08 އޯގަސްޓް 2016 - 08:58

ބެންކޮކް (އޮގަސްޓް 8) - ތައިލެންޑުގެ އަސްކަރީ ސަރުކާރުން ޑްރާފްޓް ކުރި ގާނޫނު އަސާސީ އަށް ރައްޔިތުންގެ ތާއީދު އޮތްކަން ހާމަކޮށްފި އެވެ.

އާ ގާނޫނު އަސާސީ އަށް އިއްޔެ ނެގި ފެންނަ ނުފެންނަ ވޯޓުގައި 61.45 ޕަސެންޓް މީހުން ވަނީ ތާއީދުކޮށްފަ އެވެ.

ތައިލެންޑަށް 2014 ވަނަ އަހަރު ސިފައިން ގެނައި އިންގިލާބަށް ފަހު އެ މީހުން ވަނީ ކުރީގެ ގާނޫނު އަސާސީ އުވާލައިފަ އެވެ. ޔިންގްލަކް ޝިނަވަތުރާގެ ސަރުކާރު ވައްޓާލުމަށް ފަހު ސިޔާސީ ހަރަކާތެއްގައި އޭނާ ފަސް އަހަރު ވަންދެން ބައިވެރި ނުވެވޭ ގޮތަށް ޖެނުއަރީ 2015 ގައި ވަނީ ސިފައިންގެ ކޯޓަކުން ހުކުމްކޮށްފަ އެވެ.
ތައިލެންޑުގެ ބޮޑު ވަޒީރު ހޮވުމުގައި އައްޔަންކޮށްފައިވާ ސެނެޓުގެ ދައުރު ބޮޑުވާ ގޮތަށް ވެސް ރައްޔިތުން އިއްޔެ ވަނީ ތާއީދުކޮށްފަ އެވެ. އެންމެ ބޮޑަށް ޚިޔާލު ތަފާތުވެފައި ވަނީ ސެނެޓުގެ 250 މެންބަރުން އަސްކަރީ ސަރުކާރުން އައްޔަން ކުރާ ގޮތަށް އޮތުމުންނެވެ. ސިފައިން ބަޣާވާތް ކުރުމުގެ ކުރިން އޮންނަނީ ސެނެޓުގެ ދެބައިކުޅަ އެއްްބައި އިންތިޚާބު ކުރާ ގޮތަށެވެ. އެހެންކަމުން ގާނޫނު އަސާސީ އަށް މިހާރު ގެނައި ބަދަލުގެ ދަށުން އެއްވެސް ޕާޓީއަކަށް ޕާލަމެންޓުގެ އަޣުލަބިއްޔަތު ނުލިބިއްޖެ ނަމަ ބޮޑު ވަޒީރު އައްޔަން ކުރުމުގައި ސިފައިން އައްޔަންކޮށްފައިވާ ސެނެޓުގެ ދައުރު ބޮޑުވާނެ އެވެ.
ވޯޓުލާން 55 ޕަސެންޓް މީހުން ނުކުމެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެ އެވެ. މިއީ ކުރިން އަންދާޒާ ކުރި 80 ޕަސެންޓަށް ވުރެ މާ ދަށް އަދަދެކެވެ. ވޯޓުލުމުގެ ހައްގު 50 މިލިއަން މީހުންނަށް ލިބިގެންވެ އެވެ. ވޯޓުލަމުން ދިޔަ އިރު ސަލާމަތީ ކަންކަން ބެލެހެެއްޓުމަށް ވަނީ 200،000 ފުލުހުން ނެރެފަ އެވެ. ވޯޓުލުން ކުރިއަށް ދިޔައީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާ ވަރަށް އަމާންކަމާ އެކު އެވެ.
އާ ގާނޫނު އަސާސީއާ ދެކޮޅަށް ކެމްޕޭން ކުރުން އޮތީ މަނާކޮށްފަ އެވެ. އަދި ވޯޓުގެ ކުރިން އެތައް ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ. ތައިލެންޑުގެ ބޮޑެތި ސިޔާސީ ޕާޓީތަކުން ވަނީ އާ ގާނޫނު އަސާސީއާ ދެކޮޅު ހަދައިފަ އެވެ. އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ މިއީ ސިފައިންގެ ބާރު އިތުރަށް ގަދަކޮށް ޑިމޮކްރެސީއާ ދުރަށް ގައުމު ގެންދާނެ ގާނޫނު އަސާސީއެއް ކަމަށެވެ.