އަމްރިތާ ރާއޯގެ އެނބުރި އައުން ނަވާޒުއްދީން ސިއްދީގާ އެކު
އަމްރިތާ ރާއޯގެ އެނބުރި އައުން ނަވާޒުއްދީން ސިއްދީގާ އެކު

"ވިވާހް" ފަދަ ފިލްމުތައް ކުޅެފައިވާ އަމްރިތާ ރާއޯ ބޮޑު ސްކްރީނާ ދުރުގައި ހުންނަތާ ފަސް ވަރަކަށް އަހަރު ފަހުން އަނެއްކާ ވެސް ފިލްމަކުން ބެލުންތެރިންނާ ބައްދަލު ކުރަން ނިންމައިފި އެވެ.

މީގެ ދެ އަހަރު ކުރިން ރޭޑިއޯ ޖޮކީ (އާރްޖޭ) އަންމޯލްއާ ކައިވެނިކުރި ބަތަލާ އެނބުރި އަންނަ ފިލްމަކީ އިންޑިއާގެ ކުރީގެ މަޝްހޫރު ސިޔާސީ ލީޑަރެއް ކަމަށްވާ ބާލަސާހެބް ތަކެރީ ބައޮގްރަފިކަލް ޑްރާމާ "ތަކެރީ" އެވެ. އޭނާއަކީ ޝިވް ސެނާ ޕާޓީގެ ބާނީ އެވެ.

މި ފިލްމުގައި ތަކެރީގެ ރޯލް ކުޅެނީ ނަވާޒުއްދީން ސިއްދީގީ އެވެ. އަމްރިތާ ފިލްމުގައި ފެނިގެން ދާނީ އޭނާގެ އަންހެނުން މީނާ ތަކެރީގެ ރޯލުންނެވެ.

ސަންޖޭ ރައުތު ޑައިރެކްޓް ކުރާ "ތަކެރީ" ގެ ބަތަލާގެ ރޯލަށް އަމްރިތާ ނެގުމަށް ފަހު، ސަންޖޭ ބުނީ މީނާގެ ރޯލަށް އަމްރިތާ ވަރަށް ފިޓްވާ ކަމަށެވެ. އަދި ފިލްމް ބަލައިލުމުން ބެލުންތެރިންނަށް އެކަން ކަށަވަރުވެގެން ދާނެ ކަމަށް ބުންޏެވެ.

"މިހާރުގެ ފިލްމުގެ ޝޫޓިން ވެސް އޮތީ ގާތްގަނޑަކަށް ނިމިފައި. އަހަރެން ވަރަށް ހިތްހަމަޖެހޭ އަމްރިތާގެ މަސައްކަތާ ދޭތެރޭ،" ސަންޖޭ ބުންޏެވެ.

"ތަކެރީ" ގެ ޓީޒާ ޓްރެއިލާ ދާދި ފަހުން ދައްކާލާފައިވާ އިރު، މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ ޖެނުއަރީ، 25، 2019 ގަ އެވެ.

ޝާހިދު ކަޕޫރް ބޮލީވުޑަށް ތައާރަފުވި ފިލްމު އިޝްގް ވިޝްގް (2003) އިން ވިދައިލި އަމްރިތާ ކުޅުނު ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "މޭ ހޫ ނާ"، "ވެލްކަމް ޓު ސައްޖަންޕޫރް" އަދި "ޖޮލީ އެލްއެލްބީ" ހިމެނެ އެވެ.