15 ސެޕްޓެމްބަރ 2018 - 20:06

ކޮލަމްބޯ (ސެޕްޓެމްބަރު 15) - ސްރީ ލަންކާ ކަސްޓަމްސްގެ ފަސް އޮފިސަރުންނަށް ހަމަލާ ދިން ކުވޭތުގެ ދެމަފިރިންނަށް ހަ މަސް ދުވަހުގެ ސަސްޕެންޑެޑް ޖަލު ހުކުމެއް ކޮލަމްބޯގެ ކޯޓަކުން އިއްޔެ އިއްވައިފި އެވެ.
ކަސްޓަމްސްގެ އޮފިސަރުންނަށް އެ ދެމަފިރިން ހަމަލާ ދިނީ އެ މީހުން މިދިޔަ ޖުލައި މަހު ލަންކާ އަށް އެތެރެ ކުރަން އުޅުނު ކުއްތާއެއް ކަސްޓަމްސް އިން ހިފަހައްޓަން އުޅުމުންނެވެ. އެ ދެމަފިރިންނަށް އިއްވި ހުކުމް ތަންފީޒް ކުރާނީ ފަސް އަހަރު ތެރޭ އެ މީހުން އިތުރު ކުށެއް ކޮށްފި ނަމަ އެވެ.
އުމުރުން 32 އަހަރުގެ އަންހެން މީހާ އާއި 29 އަހަރުގެ ފިރިހެން މީހާ ވަނީ 138،000 ރުޕީސް (860 ޑޮލަރު) އިން ޖޫރިމަނާ ވެސް ކޮށްފަ އެވެ.
ފުލުހުން ބުނީ ކުއްތާއާ އެކު އެ ދެމަފިރިން ފިލަން އުޅުމުން ކަސްޓަމްސްގެ އޮފިސަރުން ވަނީ އެ މީހުން ހުއްޓުވަން މަސައްކަތް ކޮށްފައި ކަމަށާއި ހަމަލާ ދިނީ އޭގެ ތެރޭން ފަސް އޮފިސަރުންނަށް ކަމަށެވެ. ހަމަލާ ދޭ މަންޒަރު ވަނީ ސީސީޓީވީ އަށް ރެކޯޑްވެފަ އެވެ.
ކަރަންޓީން ކްލިއަރެންސް ނުހަދާ ލަންކާ އަށް ޕެޓް އެތެރެކުރުމަކީ މަނާކަމެކެވެ. އެއީ 100،000 ރުޕީސް (625 ޑޮލަރު) އިން ޖޫރިމަނާ ކުރާވަރުގެ ކުށެކެވެ.