަޑުން ގޮސް އެންމެން ހަމަވަނީއެވެ. ދަންވަރުދަޅައިގައި ކުއްލިއަކަށް އެންމެން ހޭލީ ކީއްވެގެން ހެއްޔެވެ؟
"އަހަނ!" ޒޫނާ ފެނުމުން އަޒީޒާ ބުންޏެވެ. "ކުއްލިއަކަށް ފޮނިއެއްޗެއް ކާލާހިތްވީ؟"
އަޒީޒާ އައިސް ޒޫނާ ގާތުގައި އިށީނެވެ. ދެން ފެށުނީ ބޮޑުވާހަކައެކެވެ. ދެން ފެނުނީ ސުހެއިލު ނުކުތްތަނެވެ. އެ ހިސާބުން ޖިނާ އޮށޯތެވެ. އެންމެ ފަހުން ނިދުނީއެވެ. ހޭލެވުނީ ފަތިހުއެވެ. އޭރު ޒޫނާ އޮތީ ނިދައިމަރުވެފައެވެ. ސުހެއިލުގެ ކޮޓަރިއަށް ވަނުމަށް ޖިނާ މިސްރާބުޖެހިއެވެ.
"ކޮންތާކަށް؟" ޒޫނާ ސުވާލުކުރިއެވެ.
ޒޫނާ ހޭލާއޮތްކަމަކަށް ޖިނާ ހިއެއްނުކުރެއެވެ. ޖިނާ ހުއްޓިފައި ފަސްބަލައިލިއެވެ.
"ފެންބޯން!" ޖިނާ ދޮގެއްހެދިއެވެ.
"މިހިރީ ރޭގަ ގެނައި ފެންފުޅިއެއް. އަދި ހިއެއްނުވޭ ފިނިކެނޑުނުހެނެއް ވެސް،" ޒޫނާ ފެންފުޅިއަށް އިޝާރާތްކުރަމުން ބުންޏެވެ. "މިރޭ ހަމަ ނިދިނައިސްގެން މި އުޅެނީ."
ޖިނާ ގޮސް ފެންފުޅި ނެގިއެވެ. ފެންބޯކަމަށް ހެދުނެވެ. އެކިއެކި ވާހަކަދެއްކުމުގައި ޒޫނާ ހޭލާއޮތެވެ. އަލިވިލުނުއިރު ވެސް ނުނިދައެވެ. ވީމާ، ޖިނާއަކަށް ކޮޓަރިއަކުން ނުނިކުމެވުނެވެ. އޮފީހަށް ގޮސްފައި ސުހެއިލު ކޮންފަރެންސްކޯލެއް ހެދިއެވެ. ތިންބެއިން އެކުގައި ވާހަކަދެއްކިއެވެ. ފެނުނު ހުރިހައި މަންޒަރެއް، ވީހާ ވެސް ތަފުސީލާ އެކުގައި ސުހެއިލު ކިޔައިދިނެވެ.
"ސީރިޔަސްކޮށް؟" ޝާޒްލީ އެހިއެވެ.
"ގަބޫލެއްނުކުރެވޭ!" ފަޒޭލު ބުންޏެވެ.
"މަށަކީ އެ ހުރިހާ އެއްޗެއް ފެނުނު މީހާ،" ސުހެއިލު ބުންޏެވެ. "އެކަމަކު އަދިވެސް ފަސޭހައެއް ނޫން ގަބޫލުކުރާކަށް. އެކަމަކު ޑެޑް ހަމަ ސީރިޔަސްކޮށް އެހެރީ ކްރޭޒީވެފަ. ކްރޭޒީ މީހުންނާ އެއްކޮށް އުޅެއުޅެ ބައްޕަ ވެސް މޮޔަވީ. މަންމަ ދިޔައީމަ ބައްޕަ ވަރަށް ސްޓްރެސްވެފަ ހުރީ. އެހެން ހުއްޓާ ދާންޖެހުނީ ކްރޭޒީ މީހުންތަކެއް ކައިރިއަށް. އެހެންވެ ސިކުނޑިއަށް މާ ލޯޑުބޮޑުވީ. ރަނގަޅަށް ބޯގޮވީ!"
ޖިނާގެ ފަރާތުން ޝާޒްލީއަށް ވެސް ފެނިފައިހުރީ ގަބޫލުކުރަން ދަތި ކަންތައްތަކެވެ. ޝާޒްލީގެ ބައްޕަ ނަމަ ނުކުރާނެ ކިތަންމެ ކަމެއް ޖިނާ ކޮށްފިއެވެ. އެހެންނަމަވެސް ބައްޕަ ދެކެ ޝާޒްލީ ވާ ލޯތްބެއްގެ ބޮޑުކަމުން ކޮންމެކޮންމެ ވާހަކައެއް ގަބޫލުކުރާކަށް ފަސޭހައެއް ނޫނެވެ.
"ބޭބެއަށް ހަމަ ހަންރެޑް ޕަސަންޓް ދޯ؟" ޝާޒްލީ އެހިއެވެ.
ނުނިމޭ