"ފުރިހަމަ" އަންބަކަށް ވާނެ ގޮތް ދަސްކޮށްދޭ ކޯސްތަކެއް އިންޑިއާގެ ޔުނިވަސިޓީއަކުން ފަށަނީ
"ފުރިހަމަ" އަންބަކަށް ވާނެ ގޮތް ދަސްކޮށްދޭ ކޯސްތަކެއް އިންޑިއާގެ ޔުނިވަސިޓީއަކުން ފަށަނީ

"ފުރިހަމަ" އަދި "ރަނގަޅު" އަންބަކަށް ވާނެ ގޮތް ދަސްކޮށްދޭ ކޯސްތަކެއް އިންޑިއާގެ ޔުނިވަސިޓީއަކުން ފަށަން ތައްޔާރުވެއްޖެ އެވެ.

ކުރިއަށް އޮތް ދިރާސީ އަހަރާ ދިމާކޮށް "އާދާރް ބަހޫ ސެޓްފިކެޓް" ލިބޭ ގޮތަށް ތިން މަސް ދުވަހުގެ މުއްދަތަށް ކޯސްތައް ކުރިއަށް ގެންދަން ނިންމާފައިވަނީ ބޯޕާލްގެ ބަރަކަތުއްލާ ޔުނިވަސިޓީންނެވެ.

އެތަނުން ބުނި ގޮތުގައި މިއީ ޒުވާން އަންހެނުން ހޭލުންތެރި ކުރުވުމާއި ބާރުވެރި ކުރުމުގެ ގޮތުން ފަށާ ކަމެކެވެ.

ބަރަކަތުއްލާ ޔުނިވަސިޓީގެ ވައިސް ޗާންސެލަރު ޕްރޮފެސަރު ޑީސީ ޑީސީ ގުޕްތާ ޓައިމްސް އޮފް އިންޑިއާ އަށް ވިދާޅުވީ އާ ކޯހުގެ މައިގަނޑު އަމާޒަކީ "ކައިވެންޏާއި އެކަމާ ގުޅުން ހުރި ކަންކަމަކަށް އަންހެނުން ތައްޔާރުކުރުން ކަމަށެވެ.

"އަހަރެމެން ގަބޫލުކުރަނީ ޔުނިވަސިޓީއެއްގެ ހައިސިއްޔަތުން މުޖުތަމައުގެ ތެރޭގައި ހުރި އިޖުތިމާއީ މައްސަލަތަކަށް މަސައްކަތް ކުރަން ޖެހޭކަން. އަދި މިއީ ފެށުމަށް ކަމަށް ވެދާނެ،" އޭނާ ވިދާޅުވި އެވެ. "ކައިވެންޏަކީ އަންހެނެއްގެ ހަޔާތުގައި ނިންމާ ވަރަށް މުހިއްމު ނިންމުމެއް. އެހެންވީމާ އެކަމަށް ތައްޔާރުވެ ހޭލައި ތިބުމަކީ އަންހެނުންނަށް ވަރަށް މުހިއްމު ކަމެއް."

ގުޕްތާ ވިދާޅުވީ ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ފަށަން ތައްޔާރުވަމުން އަންނަ "އާދާރު ބަހޫ ސެޓްފިކެޓް" ކޯހުގެ ތެރޭގައި އެކި ދާއިރާތަކުން އަންހުންނަށް މައުލޫމާތު ފޯރުކޮށް ދޭނެ އެވެ. އޭގެ ތެރޭގައި ސައިކޮލޮޖީ، ސޯޝޮލޮޖީ އަދި އަންހެނުންނަށް ތައުލީމު ދިނުމުގެ މުހިއްމުކަން ހިމެނެ އެވެ.

މި ކޯހުގައި، އަސާސީ ތައުލީމީ ފުރިހަމަކޮށްފައިވާ ޒުވާން އަންހެނުންނަށް ބައިވެރިވެވޭނެ އެވެ.

"މިއީ ހަގީގަތުގައި އަންހެނުން ބާރުވެރިކޮށް ދޭނެ ޕްރޮޖެކްޓެއް،" ގުޕްތާ ވިދާޅުވި އެވެ. "މިއީ މުޖުތަމައަށް ބަދަލުތަކެއް ގެނުވައި ދޭނެ ކަމެއް. އުންމީދު ވަރަށް ބޮޑު."

ޔުނިވަސިޓީން ނިންމާފައިވާ ގޮތުން ކޯހުގެ ފުރަތަމަ ބެޗުން ފުރުސަތު ދޭނީ 30 މީހަކަށެވެ.