ގައުމުން ބޭރުގައި ލީގު މެޗު ކުޅުމާ ދެކޮޅު: ލޮޕެޓީގް
ގައުމުން ބޭރުގައި ލީގު މެޗު ކުޅުމާ ދެކޮޅު: ލޮޕެޓީގް

މެޑްރިޑް (ސެޕްޓެމްބަރު 15) – ސްޕެނިޝް ލީގުގެ މެޗެއް އެމެރިކާގައި ކުޅެން ރޭވި ރޭވުމަށް އެ ލީގުގެ އެންމެ ވަރުގަދަ އެއް ކްލަބް ކަމަށްވާ ރެއާލް މެޑްރިޑުގެ ކޯޗު ހުލެން ލޮޕެޓީގް ފާޑުކިޔައިފި އެވެ.

ސްޕެނިޝް ލީގުން މީޑިއާ ކުންފުނި ރެލެވެންޓާ އެކު ހެދި 15 އަހަރުގެ އެއްބަސްވުމުގެ ބަޔެއްގެ ދަށުން ސީޒަނެއްގައި އެއް މެޗު އެމެރިކާގައި ކުޅެން ޖެހެ އެވެ. އެހެންވެ ޖެނުއަރީ މަހު ބާސެލޯނާ އާއި ޖިރޯނާ ކުޅެން ރާވާފައިވާ މެޗު އެމެރިކާގެ މަޔާމީގައި ކުޅުމުގެ ހުއްދައަށް ލީގުންނާއި ދެ ކްލަބުން ސްޕެނިޝް ފުޓްބޯޅަ ފެޑެރޭޝަނުގައި ވަނީ އެދިފަ އެވެ. އެކަމަކު އަދި ފެހި ސިގްނަލެއް ނުލިބެ އެވެ.

ސްޕެއިން ގައުމީ ޓީމުގެ ކުރީގެ ކޯޗު ލޮޕެޓީގް ބުނީ މިކަމާ ދެކޮޅު ކަމާށާއި މީގެ ސަބަބުން ހަމަހަމަކަމަށް އަސަރުކުރާ ކަމަށެވެ.

"ލީގުގެ ހަމަހަމަ ކަމަކަށް މީގެ ސަބަބުން ފައިދާއެއް ނުކުރޭ. ހުރިހާ ޓީމެއް ކުޅެން ޖެހޭނީ އެއް ސްޓޭޑިއަމްތަކެއްގައި،" ލޮޕެޓީގް ބުންޏެވެ. "އެހެންވެ ލީގު ސިސްޓަމުން އެހާ ފައިދާކުރަނީ އަދި ލީގުގައި ހަމަހަމަ ކަމާއި އިންސާފު އޮންނަ ސަބަބަކީ ވެސް އެއީ. މި ހިޔާލަށް އަހަރެން އެއްގޮތަކަށް ވެސް ތާއީދެއް ނުކުރަން."

ސްޕެނިޝް ފުޓްބޯޅަ ފެޑެރޭޝަނުން ވެސް މިކަމާ ދެކޮޅު ހަދާފައިވާއިރު ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާ އާއި ސްޕެއިނުގެ ސަރުކާރުން ވެސް ވަނީ މިކަމަށް ނުރުހުން ފާޅުކޮށްފަ އެވެ. ސްޕެއިނުގެ ސަރުކާރުން ދެކޭ ގޮތުގައި މެޗު ކުޅޭ ދެ ޓީމަކީ ސްޕެއިނުން ވަކިވާން މަސައްކަތްކުރާ ކެޓަލޯނިއާ ސަރަހައްދަށް ނިސްބަތްވާ ދެ ޓީމަށް ވާތީ މީގެ ސަބަބުން އެ ހަރަކާތަށް ސަމާލުކަމެއް ލިބިދާނެ ކަމަށެވެ. ބާސެލޯނާ އާއި ޖިރޯނާ ނިސްބަތްވާ ކެޓަލޯނިއާ ސަރަހައްދުގައި މިނިވަން ދައުލަތެއް ގާއިމްވެއްޖެ ނަމަ އެ ޓީމުތަކުން ސްޕެނިޝް ލީގުގައި ވާދަކުރުމުގެ ފުރުސަތު ގެއްލި ޔޫރަޕުގެ އެހެން ލީގަކުން ފެނުމުގެ ފުރުސަތު އެބައޮތެވެ.

ޖިރޯނާގައި ކުޅެން ހަމަޖެހިފައި އޮތް މި މެޗު ގައުމުން ބޭރަށް ބަދަލުކުރުމުން އޭގެ ގެއްލުން ލިބޭ ސަޕޯޓަރުންނަށް، އެމެރިކާ އަށް ދިއުމަށާއި އެތަނުގައި ތިބުމަށް މާލީ އެހީތެރިކަމެއް ފޯރުކޮށްދޭން ލީގުން ވަނީ ނިންމައިފަ އެވެ. އެގޮތުން ސީޒަން ޓިކެޓް ގަނެފައިވާ ސަޕޯޓަރުންނަށް 1500 ހިލޭ އެއާ ޓިކެޓްދީ އަދި ބޭނުން ނަމަ މެޗަށް ފަހު އެނބުރި އަންނަން ނުވަތަ ހަފުތާ ބަންދުގައި މަޔާމީގައި މަޑުކުރުމުގެ ފުރުސަތު ދޭނެ އެވެ. ދަތުރުކުރަން ބޭނުންނުވާ ސަޕޯޓަރުންނަށް، ބާސެލޯނާއާ ދަނޑުގައި ޖިރޯނާ ކުޅޭ މެޗުން ހިލޭ ޓިކެޓްދީ ސީޒަން ޓިކެޓުން 20 ޕަސެންޓް ޑިސްކައުންޓެއްދޭނެ އެވެ