15 ސެޕްޓެމްބަރ 2018 - 12:28

މެޑްރިޑް (ސެޕްޓެމްބަރު 15) – އަސްލަށް ވުރެ އިނގިރޭސި ޕްރިމިއާ ތަފާތުކޮށް ފެންނަ ސަބަބަކީ އެ ލީގުގެ މާކެޓިން ޓީމު ކަމަށް ޗެމްޕިއަން މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
އިނގިރޭސި ފުޓްބޯޅައިގެ މަތީ ޑިވިޝަން 1992 ވަނަ އަހަރު ޕްރިމިއާ ލީގަށް ރިބްރޭންކޮށް ފެށި މަސައްކަތުން މިހާރު އެއީ ދުނިޔޭގެ އެންމެ މަގުބޫލު، މަޝްހޫރު އަދި އެންމެ އަގޮބޮޑު ލީގެވެ. ޓީވީ ރައިޓްސް އާއި އެހެނިހެން ކޮމާޝިއަލް ރައިޓްސްތައް ވިއްކައިގެން ހޯދާ ބޮޑު އާމްދަނީ ބޭނުންކޮށްގެން މަޝްހޫރު ކުޅުންތެރިން ގަނެ ހުރިހާ ގޮތަކުން އެ ލީގުން ވަނީ ދުނިޔޭގެ ފުޓްބޯޅައިގެ ރަސްކަން ހޯދައިފަ އެވެ.
"ޕްރިމިއާ ލީގުގެ އަސްލަށް ވުރެ، މޮޅު ކަމަށް ފެންނަ ސަބަބު ބިނާވެފައި އޮތީ އެ ލީގު ވިއްކާ ގޮތާއި ބްރޯޑްކާސްޓްކުރާ ގޮތަށް،" ސްޕެއިނުގެ ޓީވީއަކަށް ދިން އިންޓަވިއުއެއްގައި ގާޑިއޯލާ ބުންޏެވެ.
ޕްރިމިއާ ލީގުގެ މެޗުތައް މެންދުރުފަހުގެ ވަގުތުތަކުގައި ކުޅުމުގެ ސަބަބުން، ބޮޑު މާކެޓެއް އޮތް އޭޝިއާ އަށް ރަނގަޅު ގަޑިއަކާ ދިމާވެ އެވެ.
ގާޑިއޯލާ ބުނީ އިނގިރޭސި މީޑިއާއަ ކުރިމަތިލުން އޭނާ އަށް މާ ފަސޭހަ ކަމަށެވެ. އެގޮތުން ސްޕެއިނުގެ މީޑިއާއާ ބަލާއިރު އިނގިރޭސި އަދި ޖަރުމަނުގެ މީޑިއާ މާ "އޯގާވެރި" ކަމަށް އޭނާ ސިފަކުރި އެވެ.
ސްޕެއިނާއި އިޓަލީގައި ކުޅުންތެރިއެއްގެ ގޮތުގައި ކެރިއަރު ހޭދަކުރި ގާޑިއޯލާ ވަނީ ކޯޗުން ކެރިއަރުގައި ސްޕެއިނުގެ ބާސެލޯނާ އާއި ޖަރުމަނުގެ ބަޔާން މިއުނިކަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފަ އެވެ.