09 އޯގަސްޓް 2016 - 07:02

ކުޑަކުދިން ބެލެހެއްޓުމުގައި އެންމެ އުނދަގޫވާ އެއް ކަމަކީ އެ ކުދިންނާ ދެބަސްވާން ޖެހުމެވެ. މައިންބަފައިން ނުވަތަ ބެލެނިވެރިން ބުނާ ގޮތަކަށް އަމަލުކުރަން ކުދިން ދެކޮޅު ހަދައި ބޮޑާހޭކުމެވެ.
ދަރިންނާ ވާހަކަ ދައްކައިގެން މައްސަލަތައް ހައްލުކުރުމާ ބެހޭ ގޮތުން ޝާއިއުކޮށްފައިވާ މަޝްހޫރު ފޮތެއް ކަމަށްވާ "ހައު ޓު ޓޯކް ސޯ ކިޑްސް ވިލް ލިސްން އެންޑް ލިސްން ސޯ ކިޑްސް ވިލް ޓޯކް" ގައި ލިޔުއްވާފައިވާ ތަޖުރިބާކާރުން ވަނީ ވަރަށް މުހިންމު މައުލޫމާތުތަކެއް ހިއްސާކުރައްވައިފަ އެވެ.
ކުޑަކުދިންނާ ވާހަކަ ދެއްކުމަކީ އާދައިގެ ކަމެކޭ ހީވިޔަސް މިއީ ބޮޑު ކަމެކެވެ. ތަޖުރިބާކާރުން ވިދާޅުވަނީ މީހަކު ރަހީނުކޮށްގެން އުޅޭ މީހާއާ ވާހަކަ ދެއްކުމުގައި ބޭނުންކުރާ އުކުޅުތައް، މައްސަލަތައް ހައްލުކުރަން ކުޑަކުދިންނާ ވާހަކަ ދައްކާއިރު ބޭނުންކުރެވޭނެ ކަމަށެވެ. އެހެންވެ މިއީ އާދައިގެ ކަމެއް ނޫންކަން އެނގެ އެވެ.
ދަރިންނާ މެދު ދެބަސްވުން ހިނގާ ހާލަތުގައި ހެދޭ އެންމެ ބޮޑު ގޯހަކީ ކޮބައިހެއްޔެވެ؟ އެއީ ރުޅިގަދަވެފައި އިން ދަރިފުޅުގެ އިހްސާސްތަކާ މެދު އަޅާނުލުމެވެ.
ބޭންކަކުން ފޭރުމަށް ފަހު އެތަނުގެ ތެރޭގައި ބަޔަކު ރަހީނުކޮށްގެން ތިބޭ ހާލަތެއް ހިޔާލަށް ގެންނާށެވެ. އެ ތަނުގެ ވަށައިގެން އެފްބީއައިގެ އެޖެންޓުން ތިބި އިރު އެތެރޭގައި ތިބި، ފޭރެން ވަންް މީހުން ބަނޑުހައިވެގެން ކާއެއްޗަކަށް އެދެފި ނަމަ ހަދާނީ ކިހިނެއްހެއްޔެވެ؟ ފޭރޭ މީހުންނަށް އެފްބީއައި މީހުން ދޭނެ ޖަވާބަކީ ތިޔަ ތިބީ ކައިގެން ނޫންހޭ ދެން ތިކަން ހުއްޓާލާށޭ ހެއްޔެވެ؟ އޭރުން މައްސަލަ ހައްލުވާނެ ހެއްޔެވެ؟
ނޫނެކެވެ. ފޭރޭ މީހުން ބުނާ އެފަދަ ކަންކަން އެފްބީއައި އިން ކޮށްދިނުން ވަރަށް ގާތެވެ. މައިންބަފައިންނަކީ ދަރިން ބޮޑާހާކައިގެން އުޅޭއިރު ހަމަ ކޮންމެ ފަހަރަކުހެން އެ ކުދިން ބުނާ ކަންތައް ކޮށްދޭ ބައެކެވެ. އެކަމަކު ބުނާހާ ކަމެއް ކޮށްދިނުމަކީ ދަރިން ބޮޑާހޭކުން އިތުރުވާ ކަމެކެވެ. ދަރިފުޅު ބޭނުންވާހާ ގޮތަކަށް ހުރިހާ ކަމެއް ނުކޮށްދެވޭނެ އެވެ. ބޭނުންހާ މިނިވަންކަމެއް ވެސް ނުދެވޭނެ އެވެ. އެކަމަކު އެ ކުދިންގެ އިހްސާސްތަކާ ނުކުޅޭށެވެ.
- ކުއްޖާ ދައްކާ ވާހަކަ އަށް ވަރަށް ރަނގަޅަށް ސަމާލުކަން ދީގެން އަޑު އަހާށެވެ. ކޮންމެ މީހަކީ ވެސް ތިމާގެ އެދޭ ގޮތާއި އެ މީހެއްގެ އިހްސާސްތައް އެހެން މީހުންނަށް އަންގައިދޭން ބޭނުންވާނެ މީހެކެވެ. މިކަމުގައި ކުޑަކުދިން އިސްތިސްނާ ވާނެ ކަމަށް ގަބޫލު ނުކުރާށެވެ.
- ދައްކާ ވާހަކަ ނުވަތަ ބުނާ އެއްޗެއް އެނގިއްޖެ ކަމަށް ބުނާށެވެ. އެކަމަކު ސަމާލުވާށެވެ. ހަމައެކަނި މިހެން ބުނާނީއެއް ނޫނެވެ. ބުނާ ވާހަކައެއް އެނގި ދޭހަވެއްޖެ ކަން އަމަލުން ވެސް ދައްކާށެވެ.
- ކުއްޖާ އަށް ދިމާވެގެން އުޅޭ ކަންތަކަށް ނަމެއް ދޭށެވެ. ތިޔަ އުޅެނީ އެވެނި، މިނެވި ގޮތެއް ދިމާވެގެންނޭ ބުނާށެވެ. އޭރުން ކުއްޖާގެ ސިކުނޑި އަށް ހަމަޖެހުން ލިބޭނެ އެވެ. ހަމަޖެހޭނެ އެވެ.
- ސުވާލުކުރާށެވެ. މައްސަލަ ހައްލުކުރާނެ ގޮތަކާ ބެހޭ ގޮތުން ދެ ފަރާތުން މަޑުމައިތިރިކަމާ އެކު ސުވާލުކޮށް ވާހަކަ ދެކެވޭނެ މާހައުލެއް އޭރުން އުފެދޭނެ އެވެ.
ކޮންމެ ފަހަރަކު މި ހުރިހާ ކަމަކަށް ވަގުތު ނުލިބިދާނެ އެވެ، އެކަމަކު ކުއްޖާގެ އިހްސާސްތަކަށް ވިސްނައިގެން ވާހަކަ ދައްކަން ފެށުމުން ގިނަ ފަހަރަށް ހުރިހާ ކަމެއް ވެސް ރަނގަޅަށް ދިއުމަށް ބާރަކަށް ވާނެ އެވެ.