ކަރީނާ ކަޕޫރް ރޭޑިއޯ ޝޯއެއް ހޯސްޓް ކުރަނީ
ކަރީނާ ކަޕޫރް ރޭޑިއޯ ޝޯއެއް ހޯސްޓް ކުރަނީ

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރް ރޭޑިއޯ ޝޯއެއް ހޯސްޓްކުރަން ތައްޔާރު ވާން ފަށައިފި އެވެ.

އޭނާ ހޯސްޓްކޮށްދޭ ޝޯއާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހާމަކޮށްފައި ނެތަސް މި ޝޯއަކީ އިޝްގް 104.8 އެފްއެމުން ގެނެސް ދޭން ހަމަޖެހިފައިވާ ޝޯއެކެވެ. ކަރީނާގެ ޝޯ އޮންއެއާ ކުރަން ފަށާނީ އަންނަ ޑިސެމްބަރު މަހު އެވެ.

ނަމަވެސް އޭނާ ހުށަހަޅައިދޭ ޝޯގެ ނަމާއި އެއީ ކޮން ކަހަލަ ޝޯއެއް ކަމެއް އަދި ހާމައެއް ނުކުރެ އެވެ. މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރް ވެސް އިޝްގް އެފްއެމް އިން "ކޯލިން ކަރަން" ގެ ނަމުގައި މިހާރު އަންނަނީ ޝޯއެއް ގެނެސް ދެމުންނެވެ.

ކަރީނާ ޝޯގެ ތައްޔާރީތައް ވަމުން އަންނަ އިރު، މި ޝޯގެ ޕްރޮމޯޝަނަށް ދާދި ފަހުން ވަނީ ފޮޓޯ ޝޫޓެއް ވެސް ބާއްވައިފަ އެވެ.

މިދިޔަ ޖޫން މަހު ރިލީޒް ކުރި "ވީރޭ ދީ ވެޑިން" އަށް ފަހު، ކަރީނާ މިހާރު ވަނީ ދެ ފިލްމަކަށް ސޮއި ވެސް ކޮށްފަ އެވެ. އެއީ ކަރަންގެ ދެ ފިލްމެކެވެ.

އެއް ފިލްމަކީ ކަރަން ޕްރޮޑިއުސް ކުރާ "ގުޑް ނިއުސް" އާއި އޭނާ ޕްރޮޑިއުސްކޮށް، ޑައިރެކްޓް ކުރާ "ތަހުތު" އެވެ.

އަކްޝޭ ކުމާރާ އެކު ކަރީނާ ފެނިގެންދާ "ގުޑް ނިއުސް" ސިނަމާތަކަށް އަންނާނީ ޖުލައި، 19، 2019 ގަ އެވެ. އަދި ކަރީނާއާ އެކު ބޮޑު ކާސްޓެއް ހިމެނޭ ތާރީހީ ލޯބީގެ ފިލްމް "ތަހުތު" ސިނަމާތަކަށް އަންނާނީ 2020 ގަ އެވެ.