14 ސެޕްޓެމްބަރ 2018 - 19:16

ބެންކޮކް (ސެޕްޓެމްބަރު 14) - ހަތަރު އަހަރަށް ފަހު ތައިލެންޑުގައި ސިޔާސީ ހަރަކާތްތައް ކޮންމެވެސް ވަރަކަށް ހިންގުމުގެ ހުއްދަ މިއަދު ދީފި އެވެ.
ތައިލެންޑުގައި 2014 ވަނަ އަހަރު ސިފައިން ގެނައި އަސްކަރީ ބަޣާވާތުގައި ބޮޑު ވަޒީރުކަމުން ޔިންލަކް ސިނަވަޓްރާ ދުރުކުރުމަށް ފަހު ވަނީ ސިޔާސީ ހަރަކާތްތައް މަނާކޮށްފަ އެވެ. އޭގެ ތެރޭގައި ސިޔާސީ ކަމެއްގައި ފަސް މީހުންނަށް ވުރެ ގިނައިން އެއްވުން ވެސް ވަނީ މަނާކޮށްފަ އެވެ. ނަމަވެސް ތައިލެންޑުގެ އަސްކަރީ ސަރުކާރުން މިއަދު ވަނީ ސިޔާސީ ޕާޓީތަކަށް މެންބަރުން އިތުރު ކުރުމުގެ ހަރަކާތްތަކަށް ހުއްދަ ދީފަ އެވެ. އެހެންވެ ޕާޓީތަކަށް ލީޑަރުން ހޮވުމާއި ޕާޓީތަކުގެ އެތެރޭގެ ބައްދަލުވުންތައް ބޭއްވޭނެ އެވެ. ނަމަވެސް ކެމްޕޭން ކުރުމާއި އާއްމު ސިޔާސީ އެއްވުންތައް ބޭއްވުން އަދިވެސް ވަނީ މަނާކޮށްފަ އެވެ.
ތައިލެންޑުން އަސްކަރީ ލީޑަރުން ބުނަމުން ދަނީ އިންތިޚާބު ބާއްވާނެ ތާރީޚް ލަސްތަކެއް ނުވެ އިއުލާން ކުރާނެ ކަމަށެވެ.