އަޒްލީނަށް ރުހުން ދިނުމުގެ މައްސަލަ ކޮމެޓީއަށް ފޮނުވައިފި
އަޒްލީނަށް ރުހުން ދިނުމުގެ މައްސަލަ ކޮމެޓީއަށް ފޮނުވައިފި

ހޯމް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި އަޒްލީން އަހުމަދަށް ރުހުން ދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް މިއަދު ފޮނުވައިފި އެވެ.

ރައީސް އަބްދުﷲ ޔާމީން މަޖިލީހަށް ފޮނުވި ސީޓީފުޅުގައި ވިދާޅުވީ މިދިޔަ ހޯމަ ދުވަހު ހޯމް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި އަޒްލީން އަށް މަޖިލީހުން ރުހުން ދިނުމާ ބެހޭ މައްސަލަ ދިރާސާ ކުރައްވައި ގޮތެއް ނިންމަވައި ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އެހެންވެ މަޖިިލީހުގެ ރިޔާސަތުން ވަނީ އަޒްލީނަށް ރުހުން ދިނުމުގެ މައްސަލަ ކޮމެޓީއަށް ފޮނުވައިފަ އެވެ.

ހޯމް މިނިސްޓަރުކަމަށް އަލަށް އައްޔަން ކުރެއްވި އަޒްލީން ކުރިން ހުންނެވީ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގަ އެވެ.

އަޒްލީން މިނިސްޓަރު ކަމަށް އައްޔަން ކުރެއްވީ ހޯމް މިނިސްޓަރު ކަމުގައި ހުންނެވި އަހުމަދު ޒުހޫރު އެ މަގާމުން ވަކިކުރައްވައި، ރައީސް އޮފީހުގެ މިނިސްޓަރަކަށް އައްޔަން ކުރެއްވުމަށް ފަހު އެވެ.