ކްލަބް ދޫކޮށްލަން ބޭނުންވާ ވާހަކަ ޕޮގްބާ ނުބުނޭ: މޮރީނިއޯ
ކްލަބް ދޫކޮށްލަން ބޭނުންވާ ވާހަކަ ޕޮގްބާ ނުބުނޭ: މޮރީނިއޯ

މެންޗެސްޓާ (ސެޕްޓެމްބަރު 15) – ޕައުލް ޕޮގްބާ ކްލަބް ދޫކޮށްލަން ބޭނުންވާ ވާހަކަ އޭނާ ގާތު ދައްކާފައިނުވާ ކަމަށް މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މިދިޔަ ސީޒަނުން ފެށިގެން މޮރީނިއޯއާ މެދު ޕޮގްބާގެ ހިތްހަމަނުޖެހުންތަކެއް އުޅެ އެވެ. އަދި ވޯލްޑް ކަޕުގައި ފްރާންސް ޖާޒީގައި ޕޮގްބާ ދެއްކި ކުޅުމަށް މޮރީނިއޯ ފާޑުކިއުމުން ހުޅުގަނޑު ފަޅައިގެން ދިޔައީ ކަމަށާއި މި ސީޒަނުގައި އޭނާ ކްލަބް ދޫކޮށްލަން ވަރަށް ބޮޑަށް ބޭނުންވި ކަމަށް ނޫސްތަކުގައި ޖަހާފައިވެ އެވެ. އެކަމަކު މޮރީނިއޯ އެ ވާހަކަ ދޮގުކުރި އެވެ.

"އަހަންނަށް ވާހަކަދެއްކޭނީ އަހަންނަށް ހަގީގަތެއްކަން އެނގޭ ކަންކަމަށް. ތަންތަނުގައި ލިޔެފައި ހުންނަ ނުވަތަ އިވޭ ވާހަކަތަކަށް ނޫން،" މޮރީނިއޯ ބުންޏެވެ.

ޕޮގްބާއާ ބާސެލޯނާ ގުޅުވައިގެން ވެސް ވާހަކަތައް ދެކެވެ އެވެ. އިނގިރޭސި ޓްރާންސްފާ ބާޒާރު ބަންދުވެފައި އޮއްވާ ބާސެލޯނާ އިން ޕޮގްބާ އަށް އޮފާކުރި ކަމަށް ރިޕޯޓްތައް ބުނެ އެވެ. އޭރު ޔުނައިޓެޑުން އޭނާ ނުވިއްކީ ބަދަލުގައި ކުޅުންތެރިޔަކު ގެނައުމުގެ ފުރުސަތު ނެތުމުން ކަމަށްވެ ވެ އެވެ.

ޕޮގްބާ ޖެނުއަރީ މަހު އޭނާގެ ކުރީގެ ކްލަބް ޔުވެންޓަސްއާ ގުޅެން ވާހަކަތައް ބާއްވަމުން އަންނަ ކަމަށް އިޓަލީގެ މީޑިއާތަކުން ވެސް ދާދި ފަހުން ރިޕޯޓްކޮށްފައިވެ އެވެ.