15 ސެޕްޓެމްބަރ 2018 - 20:37

ދޯހާ (ސެޕްޓެމްބަރު 15) - ދުނިޔޭގެ އެންމެ އަގު ބޮޑު އެއް ޕްރައިވެޓް ޖެޓުތަކުގެ ތެރޭގައި ހިމެނޭ މަތިންދާ ބޯޓެއް ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލް ތާނީގެ ފަރާތުން ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އަށް ހަދިޔާ ކުރައްވައިފި އެވެ.
ބޯއިން 747-8 ގެ ބޯޓުގެ އަގަކީ ގާތްގަނޑަކަށް 400 މިލިއަން ޑޮލަރު އެވެ. ތުރުކީގެ ޓީއާރުޓީ ބްރޯޑްކާސްޓިން އިން ބުނީ އެއީ ގަތަރުގެ އަމީރުގެ ހިތްޕުޅުގައި އުރުދުޣާން އަށް އޮތް ލޯބީގެ ރަމްޒެއްގެ ގޮތުން ހަދިޔާ ކުރެއްވި ބޯޓެއް ކަމަށެވެ. އުރުދުޣާން އަށް ހަދިޔާކުރި މަތިންދާ ބޯޓު ގަތަރުން ކުރިން ބޭނުން ކުރީ އެ ގައުމުގެ ޝާހީ އާއިލާގެ ބޭފުޅުންނާއި ސަރުކާރުގެ އިސް އޮފިޝަލުންގެ ދަތުރުތައް ކުރާ ވީއައިޕީ ފްލީޓުގަ އެވެ. ދިގު މިނުގައި 76 މީޓަރު ހުންނަ ބޯޓް ބޯއިން އިން ޑިޒައިންކޮށްފައި ވަނީ 467 މީހުން އުފުލޭ ގޮތަށެވެ. ނަމަވެސް އުރުދުޣާން އަށް ހަދިޔާކުރި ބޯޓުން ދަތުރު ކުރެވޭނީ 76 މީހުންނާއި 18 ކްރޫންނަށެވެ. އެ ބޯޓުގައި ވަނީ ސްޓޭޓްރޫމްތަކާއި ލައުންޖްތަކާއި ބޯޑްރޫމާއި ފަސްޓް ކްލާސް ސީޓިންގެ އިތުރުން ހޮސްޕިޓަލެއް ވެސް ގާއިމްކޮށްފަ އެވެ. ގަތަރުން ހަދިޔާކުރި ބޯޓު ބޭނުން ކުރާނީ ތުރުކީގެ ރިޔާސީ ފްލީޓުގަ އެވެ.
މެދުއިރުމަތީގެ ބައެއް ގައުމުތަކުން މިދިޔަ އަހަރު ގަތަރާ ސިޔާސީ ގުޅުން ކަނޑާލުމަށް ފަހު އެޅި ދަތުރުކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން ގަތަރަށް އެންމެ ބޮޑަށް އެހީވި ގައުމަކީ ތުރުކީ އެވެ.