16 ސެޕްޓެމްބަރ 2018 - 08:46

އަމިއްލަ ގެއެއް ލިބިއްޖެއްޔާ އެ ގެ އަށް ކިޔާނެ ނަމެއް ނިންމާނީ ކޮން ގޮތަކުން ހެއްޔެވެ؟ ފަހަރުގައި ބައެއް މީހުންގެ ފުރަތަމަ ވިސްނުމަކަށް ވާނީ އެހެން ގެއަކަށް ނުކިޔާ އާ ނަމެއް ހޯދުމެވެ. އެކަމަކު ގޭގެ އެޑްރެހުގެ ގޮތުގައި ބޭނުންކުރާ ވަރަށް އާއްމު ނަންތަކެއް ރާއްޖޭގައި ހުރިކަން ފާހަގަކުރެވެ އެވެ. އޭގެ ތެރޭގައި ވެސް، މަގްބޫލުކަން ވަކިން ބޮޑު ނަންތަކެއް ހިމެނެ އެވެ.
ރިޔާސީ އިންތިޚާބުގައި ވޯޓު ލާ މީހުންގެ ރަޖިސްޓްރީ އަށް ބިނާކޮށްގެން ހަދާފައިވާ ލިސްޓަކުން އެނގޭ ގޮތުގައި ރާއްޖޭގައި ގޭގެ އެޑްރެހުގެ ގޮތުގައި އެންމެ ގިނައިން ބޭނުންކުރާ ނަމަކީ "އައްސޭރި" އެވެ. އެކި ރަށްރަށުގައި އެ ނަން ކިޔާ 132 ގެ އެބަ ހުއްޓެވެ.
ދެވަނަ އަށް އެންމެ އާއްމު އެޑްރެހުގެ ގޮތުގައި "ފިނިފެންމާގެ" ބޭނުންކުރާ 126 ގެ ހުރި އިރު ތިންވަނަ އަށް އެންމެ މަގްބޫލު "ފިނިވާގެ" ކިޔާ 112 ގެ އެބަހުރިކަން ވެސް ވޯޓާސް ލިސްޓުން އެނގެ އެވެ.
ކޮމިއުނިކޭޝަންސް ޑިޒައިނަރު ޝާހީ އިލްޔާސް ހަދާފައިވާ މި ލިސްޓުގެ ގަދަ 10ގައި ދެން ހިމެނޭ ނަންތަކަކީ ފެހިވިނަ، ދޫރެސް، އިރުމަތީގެ، ކަރަންކާގެ، އުދަރެސް، ބަހާރުގެ، މޫނިމާގެ، އަލިވާގެ، ފަޒާ އަދި ހީނާމާގެ އެވެ.
1. އައްސޭރި: 132
2. ފިނިފެންމާގެ: 126
3. ފިނިވާގެ: 112
4. ފެހިވިނަ: 111
5. ދޫރެސް: 109
6. އިރުމަތީގެ: 108
7. ކަރަންކާގެ، އުދަރެސް: 107
7. ބަހާރުގެ، މޫނިމާގެ: 106
8. އަލިވާގެ: 105
9. ފަޒާ: 104
10. ހީނާމާގެ: 103
އެންމެ އާއްމު އެޑްރެސްތަކަށް ބަލާ އިރު ފާހަގަވާ އެއް ކަމަކީ ގޭގެ ނަން ގުދުރަތީ ހިތްގައިމުކަމާއި ހިތްފަސޭހަކަމާ ގުޅުވައިލަން ގިނަ ބަޔަކު ބޭނުންވާ ކަމެވެ.
ލިސްޓުގެ އެންމެ ކުރީގައި އުޅޭ "އައްސޭރި" އާއި "ފިނިފެންމާގެ" އެހާ މަގްބޫލުވެފައި ވަނީ ދިވެހިރާއްޖެ އާއި ދިވެހިންނަށް ވަރަށް ބޮޑަށް ޚާއްސަވެގެންނެވެ. ހިތްގައިމު ޗާލު ގޮނޑުދޮށްތަކެއް ނުވަތަ "އައްސޭރިތަކެއް"ގެ ކައިރީގައި ދިވެހިން ދިރިއުޅޭ އިރު، ރާއްޖޭގެ ގައުމީ މަލަކީ ފިނިފެންމަލެވެ.
މާމަލާ ގުޅުވައިގެން ގިނަ ނަންތަކެއް ކިޔާފައިވާކަން ފާހަގަކުރެވެ އެވެ. ފިނިފެންމާގޭގެ އިތުރުން ކަރަންކާގެ، ބަހާރުގެ، މޫނިމާގެ އަދި ހީނާމާގެއަކީ އޭގެ މިސާލުތަކެވެ.
ގުދުރަތީ ހިތްގައިމުކަމާއި ހިތްފަސޭހަކަން ދޭހަވާ ގޮތަށް ނަން ކިޔަން ގިނަ ބަޔަކު ސަމާލުކަން ދޭކަން ފިނިވާގެ، ފެހިވިނަ، އިރުމަތީގެ، އުދަރެސް، އަލިވާގެ އަދި ފަޒާ ފަދަ ނަންތަކުން ދޭހަވެ އެވެ.
ގިނަ ބަޔަކު އެއް އެޑްރެސްތަކެއް ބޭނުންކުރިޔަސް އެހެން އެއްވެސް ގެއަކާ ނަން ހިއްސާ ނުކުރާ 18،000 ގެ އެބަހުރި ކަމަށް ލިސްޓުން ދައްކަ އެވެ. އެއީ "ޒެންތުރަމް"، "ވިންޑްމާގެ" އަދި "ޓޫ ފްރެންޑްސް" ފަދަ ތަފާތު ނަންނަން ކިޔާ ގޭގެ އެވެ.