15 ސެޕްޓެމްބަރ 2018 - 19:38

މެނީލާ (ސެޕްޓެމްބަރު 15) - މި އަހަރު ކުރިމަތިވި އެންމެ ބާރުގަދަ ތޫފާން ފިލިޕީންސް އަށް އަރައި 14 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.
ތޫފާން މަންގްކުޓް ރޭ ވަނީ ލޫޒޮން އައިލެންޑަށް އަރައިފަ އެވެ. އޭގެ ފަހުން އެ ތޫފާނުގެ މިސްރާބު ހުރީ ހުޅަނގުން ޗައިނާއާ ދިމާލަށެވެ. ޓުގުއެގަރާއޯ ސިޓީގެ ގާތްގަނޑަކަށް ހުރިހާ އިމާރާތަކަށް ވެސް ގެއްލުން ލިބިފައިވާ ކަމަށް ސަރުކާރުގެ އޮފިޝަލުން ވަނީ ބުނެފަ އެވެ. ތޫފާން އެރި ހިސާބުތަކުގެ މުވާސަލާތީ ގުޅުން ވަނީ ކެނޑިފަ އެވެ. ތޫފާން އެރި އިރު ވައިޖެހެމުން ދިޔައީ ގަޑިއަކު 185 ކިލޯ މީޓަރު (115 މޭލު) ގެ ބާރު މިނުގަ އެވެ.
ފިލިޕީންސް އަށް ތޫފާން އަރާނެ ކަމަށް ބެލެވުނު ސަރަހައްދުގައި ހަތަރު މިލިއަން މީހުން ދިރިއުޅުނެވެ. ތޫފާނުގެ ކުރިން ވަނީ ރައްކާތެރިވުމަށް އިންޒާރު ދީފަ އެވެ.
ރައީސް ރޮޑްރިގޯ ޑުޓާޓެގެ ތަރުޖަމަނާކު ވިދާޅުވީ މަރުވި 14 މީހުންގެ ތެރޭގައި މީހުން ސަލާމަތް ކުރުމުގައި އުޅުނު ދެ މީހަކު ވެސް ހިމެނުނު ކަމަށެވެ.
ވޯލްޑް މީޓިއޮރޮލޮޖިކަލް އޮގަނައިޒޭޝަން (ޑަބްލިއުއެމްއޯ) އިން ބުނީ މަންގްކުޓް އަކީ މި އަހަރު ދުނިޔެ އަށް އެރި އެންމެ ބާރުގަދަ ތޫފާން ކަމަށެވެ.
ފިލިޕީންސް އަށް 2013 ވަނަ އަހަރު އެރި ސުޕަ ތޫފާން ހައިޔާންގައި ވަނީ 7،000 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.