15 ސެޕްޓެމްބަރ 2018 - 18:47

ރިޔާޒް (ސެޕްޓެމްބަރު 15) - ހަވާ އެރުމުގެ ދުނިޔޭގެ ރެކޯޑެއް ގާއިމް ކުރަން ސައުދީ އަރަބިއާ އިން ނިންމައިފި އެވެ.
ސައުދީގެ 88 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި، މި މަހު 23 ވަނަ ދުވަހު ބާއްވާ ހަވާ އެރުމުގެ ރަސްމިއްޔާތުގައި ވަނީ އެންމެ ބޮޑު ގައުމީ ދިދަ ލޭޒާ އަލިން ދައްކާލުމުގެ ރެކޯޑް ގާއިމް ކުރަން ވެސް ނިންމައިފަ އެވެ. ސައުދީގެ ގައުމީ ދުވަހުގެ ހަރަކާތްތައް ފަށާނީ މި މަހު 19 ވަނަ ދުވަހު އެވެ. އަދި އިހްތިފާލްތައް ނިންމާލަން ހަމަޖައްސާފައި ވަނީ 23 ވަނަ ދުވަހު އެވެ.
ޖެނެރަލް އެންޓެޓެއިންމަންޓް އޮތޯރިޓީ (ޖީއީއޭ) އިން ބުނީ ސައުދީގެ 13 ޕްރޮވިންސެއްގެ 58 ޕްލެޓްފޯމަކުން 900،000 އަށް ވުރެ ގިނަ ހަވާ އަރުވާ ޖައްވު ދިއްލާލާނެ ކަމަށެވެ. މިއީ ދުނިޔޭގައި މިހާތަނަށް ބޭނުން ކުރާ އެންމެ ގިނަ އަދަދެއްގެ ބަޑިބޭހަށް ވާނެ ކަމަށާއި އެހެންވެ އެ ހަރަކާތް ދުނިޔޭގެ ރެކޯޑް ފޮތަށް އަރުވާނެ ކަމަށް ވެސް ޖީއީއޭ އިން ބުންޏެވެ. ލޭޒާ ޝޯގައި 300 އަށް ވުރެ ގިނަ ޑްރޯން ބޭނުން ކުރާނެ އެވެ. ލޭޒާ ޝޯގައި ދައްކާލާ ސައުދީގެ ދިދައިގެ ދިގު މިނުގައި 400 މީޓަރު އަދި ފުޅާ މިނުގައި 350 މީޓަރު ހުންނާނެ އެވެ.
ގައުމީ ދުވަހުގެ މުނާސަބަތުގައި ސަގާފީ އިވެންޓްތަކާއި ކުޅިވަރުގެ ހަރަކާތްތަކާއި ހެރިޓޭޖް ފެސްޓިވަލަކާއި އާޓް ޝޯއެއްގެ އިތުރުން މިއުޒިކް ކޮންސެޓަކާއި ޅެންވެރިކަމުގެ ހަވީރެއް ވެރިރަށް ރިޔާޒުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.