14 ސެޕްޓެމްބަރ 2018 - 20:10

ހަރިޔާނާ (ސެޕްޓެމްބަރު 14) - އިންޑިއާގެ އުތުރުގެ ހަރިޔާނާ ސްޓޭޓުގައި ކޮލެޖް ދަރިވަރަކު ވަގަށް ނެގުމަށް ފަހު ރޭޕްކޮށްފި ކަމަށް ފުލުހުން ބުނެފި އެވެ.
އުމުރުން 19 އަހަރުގެ ދަރިވަރު ވަގަށް ނެގީ ޓިއުޝަން ނިންމާފައި ގެއަށް ދިއުމަށް ބަހުގެ އިންތިޒާރުގައި ހުއްޓަ އެވެ. ފުލުހުން ބުނީ އަންހެން ކުއްޖާ ވަގަށް ނެގުމަށް ފަހު ޑްރަގު ދީގެން ރޭޕްކުރީ ތިން ފިރިހެނުން ކަމަށެވެ.
"އަންހެން ކުއްޖާ އަށް އެނގޭ އެއީ ކޮން ބައެއްކަން. އެއީ އަންހެން ކުއްޖާ އުޅޭ އަވަށުގެ ބައެއް. އެކަމަކު އެ މީހުން މިހާރު ވަނީ ފިލާފައި،" ހަރިޔާނާގެ ފުލުހުންގެ އޮފިޝަލެއް ކަމަށްވާ އަނިރުދު ކުމާރު ވިދާޅުވި އެވެ.
ހަރިޔާނާ އަކީ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން ވެރިކަން ކުރާ ސްޓޭޓެކެވެ.
"އަހަރެމެންގެ ބޮޑު ވަޒީރު ވިދާޅުވަނީ އަންހެން ކުދިންނަށް ތައުލީމް ދޭށޭ. އެކަމަކު ކިހިނެއް އަންހެން ދަރިންނަށް ކިޔަވައިދޭނީ،" އަންހެން ކުއްޖާގެ މަންމަ ބުންޏެވެ.
އަންހެން ކުދިންނަށް ތައުލީމް ދިނުމުގެ ކެމްޕޭނެއް މޯދީ ވަނީ 2015 ވަނަ އަހަރު ހަރިޔާނާގައި ފައްޓަވައިދެއްވައިފަ އެވެ.
އިންޑިއާގައި 2016 ވަނަ އަހަރު ވަނީ ރޭޕުގެ 40،000 މައްސަލަ ރިޕޯޓްކޮށްފަ އެވެ.