08 އޯގަސްޓް 2016 - 09:07

ލަންޑަން (އޮގަސްޓް 8) – ލެސްޓާ ސިޓީ އަތުން 2-1 އިން ރޭ މޮޅުވި މެންޗެސްޓާ ޔުނައިޓެޑުން ޗެރިޓީ ޝީލްޑް މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ހުއާން މަޓާ ފަހު ވަގުތު ބޭލީ، ލެސްޓާ އިން ބޮޑު ބޯޅަ ކުޅެން ފެށުމުން، އޭނާ އަކީ ކުރު ކުޅުންތެރިޔަކަށް ވާތީ ކަމަށް ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
މަޓާ އަކީ ޗެލްސީގެ ކޯޗަކަށް މޮރީނިއޯ ހުރިއިރު އެ ޓީމުން ޔުނައިޓެޑަށް ވިއްކާލި ކުޅުންތެރިއެކެވެ. ޔުނައިޓެޑާ މޮރީނިއޯ ހަވާލުވުމުން މަޓާ އަށް ފުރުސަތެއް ނޯންނާނެ ކަމަށް ބެލެވުނު ނަމަވެސް ރޭގެ މެޗުގެ ދެ ވަނަ ހާފުގައި މޮރީނިއޯ ވަނީ މަޓާ އަށް ފުރުސަތު ދީފަ އެވެ. އެކަމަކު ފަހު ވަގުތު ބޭލުމުން މަޓާ ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. މަޓާ ގައިގައި ބައްދާލަން މޮރީނިއޯ މަސައްކަތްކުރި ނަމަވެސް އޭނާ ވަނީ މޮރީނިއޯއާ ދިމާލަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
ބީބީސީގެ އެނަލިސްޓް އަދި އިންގްލެންޑުގެ ކުރީގެ ކުޅުންތެރިޔާ ޑެނީ މާފީ ބުނީ، މަޓާ ލަދުގަންނަވާލައިފި ކަމަށާއި އެ ބަދަލުން މޮރީނިއޯ ދިނީ މެސެޖެއް ކަމަށެވެ. އަދި ޓްރާންސްފާ ބާޒާރު ނިމުމުގެ ކުރިން މަޓާ ވިއްކާލާނެ ކަމަށް އޭނާ ލަފާކުރި އެވެ.
ރޭގެ މެޗުގައި މަޓާ އެރުވީ ލަނޑު ޖެހި ޖެސޭ ލިންގާޑުގެ ބަދަލުގައި 63 ވަނަ މިނެޓުގަ އެވެ. އެކަމަކު ޒަލަޓާން އިބްރަހިމޮވިޗްގެ ލަނޑާ އެކު ޔުނައިޓެޑަށް ލީޑު ލިބުމުން، އިތުރު ވަގުތުގެ ތެރޭގައި މަޓާގެ ބަދަލުގައި، އެރުވީ އަލަށް އެ ޓީމާ ގުޅުނު ހެންރިކް މިކިތަރަޔަން އެވެ.
"އަހަރެން ބޭނުންވީ (ލެސްޓާގެ) ގޭމް ހުއްޓުވަން. އަހަންނަށް އެނގޭ މަތިން ގިނަ ބޯޅަތަކެއް އޭރިއާ ތެރެއަށް ލާނެކަން. އެހެންވެ މަޓާ އަކީ އެންމެ އިސްކޮޅުން ކުރު ކުޅުންތެރިޔާ އަށް ވުމުން އޭނާ ބޭލީ. މަޓާ ރަނގަޅަށް ކުޅުނު. އަހަރެން ބޭނުންވި ކަންތައް އޭނާ ކުރި،" މޮރީނިއޯ ބުންޏެވެ.