08 އޯގަސްޓް 2016 - 11:29

ބްރެސީލިއާ (އޮގަސްޓް 8) - އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓުގައި ބްރެޒިލް ކުޅުނު ދެ ވަނަ މެޗުގައި ރޭ އިރާގާ ލަނޑެއް ނުޖެހި އެއްވަރުވެ ޕްރެޝަރަށް ދިޔައިރު، ނައިޖީރިއާ އާއި ޕޯޗުގަލް ދެ މެޗުން މޮޅުވެ ކުއާޓާގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.
މިދިޔަ ހުކުރު ދުވަހު ބްރެޒިލް ކުޅުނު ފުރަތަމަ މެޗުން ދެކުނު އެފްރިކާއާ އެއްވަރުވުމުން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަހޯދަން ރޭގެ މެޗުން ތިން ޕޮއިންޓް ހޯދުން އެ ޓީމަށް މުހިއްމެވެ. ނަމަވެސް ރޭ އިރާގާ އެއްވަރުވުމުން އެ ޓީމަށް ވަނީ ގްރޫޕްގެ ފަހު މެޗުގައި ޑެންމާކް ބަލިކުރަން ޖެހިފަ އެވެ. ޑެންމާކް ވަނީ ރޭ 1-0 އިން ދެކުނު އެފްރިކާ ބަލިކޮށްފަ އެވެ.
ރޭގެ މެޗުގައި ބްރެޒިލްގެ ނޭމާ އާއި ގަބްރިއެލް ޖީސަސް އަދި ރެނާޓޯ އޮގަސްޓޯ އަށް ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފަ އެވެ. މުޅި މެޗުގައި ވެސް އެންމެ ހުސް ފުރުސަތެއް ލިބުނީ ދާދި ފަހުން މެންޗެސްޓާ ސިޓީ އަށް ބަދަލުވި ޖީސަސް އަށެވެ. އޭނާ ގޯލު ކުރިމަތީ ހުސްކޮށް ހުރެ ފޮނުވާލި ބޯޅަ ދިޔައީ ބޭރުންނެވެ.
އިރާގުން ވެސް ވަނީ ބްރެޒިލަށް ނުރައްކާ ކޮށްފަ އެވެ. ފުރަތަމަ ހާފްގައި އެ ޓީމުގެ މުހައްމަދު އަބްދުލްރަހީމް ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
ޕޯޗުގަލް ރޭ ކުޅުނު މެޗުން މޮޅުވީ ހޮންޑިއުރަސްއާ ވާދަކޮށް 2-1 އިންނެވެ. އަދި ނައިޖީރިއާ ވަނީ 1-0 އިން ސްވިޑަން ބަލިކޮށްފަ އެވެ.