15 ސެޕްޓެމްބަރ 2018 - 08:28

މި ފަހަރުގެ ސާފް ސުޒުކީ ކަޕްގެ ފައިނަލަކީ އިންޑިއާ އާއި ރާއްޖެ މުބާރާތުގެ ފައިނަލުގައި ވާދަކުރާ ހަަތަރު ވަނަ ފަހަރެވެ. މީގެ ކުރިން ކުޅުނު ތިން ފައިނަލުގެ ތެރެއިން ދެ ފައިނަލް ނިމުނީ އިންޑިއާ މޮޅުވެގެންނެވެ. ރާއްޖެ އަށް ހޯދުނީ އެންމެ މޮޅެކެވެ. އެއީ މީގެ 10 އަހަރު ކުރިން 2008 ވަނަ އަހަރު އެވެ. މިއީ މިިދިޔަ ނުވަ އަހަރު ތެރޭ ރާއްޖެ ކުޅޭ ފުރަތަމަ ފައިނަލެވެ. ނުކުންނަން ޖެހެނީ ސަރަހައްދުގެ ބޮޑު ބާރު އިންޑިއާއާ ދެކޮޅަށެވެ. ކުރިއެކޭ އެއްގޮތަށް ރާއްޖެ އަށް ބަދަލު ނުވާ އެއް ކަމެއް އެބައޮތެވެ. އެއީ ހިތްވަރެވެ.

މި މުބާރާތުގެ ތާރީހުގައި އިންޑިއާ އިން ވަނީ ރާއްޖެ އަތުން އަށް ފަހަރު މޮޅުވެފަ އެވެ. ރާއްޖެ އަށް ހޯދުނީ އެންމެ ދެ މޮޅެވެ. އެންމެ ފަހުން މޮޅުވީ 2009 ވަނަ އަހަރުގެ ގްރޫޕް ސްޓޭޖުގަ އެވެ. އެެކަމަކު އެ މުބާރާތުގެ ފައިނަލުގައި އިންޑިއާގެ 23 އަހަރުން ދަށުގެ ޓީމު ވަނީ ބަންގްލަދޭޝްގައި ޕެނަލްޓީ ޖަހައިގެން ރާއްޖެ ބަލިކޮށްފަ އެވެ. އޭގެ ފަހުން މި މުބާރާތުން ރާއްޖެ ތިން ފަހަރު ވެސް ކެޓީ ސެމީ ފައިނަލްގައި އިންޑިއާ އަތުންނެވެ. މިއީ ނުވަ އަހަރު ތެރޭގައި ރާއްޖެ ފައިނަލުގައި ކުޅޭ ފުރަތަމަ ފަހަރެވެ.

1997 ފައިނަލް: އިންޑިއާ 5-1 ރާއްޖެ
1999 ސެމީ ފައިނަލް: އިންޑިއާ 2-1 ރާއްޖެ
2005 ސެމީ ފައިނަލް: އިންޑިއާ 1-0 ރާއްޖެ
2008 ގްރޫޕް ސްޓޭޖް: އިންޑިއާ 1-0 ރާއްޖެ
2008 ފައިނަލް: އިންޑިއާ 0-1 ރާއްޖެ
2009 ގްރޫޕް ސްޓޭޖް: އިންޑިއާ 0-2 ރާއްޖެ
2009 ފައިނަލް: އިންޑިއާ 0-0 ރާއްޖެ (ޕެނަލްޓީ- އިންޑިއާ 3-1 ރާއްޖެ)
2011: ސެމީ ފައިނަލް: އިންޑިއާ 3-1 ރާއްޖެ
2013: ސެމީ ފައިނަލް: އިންޑިއާ 1-0 ރާއްޖެ
2015: ސެމީ ފައިނަލް: އިންޑިއާ 3-1 ރާއްޖެ
2018: ގްރޫޕް ސްޓޭޖް: އިންޑިއާ 2-0 ރާއްޖެ
މި ފަހަރުގެ މުބާރާތަކީ ވެސް އިންޑިއާ އިން 23 އަހަރުން ދަށުގެ ޓީމު ފޮނުވި ފަހަރެކެވެ. އެ ޓީމުން ވަނީ 2009 ވަނަ އަހަރުގެ ފައިނަލުގައި ވެސް 23 އަހަރުން ދަށުގެ ޓީމު ފޮނުވައިގެން ފައިނަލުގައި ރާއްޖެ ބަލިކޮށް ތަށި އުފުލާލައިފަ އެވެ.
މި ފަހަރުގެ މުބާރާތަށް އިންޑިއާ އިން 23 އަހަރުން ދަށުގެ ޓީމު ފޮނުވީ މުބާރާތަށް އިހުތިރާމް ނުކުރާތީ ކަމަށް ބުނެ ގިނަ ފާޑުކިޔުން އަމާޒުވި އެވެ. އިންޑިއާ އިން މި މުބާރާތަށް ޒުވާން ޓީމެއް ފޮނުވި އެއް ސަބަބަކީ މިދިޔަ މަހު އޮތް އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުގައި އިންޑިއާ ބައިވެރި ނުކުރަން އެ ގައުމުގެ އޮލިމްޕިކް ކޮމިޓީން ނިންމުމުންނެވެ.
އިންޑިއާ އަންނަނީ 1994 ވަަނަ އަހަރުގެ އޭޝިއަން ގޭމްސް އިން ފެށިގެން ގަވައިދުން އެ ގޭމްސްގެ ފުޓްބޯޅަ އިވެންޓުގައި ވާދަކުރަމުންނެވެ. އިންޑިއާ އިން ބައިވެރިނުވީ އެ ގައުމުގެ އޮލިމްޕިކް ކޮމިޓީން ކަނޑައެޅި މިންގަނޑަށް ނުފެތޭތީ އެވެ. އިންޑިއާގެ އޮލިމްޕިކް ކޮމިޓީން ހުއްދަ ދީފައި ވަނީ އޭޝިއާގައި ރޭންކިން އަށް ބަލާއިރު ގަދަ އަށެއްގައި އިންޑިއާ ހިމެނޭ ކުޅިވަރުތަކަށެވެ. ފުޓްބޯޅައިގައި އިންޑިއާ އޮތީ އޭޝިއާ ސަރަހައްދަށް ބަލާއިރު 14 ވަނައިގަ އެވެ.
އިންޑިއާގެ ކޯޗު ސްޓެފަން ކޮންސްޓަންޓިން ބުނީ އިންޑިއާގެ 23 އަހަރުން ދަށުގެ ކުޅުންތެރިންނަށް އޮތް ހަމައެކަނި ދެ މުބާރާތަކީ އޭޝިއަން ގޭމްސް އާއި އޮލިމްޕިކްސް ކަމަށެވެ. އޭގެ ތެރެއިން އޭޝިއަން ގޭމްސްގައި ބައިވެރިނުކުރަން ނިންމި ނިންމުން ބަލައިގަންނަން އުނދަގޫ ކަމަށާއި ޒުވާން ކުޅުންތެރިން ބައިނަލްއަގްވާމީ ފުޓްބޯޅަ އަށް ތައާރަފްކުރަން ލިބޭ އެންމެ ރަނގަޅު ފުރުސަތަކީ ސާފްގައި ކުޅުމުގެ ފުރުސަތު ދީގެންކަން އޭނާ ގަބޫލުކުރެ އެވެ.
އިންޑިއާގައި މިހާރު އޮތް ޒުވާން ޓީމާއި 2009 ވަނަ އަަހަރު ތަށި ހޯދި ޒުވާން ޓީމުގެ ހާލަތު ތަފާތެވެ. އެއީ 2009 ވަނަ އަހަރު ތަށި ހޯދި ޓީމުގައި އޭގެ ކުރިން ގައުމީ ޓީމުގައި ކުޅުނު ގިނަ ކުޅުންތެރިން ހިމެނެ އެވެ. އެކަމަކު މި ފަހަރުގެ ޒުވާން ޓީމުގައި ހިމެނެނީ ގައުމީ ޓީމުގައި މާ ގިނަ މެޗުތަކެއް ނުކުޅުނު ނަމަވެސް އިންޑިއަން ސުޕަ ލީގުގައި ކުޅެމުން އަންނަ ކުޅުންތެރިންނެވެ. އިންޑިއަން ސުޕަ ލީގަކީ މި ސަރަަހައްދުގައި އޮތް އެންމެ ވަރުގަދަ ލީގެވެ.
މި ފަހަރުގެ ސާފް އަށް ނެގި ފައިނަލް ސްކޮޑުގެ އެވްރެޖް އުމުުރަކީ 23.7 ކަމަށް ގައުމީ ޓީމުގެ ކޯޗު ކްރޮއޭޝިއާގެ ޕީޓާ ސެގާޓް ވަނީ ބުނެފަ އެވެ. މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭން ނެރުނީ މާޔޫސްވާން ޖެހޭ ފަދަ ނަތީޖާތަކެކެވެ. ފުރަތަމަ މެޗުން ސްރީލަންކާއާ ލަނޑެއް ނުޖެހި އެއްވަރުވުން ވެގެންދިޔައީ ގިނަ ބަޔަކަށް ބަލައިގަންނަން އުނދަގޫ ނަތީޖާއަކަށެވެ. ސަބަބަކީ ފަހަކަށް އައިސް ޖެހިލުމެއްނެތި ރާއްޖޭން ލަންކާ ބަލިކުރާތީ އެވެ.
ސެމީން ޖާގަ ހޯދަން ނަތީޖާއެއް ނެރެން ދެ ވަނަ މެޗުގައި އިންޑިއާއާ ދެކޮޅަށް ނުކުމެ 2-0 އިން ބަލިވިއިރު، ރާއްޖެ އަށް ސެމީގެ ޖާގައެއް ލިބުނީ ގުރުއަތުލައިގެންނެވެ. މިއީ ސާފް ތާރީހުގައި ގުރުއަތުލައިގެން ޓީމެއް ސެމީ އަށް ދިޔަ ފުރަތަމަ ފަހަރެވެ. ސެގާޓްގެ ނަޒަރުގައި ފެނުނީ ދިވެހިންގެ ނަސީބު ގަދަކަމެވެ. އެކަމަކު ދިވެހި ގިނަ ސަޕޯޓަރުންގެ ނަޒަރުގައި އެއީ ލިބުނު ލަދެކެވެ.
ދަށް ނަތީޖާތަކުގެ ސަބަބުން އަމާޒުވި ފާޑުކިޔުންތަކަށް ބީރު ކަންފަތެއްދީ ސެމީ ފައިނަލުގައި މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގައި ބެލެވިފައި އޮތް ނޭޕާލާ ދެކޮޅަށް ރާއްޖޭގެ ކުޅުންތެރިން ނެރުނީ އާދަޔާހިލާފު ހިތްވަރެކެވެ. ފެނުނީ އެހެން ރޫހެކެވެ. ކިތަންމެ ފާޑުކިޔުމެއް އަމާޒުވި ނަމަވެސް ކުޅުންތެރިންގެ ގުޅުން ބަދަހިކަން ފެނިގެންދިޔައީ އެ ދުވަހު ދަނޑުމަތިންނެވެ. ނޭޕާލް އަތުން 3-0 އިން މޮޅުވިއިރު، ކުޅުންތެރިން ފުރަތަމަ މިނިޓުން ފެށިގެން ފަހު ވަގުތާ ހަަމަ އަށް ހިތްވަރުކުރިކަން އެނގޭ އެންމެ ބޮޑު ހެއްކަކީ މެޗުގެ ކުރިކޮޅާއި ފަހު ވަގުތުގައި ވެސް ލަނޑު ޖަހާފައިވާތީ އެވެ.
ފައިނަލުން ޖާގަ ލިބުމުން ކޯޗު ސެގާޓްގެ ހުރިހާ ތައުރީފެއް އޮހުނީ ކުޅުންތެރިންނަށެވެ. އޭނާ ބުނީ މޮޅުވުމުގެ ކްރެޑިޓެއް ނުނަގާނެ ކަމަށެވެ. ހަގީގަތަކީ ވެސް އެއީ އެވެ. ސެމީ ފައިނަލުގެ ކުރިން ސެގާޓް މީޑިއާގައި ދެއްކި ވާހަކަތަކުގެ ސަބަބުން ވެސް ގިނަ ބަޔެއްގެ ނުރުހުންވުން އޭނާ އަށް އަމާޒުވި އެވެ. އެ ހުރިހާ ކަމެއް އެއް ފަރާތްކޮށް މިހާރު ހުރިހާ އެންމެން ހުރީ އެއް އަމާޒެއްގަ އެވެ. ފައިނަލް ކާމިޔާބުކޮށް 10 އަހަރު ފަހުން ތަށި އަނބުރާ ގައުމަށް ގެންދާށެވެ.
ރާއްޖޭގެ އެންމެ ބޮޑު ހިތްވަރަކީ ޓީމުގެ ކެޕްޓަންގެ ޒިންމާ އަދާކުރަމުން އަންނަ އަކުރަމް އަބްދުލް ގަނީ (އަކޫ) އެވެ. މުބާރާތުގައި ރާއްޖެ ކުޅުނު ތިން މެޗުގައި ވެސް އަކޫގެ ވަނީ ދަނޑުމަތީގައި މުޅި ޓީމު އެކުލަވާލައިގެން ރަނގަޅު ކުޅުމެއް ދައްކަން ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.
ސަރަހައްދުގެ ފުޓްބޯޅަ އަށް ބަލާއިރު އެންމެ އުހުގައި އޮތް ގައުމަކީ އިންޑިއާ އެވެ. ފީފާ އިން އެންމެ ފަހުން ނެރުނު ރޭންކިންގައި އިންޑިއާ އޮތީ 96 ގަ އެވެ. މިއީ އެ ގައުމަށް ތައުރީފް ހައްގުވާ ސަބަބުތަކެވެ. އެކަމަކު އެ ހުރިހާ ކަމަކަށް ވުރެ މިވަގުތު މުހިއްމީ ރާއްޖެ ކާމިޔާބަކަށް ބޭނުންވެފައި އޮތް މިންވަރެވެ. ދިވެހި ފުޓްބޯޅައިގެ މިސްރާބު ބަދަލުކޮށްލަން އަދި މާޔޫސްވެފައި ތިބި ސަޕޯޓަރުން ދިވެހި ފުޓްބޯޅައާ މެދު އަލުން އުއްމީދުތަކެއް ކުރަން މަޖުބޫރުވާ ފަދަ ކާމިޔާބެއް ހޯދުމެވެ.
އިންޑިއާ ކޯޗު ކޮންސްޓަންޓިންގެ ނަޒަރުގައި ރާއްޖެ އަތުން ނޭޕާލް ބަލިވުމުގެ އެންމެ ބޮޑު ސަބަބަކީ އެ މީހުން ރާއްޖެއާ މެދު އިހުތިރާމް ކުޑަކޮށް ދުށުމެވެ. ގްރޫޕް ސްޓޭޖުގައި ރާއްޖެ ނެރުނު ދަށް ނަތީޖާތަކަށް ބަލައިގެން މެޗަށް ތައްޔާރުވުމެވެ. ކޮންސްޓަންޓިން ބުނީ އޭނާ އެ ގޯސް ނުހަދާނެ ކަމަށެވެ. ފައިނަލަށް ނުކުންނާނީ ވަރަށް ސަމާލުވެގެން ވަރަށް ތައްޔާރުވެގެން ކަމަށް ބުންޏެވެ.
ހަގީގަތުގައި އިންޑިއާ އިން އަބަދުވެސް ރާއްޖެއާ ދެކޮޅަށް ކުޅޭއިރު ގެންގުޅޭ އުކުޅެއް އޮވެ އެވެ. ދަނޑު ބޭރުން ރާއްޖެ އަށް ގިނަ ތައުރީފްތަކެއް ކޮށް ދިވެހިންގެ ފޯކަސް ބަދަލުކުރަން މަސައްކަތްކުރެ އެވެ. ކޮންސްޓަންޓިން މީގެ ކުރިން ވަނީ ރާއްޖެ އާއި އިންޑިއާއާ ކުޅޭ މެޗުތަކާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ. އެ ގޮތުން 2016 ވަނަ އަަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ މެޗަކަށް ފަހު އޭނާ ބުނީ ރާއްޖެ އާއި އިންޑިއާގެ ކުރިމަތިލުންތައް އިންޑިއާ ކޮޅަށް ބުރަވުމުގެ އެންމެ ބޮޑު ސަބަބަކީ ނަފްސާނީ ގޮތުން މެޗަށް ތައްޔާރުވުމުގައި ހުންނަ ތަފާތުތަކެއްގެ ސަބަބުންނެވެ. ރާއްޖޭން މާ އަވަހަށް ބަލި ގަބޫލުކުރާތީ އެވެ.
މީގެ 10 އަހަރު ކުރިން ރާއްޖޭން ފައިނަލުގައި އިންޑިއާ ބަލިކުރިއިރު ވެސް ފެނުނު އެއް މަންޒަރަކީ ފަހު ވަގުތާ ޖެހެންދެން ހިތްވަރުލައިގެން ކުޅުންތެރިން ކުރި މަސައްކަތެވެ. އެންމެން ބަދަހިކޮށް ތިބެގެން ކާމިޔާބީގެ މިސްރާބަށް ދިއުމަށް ކުރި އުއްމީދެވެ. މިއީ އެ ފަދަ މަސައްކަތެއް ތަކުރާރުކުރަންވީ ވަގުތެވެ. އިންޑިއާ އަށް މޮޅުވުމުގެ ފުރުސަތު ނުދޭންވީ ވަގުތެވެ. ކުޅުންތެރިންނަށް ހިތްވަރުދޭންވީ ދުވަހެކެވެ.