15 ސެޕްޓެމްބަރ 2018 - 10:51

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި އެތުލެޓިކްސް ގްރޯން ޕްރީ މުބާރާތުގައި 3000 މީޓަރު ދުވުމުން ގައުމީ ރެކޯޑް އާކޮށް މުބާރާތުގެ އެންމެ މޮޅު ފިރިހެން އެތުލީޓުގެ މަގާމް ހުސެއިން ފަޒީލް ހާރޫން ހޯދައިފި އެވެ.

ރާއްޖޭގެ އެންމެ މޮޅު އެތުލީޓުންނަށް ދައުވަތު ދީގެން އައްޑޫ ސިޓީގައި ބޭއްވި "ޖުމްހޫރީ 50 ނެޝަނަލް ގްރޯން ޕްރީ" މުބާރާތުގެ އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމް ހޯދީ 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުމުން ރަން މެޑަލް ހޯދި ގައުމީ ނަޝާ ނިޒާރެވެ.

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ވަނީ 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިފަ އެވެ.
ގައުމީ 3000 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް ފަޒީލް ހެދީ 9:29 މިނެޓުން ދުވެގެންނެވެ. މި ރެކޯޑް ކުރިން އޮންނަނީ 2011 ވަނަ އަހަރު 9:41 މިނެޓުން ދުވި އަޒްހަމް ވަހީދު އަތުގަ އެވެ. ފަޒީލް ވަނީ 1500 މީޓަރު ދުވުމުން ވެސް ރަން މެޑަލް ހޯދައިފަ އެވެ. އޭނާ 4:20 މިނެޓުން ރޭސް ނިންމިއިރު، ރިހި މެޑަލް ހޯދީ 4:23 މިނެޓުން ދުވި ހުސެއިން ރިޒާ އެވެ. އަދި ލޯ މެޑަލް ހޯދީ 4:33 މިނެޓުން ރޭސް ނިންމި ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ހާޒިމް ހުސެއިން ޝަރީފެވެ.
އެއް ވަނަ އަންހެން އެތުލީޓް ހޯދި ނަޝާ އަންހެނުންގެ 100 މީޓަރު ދުވުމުގެ ރޭސް ކާމިޔާބުކުރީ 13.06 ސިކުންތުން ދުވެގެންނެވެ. އޭނާއާ ވާދަކޮށް ރިހި މެޑަލް ހޯދީ 13.10 ސިކުންތުން ދުވި އައްޑޫ ހައި ސްކޫލުގެ އައިޝަތު ހިމްނާ ހަސަނެވެ. އަދި ލޯ މެޑަލް ހޯދީ ގައުމީ ސްކޮޑުގެ އަފާ އިސްމާއީލެވެ. އޭނާގެ ޓައިމިން އަކީ 13.56 ސިކުންތެވެ.
އަންހެނުންގެ 200 މީޓަރު ދުވުން ނަޝާ ކާމިޔާބުކުރީ 27.32 ސިކުންތުން ދުވެގެންނެވެ. މި އިވެންޓުން ވެސް ރިހި މެޑަލް ހޯދީ 27.41 ސިކުންތުން ދުވި ހިމްނާ އެވެ. އަދި ލޯ މެޑަލް ހާސިލްކުރީ 28.44 ސިކުންތުން ރޭސް ނިންމި ޝަރަފުއްދީން ސްކޫލުގެ މަރިޔަމް އަލްހާ ހުސެއިނެވެ.
ރާއްޖޭގެ ތާރީހު ދުށް އެންމެ ކާމިޔާބު ދުވުންތެރިޔާ ސާއިދު 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދީ 10.90 ސިކުންތުން ދުވެގެންނެވެ. ރިހި މެޑަލް 11.45 ސިކުންތުން ދުވެގެން އަހުމަދު އަނޫފް ކާމިޔާބުކުރިއިރު، ލޯ މެޑަލް ހޯދީ 11.61 ސިކުންތުން ދުވި ނުޖޫމް ހަސަނެވެ. ސާއިދު 200 މީޓަރު ރޭހުން އެއް ވަނަ ހޯދީ 22.49 ސިކުންތުން ދުވެގެންނެވެ. މި އިވެންޓުން ރިހި މެޑަލް ހޯދީ މުހައްމަދު ނާއިލެވެ. އޭނާގެ ޓައިމިން އަކީ 23.66 ސިކުންތެވެ. އަދި ތިން ވަނަ އަށް ދިޔައީ 23.95 ސިކުންތުން އަފީފުއްދީން ސްކޫލުގެ މުހައްމަދު ޝާމް އަހުމަދެވެ.
ފިރިހެނުންގެ 400 މީޓަރު ދުވުމުން ރަން މެޑަލް ހޯދީ، ބޮޓްސްވާނާގައި ތަމްރީން ހަދަމުން އަންނަ ނާއިލެވެ. އޭނާ 53.57 ސިކުންތުން ދުވި ހޯދި މެޑަލާ އެންމެ ބޮޑަށް ވާދަކުރީ 53.83 ސިކުންތުން ދުވި ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ މުހައްމަދު ހިސާނެވެ. އަދި ލޯ މެޑަލް ހޯދީ 55.02 ސިކުންތުން ދުވި އަފީފުއްދީން ސްކޫލުގެ އިރުފާން އަބޫބަކުރެވެ. މުބާރާތުގެ 800 މީޓަރު ދުވުން ކާމިޔާބުކުރީ ހުސެއިން ރިޒާ އެވެ. އޭނާގެ ޓައިމިން އަކީ 2:04 މިނެޓެވެ. ދެ ވަނަ ހޯދީ 2:07 މިނެޓުން ދުވި ހާޒިމެވެ. އަދި ތިން ވަނަ ހޯދީ 2:09 މިނެޓުން ދުވި އައްޑޫ ހައި ސްކޫލުގެ މުހާޖިރު ޒިޔާދެވެ.
އަންހެނުންގެ އިވެންޓްތަކުގެ ތެރެއިން 400 މީޓަރު ދުވުން ކާމިޔާބުކުރީ ހިމްނާ އެވެ. އޭނާގެ ޓައިމިން އަކީ 1:04 މިނެޓެވެ. ދެ ވަނަ ހޯދީ 1:08 ދުވި އައްޑޫ ހައި ސްކޫލުގެ މަރިޔަމް އަލްހާ ހުސެއިނެވެ. ގައުމީ ސްކޮޑުގެ ދުވުންތެރިޔާ މިރުފަތު އަހުމަދު ދިޔައީ ތިން ވަނަ އަށެވެ. އޭނާގެ ޓައިމިން އަކީ 1:09 މިނެޓެވެ.
ދާދި ފަހުން އޭޝިއަން ގޭމްސްގައި ދުވި އައިމިނަތު ޖާއިޝާ ޖުނީޒް ވަނީ އަންހެނުންގެ 800 މީޓަރު އަދި 1500 މީޓަރު ދުވުމުގެ ރޭސް ކާމިޔާބުކޮށްފަ އެވެ. އޭނާ 800 މީޓަރު ރޭސް ކާމިޔާބުކުރީ 2:43 މިނެޓުން ދުވެގެންނެވެ. ދެ ވަނަ އަށް ދިޔައީ 2:49 ސިކުންތުން ދުވި ހާފިޒް އަހުމަދު ސްކޫލުގެ ފާތިމަތު އިޝްނާ އެވެ. އަދި ތިން ވަނަ އަކީ ހދ. މަކުނުދޫ ސްކޫލުގެ އަޒްލީނާ އިބްރާހީމެވެ. އޭނާގެ ޓައިމިން އަކީ 2:53 މިނެޓެވެ. އަންހެނުންގެ 1500 މީޓަރު ދުވުން ޖާއިޝާ ކާމިޔާބުކުރީ 5:36 މިނެޓުން ދުވެގެންނެވެ. ދެ ވަނަ އަކީ ޝަރަފުއްދީން ސްކޫލުގެ އައިޝަތު ނާޝިޔާ ނިޒާރެވެ. ޓައިމިން އަކީ 5:48 މިނެޓެވެ. ތިން ވަނަ އަށް ދިޔައީ 6:14 މިނެޓުން ދުވި ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ސަމްހާ މުހައްމަދެވެ.
މުބާރާތުގައި ހިމެނޭ އެންމެ ދިގު ރާސްތާ ދުވުން ކަމަށްވާ 3000 މީޓަރު ރޭހުގެ އަންހެން ބައިން އެއް ވަނަ ހޯދީ 12:46 މިނެޓުން ދުވި ޝަރަފުއްދީން ސްކޫލުގެ އައިޝަތު ނާޝިޔާ ނިޒާރެވެ. ދެ ވަނަ އަކީ 13:59 މިނެޓުން ދުވި ހދ. މަކުނުދޫ ސްކޫލުގެ ރައުދާ މޫސާ އެވެ. އަދި ތިން ވަނަ ހޯދީ ފުވައްމުލަކު ހާފިޒް އަހުމަދު ސްކޫލުގެ ފާތިމަތު އަލްޔާ އިބްރާހީމެވެ. އޭނާ ރޭސް ނިންމީ 14:23 މިނެޓުންނެވެ.
ލޯންގް ޖަމްޕުގެ ފިރިހެން އިވެންޓުން އެއް ވަނަ ހޯދީ ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ އަހުމަދު ޝިނާޒް މުހައްމަދެވެ. ދެ ވަނަ އަކީ ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ އިބްރާހިމް ރާފިލް ވާފިރެވެ. އަންހެނުންގެ ލޯންގް ޖަމްޕުގެ އެއް ވަނަ އަކީ ތާޖުއްދީން ސްކޫލުގެ އައިޝަތު ޝަބާ ސަލީމެވެ. ދެ ވަނަ އަށް ދިޔައީ ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ އައިމިނަތު ނަހޫ އެވެ. ތިން ވަނަ އަށް ދިޔައީ ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ރިފާ މުހައްމަދެވެ.