26 މެއި 2016 - 00:15

މިދިޔަ މަހުގެ 13 ވަނަ ދުވަހު، ވަޅޯ މަސް މާރުކޭޓް ސަރަހައްދުގައި މާރާމާރީ ހިންގައި މޫދަށް އެއްލާލުމުން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދިޔަ މީހާ މިއަދު މަރުވެއްޖެ އެވެ.
ސ. ފޭދޫ، ޓައިނީ ވޭވް، އަހްމަދު ރިޔާޒް، 41، މަރުވީ މާރާމާރީގައި އޭނާގެ ބޮލަށް ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަނިކޮށް މިއަދު މެންދުރެވެ. ޑޮކްޓަރުންނާ ހަވާލާދީ، އާއިލާ އިން ބުނީ އެ މާރާމާރީގައި އޭނާގެ ބޮލަށާއި ފުއްޕާމެ އަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.
ރިޔާޒުގެ އަންހެން ކޮއްކޮއަކު ބުނިގޮތުގައި އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ލަފާގެ މަތިން އޭނާ އިންޑިއާ އަށް ގެންގޮސްގެން ވެސް ފަރުވާދިނެވެ. އިންޑިއާ އަށް ގެންދިޔައިރު ވެސް ރިޔާޒަށް ލިބުނު އަނިޔާތަކާ ގުޅިގެން އޭނާ ހެއެއް ނާރަ އެވެ.
"އިންޑިއާ އަށް ގެންގޮސްގެން ފަރުވާ ދިނީމަ ކުޑަކޮށް ރަނގަޅުވަމުން އައީ. އޭރު ޑޮކްޓަރުން ބުނީ ސިކުނޑީގެ އެއް ފަޅި ވަނީ މަރުވެފައޭ. ރަނގަޅުވާން ހައެއްކަ މަސްވަރު ނަގާނެއޭ،" އާއިލާ އިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
އޭނާ ބުނިގޮތުގައި، އިންޑިއާގައި ފަރުވާ ދިނުމަށް ފަހު މާލެ ގެނެސް އައިޖީއެމްއެޗުގައި އޮތް މުއްދަތުގައި ރިޔާޒުގެ ހާލަތަށް މާބޮޑު ބަދަލެއް ނާދެ އެވެ.
ކަންނެލި މަސްވެރިކަންކޮށް އުޅޭ ރިޔާޒަށް ބަޔަކު އަނިޔާކުރި ސީދާ ސަބަބެއް އާއިލާ އިން ވެސް ނުބުނެ އެވެ. އާއިލާ އިން ބުނީ، އޭނާގެ ގައިގައި ބަޔަކު ތަޅައިގަތީ ވައްކަމުގެ ތުހުމަތު އަޅުވައި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ރިޔާޒް ގައިގައި ތަޅައިގަތް މައްސަލާގައި ފުލުހުން ދެ މީހަކު ހައްޔަރުކޮށް އެ މީހުންގެ ބަންދުގެ މުއްދަތު ވެސް އިތުރުކުރި އެވެ.