"ބަލިވެއިނުމާއި ވިހެއުމަކީ ބޮޑު ބިރަކަށް ހެދީ ސޯޝަލް މީޑިއާ"
"ބަލިވެއިނުމާއި ވިހެއުމަކީ ބޮޑު ބިރަކަށް ހެދީ ސޯޝަލް މީޑިއާ"

ބަލިވެއިނުމާއި ވިހެއުމަކީ ބޮޑު ބިރުވެރިކަމެއްގެ ގޮތުގައި ޒުވާނުންނަށް މިހާރު ގަބޫލުކުރެވިފައި އޮންނަ ކަމަށާއި މިއީ އަލަތު މައިން ސޯޝަލް މީޑިއާގައި ހިއްސާކުރާ ބިރުވެރި ވާހަކަތަކުގެ ސަބަބުން ދިމާވާ ގޮތެއް ކަމަށް އިނގިރޭސި ވިލާތުގެ ތަޖުރިބާކާރު ފޫޅުމަޔަކު ލަފާކުރައްވައިފި އެވެ.

ޔުނިވަސިޓީ އޮފް ހަލްގެ މިޑްވައިފެރީ ލެކްޗަރާއެއް ކަމަށްވާ ކެޓްރިއޯނާ ޖޯންސް ވިދާޅުވީ ބަލިވެއިނުމާއި ވިހެއުން އަލަށް ތަޖުރިބާކުރާ މީހުން މިކަމާ ގުޅޭ ވާހަކަތަށް ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގައި ވަރަށް ބިރުވެރިކޮށް ސިފަކޮށް ލިޔާ ކަމަށެވެ. އެހެންވެ ބަލިވެއިނުމާ ގުޅޭ ގޮތުން ފޯބިއާއެއް އުފެއްދިފައިވާ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"ގޫގުލްގައި ޗައިލްޑް ބާތު ޖަހާލުމުން އޮންނާނީ މިކަމާ ގުޅޭ ބިރުވެރި ވާހަކަތަކުގެ ސުނާމީއެއް،" ބްރިޓިޝް ސައިންސް ފެސްޓިވަލްގައި ކެޓްރިއޯނާ ވިދާޅުވި ކަމަށް ބީބީސީން ބުނެފައިވެ އެވެ.

އޭނާ ވިދާޅުވެފައިވަނީ "މަމްސްނެޓް" ފަދަ ފޯރަމްތަކާއި އެކި ގްރޫޕްތަކުގައި އަދި ހާއްސަކޮށް ފޭސްބުކްގައި މިފަދަ ވާހަކަތައް ގިނަ ކަމަށެވެ.

"މަމްސްނެޓް ފަދަ ފޯރަމެއްގައި މިފަދަ ސުވާލެއް ކޮށްލައިފި ނަމަ ޖަވާބަކަށް އަންނާނީ އެއީ ވަރަށް ބިރުވެރި ކަމެކޭ، މިއީ ވާވަރު ކަމެއް ނޫނޭ ފަދަ ޖަވާބުތައް. އަޅުގަނޑު ގަބޫލުކުރަނީ މިއީ އަލަށް ބަލިވެއިންނަ މީހަކަށް ވަރަށް ބޮޑު ބިރުވެރިކަމެއް އުފައްދާނެ ވާހަކަތަކޭ."

"ޓޮކޮފޯބިއާ" ނުވަތަ ބަލިވެއިނުމާއި ވިހެއުން ދެކެ އާދަޔާ ޚިލާފަށް ބިރުގަތުމަކީ ބޮޑުވަމުން އަންނަ މައްސަލައެކެވެ. ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި މުޅި ދުނިޔޭގައި، މި ފޯބިއާ ހުރި މީހުންގެ ނިސްބަތް 14 ޕަސެންޓަށް އަރާނެ އެވެ.

ކެޓްރޯނިއާގެ މި ވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ވަނީ ބޮޑު ބަހުސެއް ފެށިފަ އެވެ. އެއްބަޔަކު ބުނަނީ ބަލިވެއިނުން ދެކެ ބިރުން އުޅެނީ ސޯޝަލް މީޑިއާ އައި ފަހުން ނޫން ކަމަށާއި އެއީ އަބަދުވެސް އޮންނަ ބިރެއް ކަމަށެވެ. އަނެއް ބަޔަކު ބުނަނީ ވިހެއުން ދެކެ ބިރުގަންނަ މީހުންގެ ނިސްބަތް ހީކުރާ ވަރަށް ވުރެ މަތިވާނެ ކަމަށާއި އެއީ ފޯބިއާއެއް ނޫން ކަމަށެވެ.

މައިންގެ ވާހަކަތައް ކިޔައިދޭ ފޯރަމް "މަމްސްނެޓް" އިން ވަނީ ކެޓްރޯނިއާގެ ވާހަކަތައް ރައްދު ދީފަ އެވެ.